ޔުވެންޓަސް އާ ދެކޮޅަށް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލު މެޗުގައި ކާމިޔާބު ވިޔަސް، މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ތަފާތު ވާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގްގައި، ކްއާޓާ ފައިނަލު ފުރަތަމަ މެޗުގައި، މިރޭ ޔުވެންޓަސްއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ޒިދާން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެއް ކުޅުންތެރިންތަކެއް ތިބި ނަމަވެސް މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ތަފާތު ވާނެ ކަމަށެވެ.
ޒިދާން ބުނީ، ޔުވެންޓަސްއާ ދެކޮޅަށް މި އަހަރު ނިކުންނައިރު މި ސީޒަން ދިޔައީ އޭނާ އެންމީދު ކުރި ގޮތަށް ނޫން ކަމަށާއި އެއީވެސް މިދިޔަ އަހަރު އޮތް ހާލަތަށް ވުރެ މި އަހަރު ތަފާތުވާ ސަބަބެއް ކަމަށް ކުރިން ޔުވެންޓަސް އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.
އިންޓަނޭޝަނަލް ޕީރިއަޑަށް ފަހު، މިހާރު ރެއާލްގެ ހުރިހާ ކުޅުންތެރިން މިހާރު ތިބީ ހަމަވެފަ އެވެ. ނަމަވެސް އެންމެ ފަހުން ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރު ނަޗޯ އަށް އަނިޔާވުމުން އޭނާ ވަނީ ދެ ހަފަުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
"ފުރުސަތު ދޭނީ ކޮން ކުޅުންތެރިޔަކަށް ކަން ކަނޑައަޅަން އަހަންނަށް އުނދަގޫ ވެއްޖެ، ނަމަވެސް އެއީ ހުރިހާ ކުޅުންތެރިންނަށްވެސް އޮތް އުފާވެރި ޚަބަރެއް."
އިސްކޯ އާއި ބޭލް އަދި މާކޯ އެސެންސިއޯ އާއި ލޫކަސް ވަޒްކްއޭޒް ދަނީ ޓީމުގެ ދެ މަގާމަކަށް ވާދަ ކުރަމުންނެވެ. ވަޒްކްއޭޒް އާއި އެސެންސިއޯ އަށް ވަނީ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. ލިބުނު ފުރުސަތުގައި އެ ދެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ ހޯމަ ދުވަހު ބޭލް ލަސްޕަލަމްސް އާ ދެކޮޅަށް ދެ ލަނޑު ޖަހާފަ އެވެ. އަދި އިސްކޯ ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.