އެއީ ދެން މީހަކު އިތުރު ތައާރަފަކަށް ގޮސްގެން ކިޔައިދޭން ޖެހޭވަރުގެ ވާހަކައެއް ވެސް ނޫނެވެ.
ކޮންމެއަކަސް މިދިޔަ ސީޒަން (2013-14) ހުސް އަތާ ނިންމާލި ބާސެލޯނާ އިން މި ވަނީ މި ސީޒަނުގައި އެ މީހުންގެ ޖާދޫގައި ޖެހެނޭ ކަމަށް ބެލެވޭ ތިން ތަށީގެ ތެރެއިން ފުރަތަމަ ތަށި ކާމިޔާބުކޮށްފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ހޯދި 1-0 ގެ ކާމިޔާބީއާ އެކު ލަލީގާގެ ޗެމްޕިއަނުންގެ ގޮތުގައި އެމީހުން އަނެއްކާވެސް ކަނޑައެޅިގެން ދިޔައީ އެވެ.
ދެން ކުރިއަށް އޮތީ ކޮޕަ ޑެލް ރޭގެ ފައިނަލުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި ޗެމްޕިއަންސް ލީގު ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ފެންނަ ފެނުމަށް އަދި ބާސާ އިން މި ސީޒަނުގައި ދައްކަމުން އަންނަ ޖާދޫ އަށް ބަލާއިރު މި ދެ ތަށި ވެސް އުފުލާލާނީ އެމީހުން ކަމަށް ގަބޫލުކުރަން ވަރަށް ގިނަ މީހުންނަށް ފަސޭހަ އެވެ.
އެހެންވީމަ ހުސް އަތާ މިދިޔަ ސީޒަން ނިންމާލި ބާސެލޯނާ އެނބުރި އައުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ އެންމެން ވެސް ބުނަމުން ދިޔައީ ޕެޕް ގާޑިއޯލާއަކާ ނުލައި ތިޔަ ބާސެލޯނާއެއް ދެން އަލުން ތައްޓާ ރައްޓެހި ބާސެލޯނާއަކަށް ނުވާނެ ކަމަށެވެ.
ނަމަވެސް މި އޮތީ އެކަން ބަދަލުވެފަ އެވެ.
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ވަނަ ފަހަރަށް އުފުލާލުމަށް މެސީ އެހެންވީމަ ތައްޔާރުވަނީއެއް ނޫން ހެއްޔެވެ؟ ޔަގީނަށް ވެސް މި ސީޒަނަކީ މެސީގެ ކެރިއަރުގެ އެންމެ އަލިގަދަ އެއް ސީޒަނެވެ. މިދިޔަ ސީޒަނަކީ އޭނާގެ ނުފޫޒު ނިކަން ކުޑަ އަދި އޭނާގެ ފަރާތުން އެންމެ އެދެވޭ ނުވަތަ މީހުން އެ ބުނާ "އަސްލު މެސީ" އެއް ވެސް ފެނިގެން ދިޔަ ސީޒަނެއް ނޫނެވެ.
މިދިޔަ ސީޒަނުގައި އޭނާ 46 މެޗު ކުޅެ 41 ގޯލު ޖެހިއިރު 14 އެސިސްޓް އޭނާގެ ނަމަށް ގެންދިޔަ އެވެ. ނަމަވެސް މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ކުޅުނު 54 މެޗުގައި 54 ލަނޑު ޖަހައިފަ އެވެ. އަދި އެސިސްޓްގެ ވާހަކަ އޮތީ އެވެ.
މެސީގެ މި ސީޒަނުގެ އެސިސްޓްގެ އަދަދު ވެސް 27 އެބަ އަރަ އެވެ.
ބުނެވޭ ގޮތުގައި މެސީގެ ޖާދޫ އަރައިގެން ގޮސްފައި ވަނީ ރައިޓް ވިންގުން އޭނާ އަށް އަލުން ދީފައިވާ މިނިވަންކަމުގެ ތެރެއިންނެވެ. މި ދިމާލުން ކުޅުމަކީ ގިނަ އަދަދަކަށް އެސިސްޓް ފޯރުކޮށް ހަމަ އެވަރަށް ލަނޑު ޖެހުމަށް ވެސް އޭނާ ވެސް ހުޅުވިފައިވާ ދޮރެކެވެ.
ސުއަރޭޒަކީ މަސައްކަތުގެ ރޭޓް ވަރަށް ވެސް ބަރާބަރު ކުޅުންތެރިއެކެވެ. އޭގެ ނަތީޖާ އޭނާ އެކަނި މާ އެކަނި ކަހަލަ ގޮތަކަށް ލިވަޕޫލުގައި ވެސް ދެއްކި އެވެ.
ބާސާގެ ޖާޒީގައި ވެސް އޭނާ އެ ދަނީ އެ މަސައްކަތުގެ ބަރާބަރުކަން ދައްކަމުންނެވެ. ނަތީޖާ އަކީ އޭނާގެ ބައިވެރިވުމާ އެކު މެސީ އަށް ނުހަނު ބޮޑެތި ފަސޭހަތަކެއް ވެސް ވެގެން ގޮސްފައިވާ ކަމެވެ.
އަނެއްކޮޅުން ފުރަތަމަ ސީޒަނުގައި ސުއަރޭޒް މި ވަނީ 24 ގޯލު ވެސް ޖަހައިފަ އެވެ. ސުއަރޭޒުގެ މި ނުރައްކާތެރިކަމާ އެކު މެސީ އާއި ނޭމާ އަށް ގިނަ ފުރުސަތުތަކެއް ހުޅުވި ބާސާގެ އެޓޭކް މިއިން ޒަމާނަކު ވެސް ރަނގަޅު ނުވާ ވަރަށް ރަނގަޅުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ނަތީޖާ އަކީ މި ސީޒަނުގައި މި ތިން ކުޅުންތެރިން ޖެހި ލަނޑުގެ އަދަދު 115 އަށް އަރާފައިވާ ކަމެވެ. ލީގުގައި އެކަނި ވެސް 79 ލަނޑެވެ.
ލީގުގައި ސުއަރޭޒް 16 ލަނޑު ޖެހިއިރު ނޭމާ ވަނީ 22 ލަނޑު ޖަހައިފަ އެވެ.
ސީޒަނުގެ ފުރަތަމަ ދެ ތިން މެޗުގައި ބާސެލޯނާގެ ކުޅުން ވަރަށް ވެސް ދަށެވެ. އެކަމަށް ބާސާގެ ފޭނުން ވެސް އެއްބަސްވެ އެވެ. މެޗުތަކެއް ކާމިޔާބުކުރިޔަސް ކުޅުމާ މެދު ހިތްހަމަޖެހުނު ބައެއް ނެތެވެ.
ސީޒަނުގެ ފުރަތަމަ ދުވަސްކޮޅު ޓީމު ބޮޑަށް ބަރޯސާވެފައި އޮތީ ވަކި ކުޅުންތެރިއެއްގެ ހުނަރަށެވެ. މިސާލަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެސްޕަނިޔޯލާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 ބަލިވާން ދަނިކޮށް މެސީގެ ޖާދޫ ދައްކައިގެން 5-1 މޮޅުވި މެޗެވެ.
ނަމަވެސް ޖެނުއަރީ މަހާ އެކު އެމީހުން ވަނީ މުޅިން އާ ހިތްވަރެއް ކުރިއަށް ނެރެފަ އެވެ. ދެން ފެނިގެން ދިޔައީ ބާސާ އިން އެމީހުންގެ އެޓޭކުގައި އެ ތިބި ތިން ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ފެށި ތަނެވެ. މެސީ އާއި ސުއަރޭޒާއި ނޭމާގެ ނުރައްކާ އާންމުކުރީ އެވެ.
ކުރިން ބާސާ ބޮޑަށް ބަރޯސާވެފައި އޮތީ އެ މީހުންގެ މިޑްފީލްޑްގެ ގަދަފަދަކަމަށެވެ. ގާޑިއޯލާގެ ޒަމާނުގައި ފެނިގެން ދިޔަ ހަގީގީ ޓިކި ޓަކާގެ ކުޅުމެއް ބާސާއިން މިހާރަކު ނުފެނެ އެވެ.
އޭގެ ބަދަލުގައި ފެންނަނީ ބޯޅަ ގިނައިރު ހިފަހައްޓައިގެން ޕާސްކުރުމުގެ ބަދަލުގައި އެޓޭކްގެ ގަދަފަދަކަން ދެއްކާތަނެވެ.
މިދިޔަ ސީޒަން ހުސް އަތާ ނިންމާލަން ބަސާ އަށް މަޖުބޫރުވި މައިގަނޑު ސަބަބަކީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ އެމީހުން ކުރި ނުލިބުމެވެ. ގާތްގަނޑަކަށް މިދިޔަ ސީޒަނުގައި ބާސާ އިން އެތުލެޓިކޯއާ ދެކޮޅަށް ހަ މެޗު ކުޅުނުއިރު ވެސް އޭގެ މެޗަކުން މޮޅުވެފައެއް ނެތެވެ.
އަދި އެ ޓީމު ކޮޅަށް ޖެހުނީ ވެސް އެންމެ ތިން ލަނޑެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ބާސާގެ ދަނޑުގައި އެ ޓީމާ އެއް ވަރުވެ އެމީހުންނަށް ޗެމްޕިއަންކަން ލިބިގެން ދިއުމެވެ.
ނަމަވެސް މި ޖެނުއަރީ މަސް ފެށުނު ފަހުން ބާސާ އިން ވަނީ ޑިއެގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑް ބަލިކުރާނެ ފޯމިއުލާއެއް ހޯދައިފަ އެވެ. އެގޮތުން ދެ ތިން ހަފުތާއެއްގެ މުއްދަތުގައި ތިން މެޗުން އެ ޓީމު ބަލިކޮށްފައިވެ އެވެ.
އެއަށް ފަހު ބާސާ އިން ކުރިއަށް އެ ދަނީ ފަސްއެނބުރި ބެލުމެއް ނެތި އެވެ.
ބާސާގެ މިފަހަރުގެ ކާމިޔާބީގައި ނަސީބު ވެސް އެބައޮތެވެ. މިސާލަކަށް ވާދަވެރި ރިއަލް މެޑްރިޑްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ސީޒަނުގެ އެކި ހިސާބުތަކުގައި އަނިޔާވުމަކީ ހިންދެމިލުމަށް ބާސާ އަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
އެގޮތުން ހަމޭސް ރޮޑްރިގޭޒް އާއި ލޫކާ މޮޑްރިޗް އަދި ގެރެތު ބޭލް އާއި ކަރިމް ބެންޒެމާގެ އިތުރުން ސާޖިއޯ ރާމޮސް އާއި ޕެޕޭ ފަދަ މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވުމަކީ ލީގުގެ ރޭހުގައި ބާސާގެ ފަހަތަށް ރިއަލް ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބެކެވެ.
އަނެއްކޮޅުން ސީޒަނުގެ ފަހު އަތަށް އަޅާލިއިރު ބާސާގެ ސްކޮޑް އޮތީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށެވެ. އިންޖަރީއަކާ އެކު އާސެނަލް އިން ބާސާއާ ގުޅުނު ވާމެލަން ވެސް އެ ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ. --ބީބީސީ