ރިޕޯޓް

ވިޔަފާރިތައް އަލުން 24 ގަޑިއިރަށް: ހެޔޮ ބަދަލެއްތަ؟

Apr 3, 2018
15

ސައުވީސް ގަޑިއިރު ވިޔަފާރި ހުޅުވާފައި ބެހެއްޓުމުގެ ތަޖުރިބާއެއް ކުރިން ދިވެހިން ކޮށްފި އެވެ. އެއަށްފަހު އަނެއްކާ ވެސް ސަރުކާރުން މިވަނީ ވިޔަފާރިތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދޭން ތައްޔާރު ވެފަ އެވެ. މި ނިންމުން ވެގެންދާނީ އިގްތިސާދީ ގޮތުން ފާހަގަ ކުރެވޭ ކަމަކަށެވެ. އަދި މިއީ އިޖުތިމާއީ ގޮތުން ވެސް އާއްމު ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ވާނެ އެވެ. ސުވާލަކީ 24 ގަޑިއިރު ވިޔަފާރިތައް ހުޅުވަން ހުއްދަ ދިނުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ ނުވަތަ މި ނިންމުން ގޯސް ހެއްޔެވެ؟

"ސައުވީސް ގަޑިއިރު ވިޔަފާރިތައް ހުޅުވަން ހުއްދަ ދޭން މަޝްވަރާ ކުރަމުން މިދަނީ. އެކަމަށް ގޮތެއް ނިންމުމުގެ ކުރިން، ދެކޮޅަށް ވެސް ވިސްނާނެ،" އިކޮނޮމިކް މިނިސްޓަރުގެ ނައިބް އާދަމް ތައުފީގު "އަވަސް" އަށް ވިދާޅުވި އެވެ.

ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓުތަކަށް 24 ގަޑިއިރު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ މީގެ ހަތް އަހަރު ކުރިން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ފަހަރު ބޮޑެތި ވިޔަފާރިތަކާއި ކުދި ކަންމަތީ ފިހާރަތަކަށް ވެސް މި ހުއްދަ ދިނެވެ. މިކަން ވެގެން ދިޔައީ މާލެތެރޭގެ ހަރަކާތްތައް އިތުރުވި ކަމަކަށެވެ. މި ބަދަލާއެކު ދަންވަރު ހޭލައި އުޅެން އާދަވެފައި ތިބި ގިނަ ބަޔަކަށްވީ ބޮޑު އީދެއް އައުމަށެވެ. އަދި ވިޔަފާރި ތަކަށް މީގެން ބޮޑު ފައިދާ އެއް ލިބުނެވެ. ނަމަވެސް 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި މި ނިންމުން ބަދަލުކޮށް، މި ހުއްދަ ބާތިލް ކުރި އެވެ.

ނަމަވެސް، ބައެއް މީހުންގެ ނަޒަރުގައި ވެރިރަށް މާލޭގައި 24 ގަޑިއިރު ހުޅުވައިގެން ހުއްދަދޭ ބައެއް ތަންތަން ހުންނަން ޖެހެ އެވެ. އެފަދަ މީހުންގެ ނަޒަރުގައި ދަންވަރު ކާލަން ވަންނަން ބޭނުންވާ ބަޔަކަށް އެކަން ކުރެވެން ވާނެ އެވެ. އަދި ކޮންމެ ފަދަ ވަގުތެއްގައިވެސް އެއްޗެއް ގަންނަން ޖެހިދާނެ އެވެ. އެހެންވެ އާއްމު ދިރިއުޅަށް ބޭނުންވާ ސާމާނު އަބަދު ވެސް ލިބެން ހުންނަން ޖެހެ އެވެ.

ހަރުދަނާ އުސޫލެއް ބޭނުން

މިނިސްޓްރީގެ ނައިބް އާދަމް ވިދާޅުވީ މި ފަހަރު ހުއްދަ ދިނުމުގެ ކުރިން އެ ގަޑީގައި އެންމެ ބޭނުންވާނެ ކަންތައް ވެސް ބަލާނެ ކަމަށެވެ.

"ފިހާރަތަކުގައި ހުންނަން ޖެހެނީ ކޮން ކަހަލަ ސިފަ ތަކެއް ތޯ؟ އެ ގަޑީގައި ބޭނުން ވަނީ އެއްޗިއްސެއް ތޯ؟ މިފަދަ ގިނަ ކަންތައް ތަކަށް ބަލާނެ. ފިހާރަ ހުންނަން ޖެހޭ ގޮތް ވެސް. އެ ޕޮލިސީ ރިވިއު ކުރަމުން މި ދަނީ،" އާދަމް ވިދާޅުވި އެވެ.

އެހެން ގައުމުތައް ކިހިނެއް؟

ދުނިޔޭގެ ގިނަ ގައުމުތަކުގައި 24 ގަޑިއިރު ހުޅުވައިގެން ވިޔަފާރިކުރާ ތަންތަން ހުރެ އެވެ. އެމެރިކާ އަށް ބަލާނަމަ "ވޮލްގްރީންސް" އާއި "ވޮލްމާޓް" ގެ ފިހާރަތަކަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނެވެ. އަދި އިނގިރޭސިވިލާތުގެ "ޔުއާ ފުޑްސެންޓާ" އާއި "ޓެކްސްކޯ އެކްސްޕްރެސް" ފަދަ ތަންތަނުންވެސް 24 ގަޑިއިރު މުދާ ވިއްކާނެ އެވެ. އަދި ޖަރުމަނުގެ ބާލިންގައި ހުންނަ "އިޑިކާބާލިނާ" ފަދަ ސުޕަމާކެޓުތައް ހިމެނެ އެވެ.
މީގެ އިތުރުން "ސެވަން އިލަވަން" ގެ މާޓް ތަކަކީ ގިނަ ގައުމުތަކުގައި 24 ގަޑިއިރު ހުޅުވާ ތަންތަނެވެ. ނަމަވެސް މި ތަންތަން ހުޅުވަން ހުއްދަ ދީފައި ހުންނަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރެވޭ ގޮތަށެވެ. ވަކިން ހާއްސަ ކަންތައް ތަކެއް ލާޒިމްކޮށްފަ އެވެ. އެހެންވީއިރު ރާއްޖޭގައި ވެސް މި ފަދަ ހަރުދަނާ ގައިޑްލައިން ތަކެއް ހުންނަން ޖެހޭނެ އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި "އަވަސް" އަށް ވިދާޅުވި ގޮތުގައި 24 ގަޑިއިރު ހުއްދަ ދިނުމަކީ ރަނގަޅު ކަމެއްނަމަވެސް މިއީ ރަނގަޅަށް މޮނީޓާ ކުރެވޭ ޖެހޭ ކަމެކެވެ.

"ކުރިން ހުއްދަ ބާތިލް ކުރުމަށްފަހު އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވި ރޭގަނޑު ފިހާރަ ހުޅުވުމަކ ކްރައިމް ގިނަވާ ކަމެކޭ. އެކަން ފާހަގަ ކުރެވެއޭ. އެހެންވީއިރު ފުލުހުން ޖެހޭނެ މިކަމަށް ވަރަށް ސަމާލުވާން. އެބޭފުޅުން ޖެހޭނެ އެކަމަށް ވަރަށް ބޮޑަށް ބަލަން. އެހެންނޫނީ މިކަންތައް ބޮއްސުންލާނެ،" ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ހުޅުވުމުގެ ހުއްދަ ދޭން ތައްޔާރުވާއިރު މި ހުރީ ހައްތަހާ ވެސް ވިސްނަން ޖެހޭ ކަންތައް ތަކެކެވެ. މީގެ ސަބަބުން ލިބޭނެ ފައިދާ އާއި ލިބި ދާނެ ގެއްލުމަކަށް ވެސް ރަނގަޅަށް ބަލަން ޖެހެ އެވެ.