ދުނިޔެ

އައިއެސް އިން އިރާގުގެ ރަމާދީ ވެސް ހިފައިފި

ބަޣުދާދު (18 މެއި) - އިރާގުގެ ރަމަދީގައި މަގާމުތައް ހަދައިގެން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ އިރާގުގެ ސިފައިން އެ ސަރަހައްދުން ފައްސާލުމަށް ފަހު އައިއެސްގެ ބާރުގެ ދަށަށް ރަމާދީ ގެންގޮސްފި އެވެ.

މިއީ އިރާގުގެ އެންމެ ބޮޑު ޕްރޮވިންސްގެ ގޮތުގައި އޮތް އަންބާރުގެ ވެރިރަށެވެ. މި ރަށް އައިއެސް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިއުމަކީ އިރާގުގެ ވެރިރަށް ބަޣުދާދު ހިފުމަށް އެމީހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރަމާދީ އާއި ބަޣުދާދާ ދެމެދު އޮތީ 112 ކިލޯމީޓަރު (70 މޭލު) ގެ ދުރު މިނެކެވެ.

އައިއެސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރަމާދީގެ ފުރިހަމަ ކޮންޓްރޯލް އަތުލެވިއްޖެ ކަމަށާއި އެތަނުގައި ތިބި ސިފައިން ދޫކޮށްފައި ދިޔަ ޓޭންކަރުތަކާއި ބޮޑު ބަޑިތަކުގެ އިތުރުން ރޮކެޓް ލޯންޗަރު ފަދަ ހަތިޔާރުތައް ވެސް މިހާރު އައިއެސްގެ ހަނގުރާމަވެރިންގެ އަތަށް އަރާފައިވާ ކަމަށެވެ.

ރަމާދީ އައިއެސްގެ ބާރުގެ ދަށަށް ގޮސްފައިވާކަން އަންބާރުގެ މައި ސަރުކާރުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އައިއެސް އިން ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް މި ހަފުތާ އަކީ އެމީހުންނަށް އެމެރިކާ ސިފައިންގެ ނުރައްކާ ބޮޑުވެފައިވާ ހަފުތާއެކެވެ. އެގޮތުން ސީރިއާގައި އައިއެސް އިން ހިންގި ކުއްލި އަސްކަރީ ހަރަކާތެއްގައި އައިއެސްގެ މުހިންމު ކޮމާންޑަރަކު މަރާލާފައިވާއިރު ވައިގެ މަގުން އިރާގުގައި އައިއެސްގެ މަގާމުތަކަށް ދެމުން ގެންދާ ހަމަލާތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.