މިއުޒިކް

އަމިއްލަ ރާގަށް އިސްކަން ނުދެއެކޭ މިހާރު ނުބުނެވޭނެ!

މީގެ ޒަމާންތަކެއް ކުރިއަށް ދާނަމަ ދިވެހި ފިލްމުތަކުން މުޅިން ވެސް ފެނިގެންދަނީ ކޮޕީ ރާގުގެ ލަވަތަކެވެ. އެންމެ އާންމުކޮށް ހުންނާނީ ހިންދީ ރާގުތަކެވެ. އިނގިރޭސި އާއި އަރަބި އަދި އިތުރު ރާގުތަކަށް ވެސް ލަވަ ހަދާފައިހުރެ އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ އިތުރަށް މިއުޒިކު އިންޓަސްޓްރީގައި ވެސް ކަން އޮތީ ހަމަ މިހެނެވެ. ގިނަ ފަންނާނުން ކިޔާ އުޅުނީ ކޮޕީ ލަވަތަކެވެ.

އޭރު ދިވެހި ލަވަކިޔުންތެރިންނަށް އަދި އޯޑިއެންސަށް ވެސް މިއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ކޮޕީ ރާގުތައް ކަމުވެސް ދިޔަ އެވެ. ކޮޕީ ރާގުތަކަށް ކީ ލަވަތައް އެންމެ ހިޓުވި ދިވެހި ލަވަތަކުގެ ލިސްޓުގައި ވެސް އެބަހުއްޓެވެ. މިއަދުވެސް އެ ލަވަތަށް ފޫހި ކަމެއް ނެތި އަޑުއަހާ މީހުން އެބަތިއްބެވެ.

ދިވެހި އޯޑިއެންސްއަށާއި ފަންނާނުންނަށް މިކަން މައްސަލައަކަށްވީ ދާދި ފަހުންނެވެ. ރަނގަޅު ވާހަކަ އެކެވެ. އަމިއްލަ ރާގަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. އެހެން ގައުމެއްގެ ބަޔަކު އުފައްދާ ކިޔާފައިވާ ލަވަތަކަށް ލަވަތައް އުފެއްދުމުގެ ބޭނުމެއް ނެތެވެ. އަމިއްލަ ރާގުގެ ރީތި ކޮލިޓީ ފެންވަރުގެ ލަވަތައް ހެދޭނެ ކުޅަދާނާ ފަންނާނުންނާއި މިއުޒީޝަނުން ރާއްޖޭގައި އެބަތިއްބެވެ. ކޮޕީ ރާގުގެ ބޭނުމެއް މީހާރަކު ނެތެވެ.

ކުރީގައި އެކަން އެގޮތަށް ހިނގީ ވަސީލަތްތައް މަދުވުމާއި ކަމަށް ގާބިލު މީހުން ނެތުމުން ކަމަށްވެދާނެ އެވެ. ނަމަވެސް އެ ލަވަތަކަށް ލިބުނު ބޮޑު ތަރުހީބުން ހާމަވާ އެއްކަމެއް އެބައޮތެވެ. ކޮޕީއަކަސް އަދި ވަސީލަތްތަކާއި ކަމަށް ގާބިލު މީހުން މަދު ނަމަވެސް އޭރުގައި ވެސް ދިވެހި ފަންނާނުން ކުޅަދާނަކަށް ދައްކުވައިދިނެވެ.

ސިމްބޮލިކް ރެކޯޑްގެ ލަވަ "ކުރުވާހަކަ" - ޓޯއީ އަދި ރައިޑޭ.

ކޮޕީ ރާގަށް ލަވަ ހަދަނީ ހަމައެކަނި ދިވެހިނެއް ވެސް ނޫނެވެ. ދިވެހިން އެންމެ ގިނައިން މިނެ ކިރާ ބޮލީވުޑާއި ހޮލީވުޑްގައި ވެސް އެކަންކުރެ އެވެ. ލަވަ އެކަންޏެއް ނޫން ފިލްމުތައް ވެސް ކޮޕީ ކުރެ އެވެ. ތަފާތަކީ އެމީހުން އެކަންކުރާއިރު "ކޮޕީ" މި ބަސް ބޭނުން ނުކުރާ ކަމެވެ.

އެމީހުން ބޭނުންކުރާ ބަހަކީ "އިންސްޕިރޭޝަން" ނުވަތަ އެއިން މިސާލު ނަގައިގެން މަސައްކަތް ކުރުމެވެ. ލަވަ އާއި ފިލްމުތައް އެގޮތަށް ގެނެސްދެނީ އޮރިޖިނަލް ޕްރޮޑަކްޓު ތައްޔާރުކުރި ފަރާތުގެ ހުއްދަ ހޯދައިގެން އެމީހުންނަށް ކްރެޑިޓް ވެސް ދީގެންނެވެ. ރާއްޖޭގައި ގޯހުންދާ ކަމަކީ މިއެވެ. އޮރިޖިނަލް ޕްރޮޑަކްޓް ތައްޔާރުކުރި ފަރާތަށް ހައްގުވާ ކްރެޑިޓްސް ގިނަ ފަހަރަށް ނުދެވެ އެވެ.

ގިނަ ބަޔަކު އެއްބަސްނުވި ނަމަވެސް ދިވެހި ފިލްމުތަކާއި މިއުޒިކު އިންޑަސްޓްރީގައި އަމިއްލަ ރާގުތައް މިހާރު ގިނަ އެވެ. މިދިޔަ އަހަރު ދިވެހި ސިނަމާގައި ދެއްކި އެންމެ ކާމިޔާބު ފިލްމުތަކުގައި ވެސް ގިނައީ އަމިއްލަ ރާގުތަކެވެ. މިދިޔަ އަހަރުގެ އެންމެ ބޮޑު ދެ ފިލްމު "ބޮސް" އަދި "ހައްދު" ގައިވެސް ބޭނުން ކޮށްފައި ވަނީ އަމިއްލަ ރާގުގެ ލަވަތަކެވެ.

ލަވަކިޔުންތެރިންގެ އަމިއްލަ ސިންގަލް ލަވަތަކުގެ ތެރޭގައި ވެސް މިހާރު އަމިއްލަ ރާގުތައް ގިނަ އެވެ. މަދު އަދަދެއްގެ ފިލްމު އުފައްދާ މީހުނާއި މިއުޒީޝަނުން ތިބި އިންޓަސްޓްރީއެއްގައި މިއީ ބޮޑު ކާމިޔާބީއެކެވެ.

މޫޝަންގެ ލަވަ "ރީތިކަން".

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ މިހާރު ދިވެހި ފިލްމުތަކުގައި އަމިއްލަ ރާގު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ.

މީގެ ކުރިން ނަހުލާގެ ފިލްމުތަކުގައި ވެސް ކޮޕީ ރާގުތައް ބޭނުންކޮށްފައިވެ އެވެ. ކޮޕީ ލަވަތަކަށް ވިއަސް އެ ލަވަތަކަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ލަވަތަކެކެވެ. އެކަމަކު ނަހުލާ ވެސް މިހާރު ވަނީ ކޮޕީ ރާގުތައް ދޫކޮށްލާއި އަމިއްލަ ރާގުގެ ލަވަތައް ތައްޔާރު ކުރުމަށް އަމާޒުހިފާފަ އެވެ. ފިލްމު "ބޮސް" ގެ ލަވަތަކަކީ އޭގެ ފެށުން ކަމަށް ވެދާނެ އެވެ.

"އަޅުގަނޑު ދެން ބޭނުންކުރާނީ މުޅިންވެސް އަމިއްލަ ރާގު. އޮރިޖިނަލް އަމިއްލަ ސްޓޯރީއަކަށް ވިއްޔާ ޔަގީނުންވެސް." ނަހުލާ ބުންޏެވެ.

ފިލްމު "ބޮސް" ގެ ޑައިރެކްޓަރު އަދި މިދިޔަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި ފިލްމު "ވިޝްކާ" އިން ބެސްޓް އެކްޓްރެސްގެ އެވޯޑު ހޯދި އައިޝަތު ރިޝްމީ ބުނީ ފިލްމުތަކުގައި އަމިއްލަ ރާގަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. ރިޝްމީގެ އާއިލީ ޕްރޮޑަކްޝަން "ޔާރާ" އިން މިހާތަނަށް ގެނެސްދިން ފިލްމުތަކުގައި މަދުން ނަމަވެސް ކޮޕީ ރާގުތައް ބޭނުންކުރި ނަމަވެސް އަމިއްލަ ރާގުތަކަށް އިސްކަންދީފައި ހުންނާނެ ކަމަށް ރިޝްމީ ބުންޏެވެ.

"ކުރިއަށް އޮތްތަނުގައި ހަމަ އަމިއްލަ ރާގުގެ ލަވަތައް ގެނެސްދޭނީ. ކޮޕީ ރާގު ގެނެސްދެން ގަސްތެއް ނުކުރަން."

ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ޕްރޮޑަކްޝަންގެ ކުޑައިގެން ދަށުން ނިކުންނަ ހުރިހާ ފިލްމުތަކެއްގައި ވެސް އަމިއްލަ ރާގުތަކަށް އިސްކަންދޭ ކަމަށެވެ.

ފިލްމު "ވާށޭ މަށާ އެކީ"ގެ ލަވައެއް.

"މިހާތަނަށް ޑާކްރެއިންގެ ފިލްމެއްގައި އިންނާނީ އެންމެ ކޮޕީ ރާގު ލަވައެއް ގެނެސްދީފަ. އެއީ ޑާކްރެއިން ފުރަތަމަ ފައްޓައިގެން އުޅުނު ދުވަސްކޮޅުގައި. އެ ފިލްމުގައި އުޅޭ އެކްޓަރަކު ބޭނުންވެގެން އެ ލަވަ ލީ."

އޭރު އެގޮތަށް ފުރުސަތެއް ދިން ނަމަވެސް މިހާރު ހުރިހާ ފިލްމެއްގައި ވެސް އަމިއްލަ ރާގުތަކަށް އިސްކަން ދޭ ކަމަށް މޮގާ ބުންޏެވެ. މޮގާ ބުނީ ކުރިއަށް އޮތްތަނުގައި ވެސް އިސްކަންދޭނީ އަމިއްލަ ރާގަށް ކަމަށެވެ. ޑާކްރެއިންގެ އެންމެފަހުން ނިކުތް ފިލްމު "ވަކިން ލޯބިން"ގައިވެސް ބޭނުންކޮށްފައިވާ ހުސް އަމިއްލަ ރާގެވެ.

އިކުއެޓިކް ވައިބްގެ ލަވަ "ހިމޭންކަން" - ޝަމްއޫ.

އަމިއްލަ ރާގުތައް ކުރިއެރުވުމަށް ދިވެހި މިއުޒީޝަނުންނާއި ރެކޯޑު ލޭބަލްސްތަކުން ވެސް މިހާރު މަސައްކަތްކުރެ އެވެ. އެގޮތުން ރާއްޖޭގެ މިހާރު އެންމެ މަޝްހޫރު އެއް ރެކޯޑު ލޭބަލް ކަމަށްވާ "ސިމްބޮލިކް ރެކޯޑް" އިން ކޮޕީ ރާގައި ދެކޮޅަށް ކެމްޕެއިނެއް ފަށާއި ދިވެހި ފަންނާނުންނަށް އަމިއްލަ ރާގުތައް ތައްޔާރުކުރުމަށް ހިތްވަރުދީ މަސައްކަތް ވަނީ ފަށާފަ އެވެ.