"ސްޓާ ވޯޒް" ފިލްމު ސީރިޒްގެ ކެރެކްޓާ ޕްރިންސެސް ލިއާގެ ރޯލަށް މެރީލް ސްޓްރީޕް ގެނައުމަށް އެ ފިލްމު ސީރީޒްގެ ފޭނުން ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޕްރިންސެސް ލިއާގެ ރޯލުން މީގެ ކުރިން ފެނިގެންދިޔައީ ޑިސެމްބަރު 2016 ގައި ނިޔާވި މަޝްހޫރު އެކްޓްރެސް ކެރީ ފިޝާ އެވެ.
ފޭނުން މިހާރު އަންނަނީ މި ފިލްމު ސީރީޒް ގެނެސްދޭ ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ޑިޒްނީ އާއި ލޫކަން ފިލްމްސް އަދި ޑައިރެކްޓަރު ޖޭޖޭ އަބްރަމްސްގެ އަރިހުން މި ބަދަލު ގެނައުމަށް އެދެމުންނެވެ. މެރީލްއަށް މި ރޯލު ދޭން އުޅޭ ކަމަށްވެސް ޝޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް މި ހަބަރު އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މެރީލްއަށް މިރޯލު ދޭންޖެހޭކަމަށް ބުނެ ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ޕްރިންސެސް ލިއާގެ ރޯލަށް އެންމެ ފިޓު ވަނީ އޭނާ ކަމަށެވެ.
"ތިން އޮސްކާ އެވޯޑާއި 20 އޮސްކާ ނޮމިނޭޝަނާއެކު މެރީލްއަކީ ކާމިޔާބު އެކްޓްރެސްއެއްގެ ގޮތުގައި ފާހަގަކުރެވޭ. އަދި މެރީލް ސްޓްރީޕް އަކީ ކެރީ ފިޝާގެ ގާތް ރަހުމަތްތެރިޔަކަށްވެފައި މިކަން ކުރަން އޭނާއަށް ޖެލެންޖަކަށްވެސް ވެދާނެ. އެކަމަކު އަހަރެމެން އުއްމީދު ކުރަނީ ކުރިއަށް އޮތް ސްޓާ ވޯޒްގެ ނުވަ ވަނަ ފިލްމުގައި މެރީލް އެ ރޯލުން ފެނިގެންދާނެ ކަމަށް."
މި ޕެޓިޝަންގައި މިހާތަނަށް 8500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ނަމަވެސް މި ވިސްނުމާއި ދެކޮޅު ސްޓާ ވޯޒްގެ ފޭނުންވެސް އެބަތިއްބެވެ. އެ ފަރާތްތަކުންދަނީ މިއީ ރަނގަޅު ހިޔާލެއް ނޫން ކަމަށާއި ޕްރިންސެސް ލިއާގެ ރޯލަށް ފިޓުވާނެ އެކަކުވެސް ނެތް ކަމަށް ބުނަމުންނެވެ.
ސްޓާ ވޯޒް ނުވަ ވަނަ ފިލްމުގެ މައިގަނޑު ފޯކަސްއެއްގެ ގޮތުގައި ކުރިން ހަމަޖައްސާފައި އޮތީ ޕްރިންސެސް ލިއާ އެވެ. ނަމަވެސް ކެރީ ނިޔާވުމާއި ގުޅިގެން ފިލްމުގެ ސްކްރިޕްޓު މިހާރު އެއްކޮށް ބަދަލުކޮށްފައިވާ ކަމަށް ޕްރޮޑިއުސަރުން ބުނެފައިވެ އެވެ. މި ފިލްމު ސިނަމާއަށް ގެންނަ ހަމަޖައްސާފައި އޮތީ އަންނަ އަހަރު އެވެ.