ވިޔަފާރި

އީސްޓާ ހޮލިޑޭއަށް ގިނަ އަދަދެއްގެ މަހުޖަނުން ރާއްޖެއަށް

"އީސްޓާ" ހޮލިޑޭ ފާހަގަ ކުރަން ގިނަ އަދަދެއްގެ މަހުޖަނުން ރާއްޖެ އައުމާއެކު، ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އިއްޔެ 29 ޕްރައިވެޓް ޖެޓް ވީއައިއޭގައި ޕާކް ކޮށްފައިވާ ކަމަށެވެ. އީސްޓާ ހޮލިޑޭއަކީ ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރަށް ދަތުރުކުރާ ދުވަސް ވަރެކެވެ.

ވެލާނާ އިންޓަނޭޝަނަލަށް މި އަހަރުގެ އާ އަހަރު ފާހަގަ ކުރަން އައި މަހުޖަނުންނާއެކު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖެއްސި އެވެ. އަދި ފްލައިޓްވެސް ވަނީ އިތުރުވެފަ އެވެ. އެ ދުވަހު 644 މޫވްމެންޓް ވީއައިއޭގައި ހިނގާފައިވާއިރު މިދިޔަ އަހަރު ފްލައިޓްގެ ހަރަކާތެރިކަން އުޅެނީ 560 ގަ އެވެ. މީގެތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް 108 ފްލައިޓާއި ޑޮމެސްޓިކް 94 އަދި ސީޕްލޭންގެ 542 މޫވްމެންޓެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.3 މިލިއަން މީހުން އައިސްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ގިނަ ބުކިންތަކެއް ކެންސަލްވުމުން މި އަހަރު ޓޫރިސްޓު އެރައިވަލް ދަށްވާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.