ބޮލީވުޑް

ޗައިނާއަށްފަހު އާމިރް ހާންގެ މިސްރާބު ހޮން ކޮންގަށް

އާމިރް ހާންގެ އެންމެފަހުގެ ދެ ފިލްމުކަށްވާ "ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ"އަށް އިންޓަނޭޝަލަން މާކެޓުގައި، ހާއްސަކޮށް ޗައިނާގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

ދަންގާލަށް ޗައިނާ އިން 190 މިލިއަން ޑޮލަރު ލިބުނުއިރު، ސީކްރެޓް ސުޕަސްޓާއަށް މިހާތަނަށް 11.61 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އާމިރް މިހާރު އަންނަނީ ހޮން ކޮންގެ މާކެޓުގައި ސީކްރެޓް ސުޕަސްޓާ ދެއްކުމަށް މިސްރާބުޖަހާފަ އެވެ.

މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އަދަޝްކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސީކްރެޓް ސުޕަސްޓާގެ ޕްރީވިއު ޝޯއެއް މިހާރުވެސް ހޮން ކޮންގުގައި ދައްކާފައިވާ ކަމަށެވެ. އެ ޝޯއިން އެކަނިވެސް 55 ލައްކަ ރުޕީސް ވަނީ ލިބިފަ އެވެ.

ތަރަން އަދަޝްކުރި ޓުވީޓު.

ޗައިނާގެ މާކެޓުގައި ފިލްމުތަކުގެ ކާމިޔާބީ އާއި ބެހޭގޮތުން ވާހަކަދައްކަމުން އާމިރް މީގެ ކުރިން ބުނެފައި ވަނީ، "އަހަރެންގެ ފިލްމުތަކެއް ޗައިނާގައި ދައްކައިފިން. އަހަންނަށް އެނގުނު އެއްޗަކީ އަސަރުގަދަ ފިލްމުތަކަކީ ގިނަ ބަޔަކަށް ކަމުދާ ފިލްމުތަކެއްކަން. އިންޑިއާގެ ވާހަކަތައް މީހުންގެ ހިތްތަކާއި ކުޅެލާއި، އެއީ ޗައިނާއާއި އިންޑިއާގެ ސަގާފަތުގައި އެއްގޮތް ކަންތަކެއް ހުރުމުން. ޗައިނާގެ ފިލްމުތައް އަހަރެމެން ބަލާއިރުވެސް އެހެންވޭ." ކަމަށެވެ.

އާމިރް މިހާރު ތައްޔާރުވަމުން އަންނަނީ މިއަހަރު ރިލީޒްކުރާ އޭނާގެ އާ ފިލްމު "ތަގް އޮފް ހިންދުސްތާން" އަށެވެ. އާމިރްއާއެކު އަމީތާބް ބައްޗަން، ކެޓްރީނާ ކައިފް، އަދި ފަތިމާ ސަނާ ޝެއިހް މި ފިލްމުން ފެނިގެންދެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ ނޮވެމްބަރު މަހު ހަތެއްގަ އެވެ.