ކުޅިވަރު

ރެއާލަށް ލެވަންޑޮސްކީއެއް ނުގެންދެވޭނެ: ހޭންކެސް

ރެއާލް މެޑްރިޑަށް، ބަޔާން މިޔުނިކުގެ ސްޓައިކަރު ރޮބަޓް ލެވަންޑޮސްކީ ގެންދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ބަޔާންގެ ވަގުތީ ކޯޗު ޔުޕްހޭންކެސް ބުނެފި އެވެ.

މީގެ ދެތިން އަހަރު ކުރިން، ރެއާލް މެޑްރިޑުން ވަނީ ލެވެންޑޮސްކީއާ މެދު ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. މި އަހަރު ފެށުނު ފަހުން އަލުން އެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.

ހޭންކެސް ބުނީ، ޕޮލެންޑްގެ ސްޓައިކަރު ބަޔާން މިޔުނިކުގައި މަޑު ކުރާނެ ކަމަށާއި އޭނާ އެހެން ޓީމަކަށް ދިއުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

"[ބަޔާން މިޔުނިކުގެ ސީއީއޯ ކާލް ހެންޒް] ރުމޭނިގޭ ވަނީ މިދިޔަ ހަފުތާގައި އަހަންނާ އެވާހަކަ ދައްކާފަ، އަހަންނަށް އެކަން [ލެވަންޑޮސްކީ ޓީމު ދޫކޮށްނުލާނެ ކަން] ވަރަށް ސާފު،" ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި މިރޭ ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ލެވަންޑޮސްކީއާ ބެހޭގޮތުން ސުވާލުކުރުމުން ހޭންކެސް ބުންޏެވެ.

"ބަޔާންގެ ރައީސް އޫލީ ހޯނޭސް އަދި ރުމޭނިގޭ ދަންނަ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ރެއާލް މެޑްރިޑަށް ބުނެވޭނީ އެއްވެސް ފުރުސަތެއް ނެތޭ އެ ޓީމަށް ލެވަންޑޮސްކީ ލައްވައި އަންނަ އަހަރަށް ސޮއި ކުރުން."

ލެވަންޑޮސްކީ ވަނީ މި ސީޒަންގައި ބަޔާން އަށް 35 ލަނޑު ޖަހައިދިފަ އެވެ.