(1 އޭޕްރީލް 2018 އާ ގުޅޭ) -- ގުޑި ވެސް ނުލާ އަރްސަލް ހުންނަން ފެށުމުން ނިމްރާ ދުރަށްދާން ނިންމިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ފަހަތުން އުނަގަނޑާ ދިމާލުން އަރްސަލްގެ އަތް ހަރަކާތްކުރާތީއެވެ. ދެއަތަށް ބާރުލުމާއެކު އަރްސަލް ދުރަށްލާން ނިމްރާ ބޭނުންވިއެވެ. އެހެންނަމަވެސް އެއްވެސް ހުރަހެއްނެތި އެ މޭގައި ދެއަތްތިލަ ޖެހިފައި ވުމުން ދެހަންދޭތެރޭގައި ކަރަންޓުގެ އޮއެވަރެއް ހިނގައިގަތް ކަހަލައެވެ.
އަރްސަލްގެ ވައަތް ނިމްރާގެ ފަހަތުން އުނަގަނޑުގައި ވަށާލެވުމާއެކު މަޑުމަޑުން ކުރިއަށް ދަމާލިއެވެ. އެ ދެމެދުގައި ހިފަހައްޓަން އުނދަގޫވާ ފަދަ ދަމާ ބާރެއްވާކަން އަރްސަލްއަށް ވެސް އިހުސާސް ކުރެވުނެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވަމުން އައިއިރު ހަށިގަނޑުގެ ލޭ ހޫނު ވަމުން ދިޔައެވެ. ތެމި ފޯވެފައި ހުއްޓެއްކަމަކު ހަށިގަނޑުގެ ތެރޭގައި ހޫނުކަމެއް އުފެދެން ފެށިއެވެ. ކުއްލިއަކަށް ނިމްރާއާ ދުރުގައި ހުރުމަށްވުރެ އެ އަންހެންކުއްޖާއާ ވަރަށް ގާތުގައި ވުމަށް އަރްސަލްގެ ޖިސްމު އެދެންފެށީއެވެ. އަމިއްލަ ޟަމީރާއި ހިތާއި ސިކުނޑި އޭގެ އަމިއްލަ "ތިއަރީތަކުގެ" މައްޗަށް ބަސް އިއްވަމުން ދިޔަ ނަމަވެސް އެ ކޯޅުންގަނޑަށް ސަމާލުކަން ދެވޭ ގޮތެއް އަރްސަލްއަކަށް ނުވިއެވެ. އެއަށްވުރެ ގަދަ "ބޭނުންވުމުގެ" އޮއެވަރެއްގައި އޭނާ ހުރީ ޖެހިފައެވެ. އަރްސަލްގެ މޭގައި ނިމްރާ ދެއަތް ވިއްދާލައިގެން ހުރިއިރު ހީވަނީ އޭނާ ގާތްވިޔަ ނުދޭން މައިތިރި ބަހައްޓާފައި ހުރި ހެންނެވެ. އަރްސަލްއާ ހަތަރުކަޅި ހަމަވި ވަގުތު އެ އަންހެންކުއްޖާ އަވަހަށް އިސްޖަހާލީއެވެ. އަރްސަލްގެ މިނިވަންކަމާއެކު އޮތް ކަނާއަތް ހިއްލާލާ ހަމައެކަނި ޝަހާދަތް އިނގިއްޔާއި މެދު އިނގިލީގެ އެހީގައި ނިމްރާގެ ނިތްކުރިމައްޗަށް ފައިބައިފައި ހުރި އިސްތަށިތައް އެއްފަރާތް ކޮއްލިއެވެ. އޭނާގެ އެ ކުޑަކުޑަ ބީހުމުން ވެސް އެ އަންހެންކުއްޖާ ކުޑަވެލަން މަސައްކަތް ކުރިތަން އަރްސަލް ދުށްޓެވެ. އިހުނަށްވުރެ ނިމްރާގެ އުނަގަނޑު ގެނެސް ގައިގާ ޖައްސާ އަރްސަލް ބާރުކޮއްލިއެވެ. ނިމްރާގެ އަތުން އަރްސަލްގެ މޭގައި އަޅާ ކޮއްޕާލިކަމުގެ އިހުސާސް އަރްސަލްއަށް ކުރެވުނެވެ. ނިމްރާގެ ދަތްދޮޅީގައި ހިފާ މަޑުމަޑުން އުފުލާލުމާއެކު އަރްސަލްގެ މޫނު ކައިރިކޮއްލިއެވެ. އަރްސަލްގެ ނޭވާއެކޭ އެއްގޮތަކަށް ނިމްރާގެ ނޭވާއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން އެނގުނެވެ. ނިމްރާގެ ނަޒަރު އަރްސަލްގެ ލޮލުން އޭނާގެ ތުންފަތަށް ދަތުރުކުރިއެވެ. އެހިނދު އަރްސަލްގެ ލޮލުން ތަފާތު ވިދުމެއް ފާޅުވެގެން ދިޔައެވެ. އޭނާ ނިމްރާގެ މޫނުގައިވި ހުރިހާ އަސަރެއް ދެނެގެންނަން މަސައްކަތް ކުރާ ކަހަލައެވެ. އަރްސަލްގެ ދިގު ނޭފަތުގެ ކޮޅު ނިމްރާގެ ނޭފަތުގައި ޖެހުމާއެކު އޭނާ ތިރީ ތުންފަތުގައި ދައިގަތެވެ. އެ ތުންފަތަށް ގެނައި ހަރަކާތާއެކު ދެ ލޯ މަރާލިއެވެ. އަރްސަލްގެ މޭގައިވި ދެއަތްތިލަ މަޑުމަޑުން ދުރަށްލާން އުޅުނު ވަގުތު އެ ތަނުން އެއްއަތުގައި އަރްސަލް ހިފެހެއްޓިއެވެ. އޭނާގެ މެއިން އެ އަތް ނައްޓާނުލާށޭ ބުނާ ކަހަލައެވެ. އަރްސަލްގެ މޫނުގެ ބީހުން ނިމްރާގެ ކޯތާފަތަށް އިހުސާސް ކުރެވުނެވެ. ދެފަހަރެއްގެ މަތީން ނިމްރާގެ މޫނުގެ ދެފަރާތުން އޭނާގެ ކޯތާފަތުގައި އަރްސަލްގެ މޫނު ބީހިލިއެވެ.
"ކީއްވެ ވާރޭގައި ހުރީ؟ އަހަރެން ލައްވާ ކަމެއް ކުރުވަން ބޭނުންވީތަ؟" ޚުދު އަރްސަލްއަށް ވެސް އޭނާގެ އަމިއްލަ ނަފްސު ހުއްޓުވާނޭ ގޮތެއް ނޭނގޭ ކަހަލައެވެ. އޭނާގެ ބަސްތަކުން ނިމްރާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދަތްއަޅާލައިގެން ހުރި ތިރީ ތުންފަތް މިނިވަންވިތަން އަރްސަލްއަށް ފެނުނެވެ. އޭރު އެ ތުންފަތައް މަޑު ރަތްކަމެއްވަނީ ވެރިވެފައެވެ. ނިމްރާ މޫނު އަނބުރާލަން އުޅުމުން އޭނާގެ ދަތްދޮޅީގައި އަރްސަލް ހިފަހައްޓާލިއެވެ.
"ސްޓޮޕް" މަޑުމަޑުން ނިމްރާ ބުނެލިއެވެ. އޭނާގެ ސިކުނޑިއަށް ސިފަވެގެން ދިޔައީ ކީފާއެވެ. އަރްސަލްގެ އަތުގައި ހިފާލައިގެން ލޯބިވެރިއެއް ފަދައިން ބެލްކަނީގެ ދޮރުކައިރީ އެ ދެ މީހުން މަޑުކޮއްލައިގެން ތިބިގޮތެވެ. އަރްސަލް ނުގޮވި ނަމަވެސް ނިމްރާ އެތަނަށް އައީ އެފަދަ މަންޒަރެއް ފެނިދާނޭ ކަމަކަށްނޫނެވެ. އެހެންނަމަވެސް އެ މަންޒަރުން ނިމްރާގެ ހިތަށް އުނދަގޫތަކެއްވީއެވެ. ބުނެދޭން ނޭނގޭ އިހުސާސްތަކެއް ސިކުނޑި ހާސްކުރުވީއެވެ. އެ ދެމީހުންނާ ދުރަށް ދިއުމަށް އެނބުރި އައިސް ބެލްކަންޏަށް ނުކުތީއެވެ. ކީފާއާއި އަރްސަލްގެ އަޑު ވެސް އިވެން ނޭދޭތީ އެއްވެސް ވިސްނުމަކާ ނުލާ ބެލްކަނީގެ ދޮރު ދަމާލުމާއެކު ލެއްޕުނީއެވެ. އެކަމަކު އެ ވާހަތައް އަރްސަލްއަށް ކިޔައިދޭނީ ކިހިނެއްހެއްޔެވެ. އޭނާގެ ހިތަށްވާ ގޮތާމެދު އަރްސަލް ސުވާލު އުފައްދާނޭކަން ޔަގީނެވެ.
"ސްކާލެޓް... ޑްރީމިންގ އަބައުޓް މީ" ނިމްރާގެ ޚިޔާލުތަކުން ހަޤީޤަތާ އޭނާ ކުރިމަތިލާން ޖެއްސުވީ ކަންފަތް ދޮށުން އިވުނު އަރްސަލްގެ އަޑުންނެވެ. އެ އަޑުގައިވާ މަސްތުކަން އަރްސަލްގެ ހާލު ނިމްރާއަށް އަންގައިދިނެވެ. އެއްޗެކޭ ނުބުނެވެނީސް އަރްސަލްގެ ހޫނު ނޭވާ ނިމްރާގެ ކަންފަތައް އިހުސާސް ވުމާއެކު އަރްސަލްގެ ތުންފަތުގެ ބީހުން ވެސް އިހުސާސް ކުރެވިގެންދިޔައެވެ. ކަންފަތް ކައިރިން ދަތްދޮޅީގެ ކޮޅަށް ދެމިގެން ދިޔަ އަރްސަލްގެ ބީހުން ހުއްޓުމާއެކު އޭނާ ނިމްރާގެ ދަތްދޮޅީގައި ހިފަހައްޓާލިއެވެ. އެހިނދު އަރްސަލްގެ ތުންފަތުގައި ނިމްރާގެ އަތްތިލަ ޖައްސާލިއެވެ.
"ޕްލީޒް ސްޓޮޕް" މަޑުމަޑުން ނިމްރާ ބުނެލިއެވެ.
"ބޭނުމެއްނޫންތަ؟ ލެޓްސް ފިނިޝް ވަޓް ޔޫ ހޭވް ސްޓާޓެޑް" އަރްސަލްގެ ތުންފަތުގައި ޖެހިފައި ހުރި ނިމްރާގެ އިނގިލިތަކާއެކު ވެސް އޭނާ ވާހަކަދެއްކިއެވެ. ނިމްރާއަށް އެއްގޮތަކަށް ވެސް އަރްސަލްގެ އެ ވާހަކަތައް ބަލައިގަންނަން ފަސޭހައެއްނުވިއެވެ. އޭނާއަކީ ކޮންމެ ފިރިހެނެއްގެ އެދުންތައް ފުއްދައިދޭން ހުރި މީހެއްނޫނެވެ. އަރްސަލްގެ ބަސްތަކުން ހީވީ އޭނާއަށް މަލާމާތެއް ކުރީހެންނެވެ.
"ދޫކޮއްލާ..." މުފަހަރު ނިމްރާގެ އަޑުގައި ތަންކޮޅެއް ބާރަށެވެ.
"ދޫކޮއްނުލައިފިއްޔާ" އަރްސަލް އެއްމިޔަކަނުން ހިނިތުންވެލިއެވެ. ނިމްރާއަށް ދެބުމަ ގޮއްޖަހާލެވުނެވެ.
"ޔޫ... ޔޫ... ޑިސްގަސްޓިން... ކޭވްމޭން..." ނިމްރާ ހީވީ އަރްސަލްއާ ދިމާއަށް ކިޔާނޭ ބަސްތަކެއް ހޯދަމުން ބުނެލިހެނެވެ. އިތުރު ހައިރާންކަމެއް ނިމްރާއަށް ލިބުނީ އަރްސަލް ހޭން ފެށުމުންނެވެ. ހައިރާންކަމުގެ ތެރެއިން ނިމްރާ ބަލަން ހުރިއިރު ވެސް އޭނާއަށް ކަމެއް ފާހަގަވިއެވެ. ގިނައިން ހިނިތުންވާތަން އަރްސަލް ނުފެނުނަސް އޭނާ ހިނިތުންވާއިރު ވަކިން ރީތިކަމެވެ. ހިތްވިރިގެންދާފަދަ ޖާދުވީ ގޮތެއް އަރްސަލްގެ ހުނުމުގައި ވިއެވެ. އޭނާ ހުނުން ހުއްޓާލާފައި ނިމްރާއަށް ބަލާލުމާއެކު އެ މޫނުގައި ނިމްރާ ޖެހިއެވެ. އޭނާއަށް ވެސް އެގޮތަށް ޢަމަލުކުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. ފަހަރެއްގައި އަރްސަލްގެ ބީހުންތަކުން އޭނާގެ އަމިއްލަ ނަފްސުގެ ބެހިގެން ހިނގައިދާނޭތީ ގެނެވުނު ކުއްލި ހަރަކާތަކީ ކަންނޭނގެއެވެ. އަރްސަލްގެ ދެބުމަ ކައިރިވުމާއެކު އޭނާ ކަޅި އަޅާލިއެވެ.
މިނެޓެއްހާއިރު ވަންދެން ނިމްރާގެ ސިކުނޑީގެ މަސައްކަތް ހުއްޓުނު ފަދައެވެ. މިހާރު އޭނާ ހުރީ އެކަންޏެވެ. ފުރަގަސްދީ ހަލުވިކޮށް ހިނގާފައި އަރްސަލް ދާތަން ނިމްރާއަށް ފެނުނެވެ. މަޑުމަޑުން ވައަތްތިލައިގެ އިނގިލިތައް ތުންފަތުގައި ޖައްސާލެވުނެވެ. ވީކިހިނެއްކަމާ މެދު ވިސްނެން ފެށީ ދެނެވެ. އަރްސަލްގެ ބާރުގަދަ ދެއަތްތިލައިން ނިމްރާގެ މޫނު ފަރާތަކަށް އަނބުރާނުލެވޭނޭހެން ހިފަހައްޓާލައިގެން ހުރި ގޮތް ނިމްރާއަށް ސިފަވެގެންދިޔައެވެ. މޫނުގައި ދެއަތް އަޅައި ދެފަރާތަށް ބޯހޫރާލިއެވެ. އެހެންނަމަވެސް އޭނާގެ ތުންފަތުގައި އަދިވެސްވަނީ ވިންދު އަވަސްވެފައެވެ. ހިތްގެނބިގެން ދިޔަ ފަދަ އިހުސާސްއެއް މުޅި މީހާއަށް ކުރެވުނެވެ. އެހިނދު ހުރި ދިމާއަށް ނިމްރާ ތިރިވެލީ ދެ ފައިގައި ކޮޅަށް ހުންނާނޭ ބާރު ނެތުމުންނެވެ. ތަޅުމުގައި ޖެހުނު ދެ ކަކުލާއެކު ފައިމަތީގައި އިށީނދެވުނެވެ.
ކޮޓަރިއަށް އައިސް ވަދެ ދޮރުލައްޕާލުމާއެކު އަރްސަލްއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އިސްތަށިގަނޑުގައި ދެތިން ފަހަރަށް އިނގިލިތައް ހިންގާލެވުނެވެ. މޫނުގައި އަތްތިލަ ހިންގާލެވުމާއެކު ތުންފަތުގައި އޭނާގެ އިނގިލި ޖައްސާލިއެވެ. އެހާ އަވަހަށް އަތްތިލަ ދުރަށް ވެސް ލިއެވެ. ހަލުވިކޮށް އައިސް އޭނާ ވަނީ ފާޚާނާއަށެވެ. ތެމިފައި ހުރި ހެދުންތަކުން މިނިވަންވެގެން އައިސް ފެންމާގަނޑު ދަށުގައި ހުއްޓިލިއެވެ. އެތައް އިރެއްވާންދެން އޮހެމުންދިޔަ ފެންތަކުގެ ތެރޭގައި އަރްސަލް ހުއްޓެވެ.
އެނދުގައި އޮތް އަރްސަލްގެ ލޮލަށް ނިންޖެއް ނައެވެ. އޭނާއަށް ދޭތެރެއަކުން މޭގައި ފިރުމާލެވެއެވެ. ލޯ މަރާލާއިރަށް އޭނާއަށް ފެންނަނީ ނިމްރާއެވެ. މާނަކުރަން ނޭނގުނު އިހުސާސްތަކަކާއެކު ނިމްރާ ހުރި ގޮތެވެ. ދަޢުވަތުދޭން ބޭނުންވެ އެކަން މަނާކުރާން ނިމްރާ މަސައްކަތްކުރަމުންދިޔަވަރު އަރްސަލްއަށް ސިފަވުމާއެކު އޭނާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ.
* * * *
އެނދުގައި ނޯންނަން ވެގެން އަރްސަލް ތެދުވިއެވެ. ވާރޭ ނުވެހޭކަން ޔަގީންވުމުން އޭނާ ދުވަންދާ އެއްޗެހީގައި ކޮޓަރިން ނުކުތެވެ. ކާމޭޒު ދޮށުގައި ނިމްރާ އިންތަން ފެނުމުން ކުޑަކޮށް އަރްސަލް ހުއްޓުން އެރިއެވެ. ނަމަވެސް ނިކަން އަވަހަށް މީހާ ހަމަޖެހިލިއެވެ.
"ރޭގައި އޭނާ ވެސް ނުނިދަނީތަ؟" އަރްސަލްގެ ހިތަށް އެރިއެވެ.
"ކޮފީ" އަރްސަލްގެ ހިލަން ވުމާއެކު ކާމޭޒު ދޮށުން ތެދުވި ނިމްރާ ބުނެލިއެވެ. ނަމަވެސް އޭނާ އަރްސަލްއަށް ނަޒަރު ސީދާއެއް ނުކުރިއެވެ.
"ގެނޭ" އަރްސަލް އޭނާގެ ގޮތުގައި ހަރުކަށިކަން ދައްކާލަމުން ބުނެލިއެވެ.
ކޮފީ ބޮއެގެން އަރްސަލް ގެއިން ނުކުތެވެ. އޭނާ ދުވެ ނިންމާފައި އެނބުރި ގެއަށް އައިރު ބަދިގޭގައި ނިމްރާ ހަރަކާތްތެރިވާތީ ފެނުނެވެ. އަވަސް ނަޒަރެއް ދީފައި އަރްސަލް ގޮސް އޭނާގެ ކޮޓަރިއަށް ވަނީއެވެ. އޮފީސް ހެދުމުގައި އޭނާ އެނބުރި އައި އިރު ކައުންޓަރު މަތި އޭނާގެ ނާސްތާ ތައްޔާރަށް ހުއްޓެވެ. ސިންކު ދޮށުގައި ކައްކަން ބޭނުންކުރި އެއްޗެހި ދޮންނަން ނިމްރާ ހުއްޓެވެ. އަރްސަލް އައިސް ސްޓޫލްގައި އިށީނދެ ކާންފެށިއެވެ. އޭނާއަށް ފުރަގަސް ދީގެން ހުރި ނިމްރާއަށް އޭނާ ބަލާލިއެވެ. އަދި ކައުންޓަރުމަތީ ހުރި ޖޫސްތަށި އަތުން ޖަހާ ވައްޓާލިއެވެ. އެ އަޑަށް ނިމްރާ ސިހިފައި ބަލާލިއެވެ. އޭނާ އެ ދިމާއަށް އައުމަށް އަވަސްވެލިއެވެ. އަވަހަށް ބިއްލޫރި ތަށިނެގިއެވެ. ނަސީބަކުން ތަށި ތަޅައިގެނެއް ނުދިޔައެވެ.
"ތިތަން ސާފުކުރަންވީކީނޫން... އަހަންނަށް އިތުރު ޖޫސްތަށްޓެއް އަޅާބަލަ" ނުރުހުންތެރިކަމާއެކު އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ދެން އުޅުނީ އައިސް އަލަމާރިއަށްލީ ޖަގުން ފަނިތަށްޓެއް އަރްސަލްއަށް އަޅައިދޭށެވެ. ނިމްރާ ހުރިހާ ކަމެއް ކުރަން އުޅުނު އިރު އޭނާއާ އަރްސަލްގެ ނަޒަރު ވަތްކެއްނުވެއެވެ. ޝައުގުވެރިކަން އެ ބެލުމުގައި ވިއެވެ. ސައިބޮއެ ނިމުނު އިރު ވެސް އަރްސަލްއަށް މަޑުކޮއްލައިގެން އިނދެވުނީއެވެ. ތަޅުންމަތި ސާފުކޮއްފައި ނިމްރާ ހިންދެމިލުމާއެކު އަރްސަލްއަށް ބަލާލިއެވެ. އެއާއެކު އަވަސް އަވަހަށް އަރްސަލް ތެދުވިއެވެ.
* * * *
ހޮސްޕިޓަލުން ގެއަށް އާދެވުމާއެކު ބިލާލުއަށް ހަކުރުނާޅާ ޖޫސްތަށްޓެއް ޝަރުމީނު ގެނެސްދިނެވެ. އަދި ތަބަކުގައި ދެން ހުރި ތަށި ނަގާ ރާދިންއަށް ދިއްކޮށްލިއެވެ.
"ކީކޭ ޑަކްޓަރު ބުނީ" ޝަރުމީނު އަހާލިއެވެ.
"އިރާދަކުރެއްވީތީ ބޮޑުކަމެއް ދިމައެއްނުވޭ. ހަކުރު ދަށްކުރަން ޑަކްޓަރު ވާހަކަދެއްކީ... މިހާރުގެ ޑޯޒް ތަންކޮޅެއް މަތިކުރީ. ދެން... ބައްޕަ ފިކުރުކުރާ ވާހަކަ. ސްޓްރެސްއަކީ ރަނގަޅު އެއްޗެއްނޫންތާ" ރާދިން ބުނެލިއެވެ.
"ބައްޕަތާ ތި ކިޔަނީ... ބައްޕައަކު ހާދަ ކަމަކާ ފިކުރުކުރަން ޖެހޭނެއޭ. ދަރީން ބޮޑެތިވިޔަކަސް ބައްޕައަކު ވިސްނަންޖެހޭ ކަންކަން މަދެއް ނުވާނެ. ތިން ފިރިހެން ދަރީން ތިބިއިރު ތިން ކުދީން ތި އުޅެނީ ތިން ގޮތަށް. ރާދު... ދަރިފުޅު ވެސް ދެން މީހަކާ އިންނަންވީނު. ބައްޕަ ހާދަ އުފާވާނޭ. މި ޢާއިލާގައި ހުރި ކިރިޔާ ވެސް ވިސްނޭ ކުއްޖެކީތީ" ބިލާލު ހިނިތުންވުމަކާއެކު ބުނެލިއެވެ.
"ބައްޕަ ވެސް ދޯ... މީހުންނާ އެހާ ފަސޭހައިން އިނދެވޭތަ؟ ކޮބާތަ ހަލަފް" ރާދިން ވެސް ކުޑަކޮށް ހީނލީއެވެ.
"އޭނާއަށް ހެނދުނުވީ ދިހައެއްޖެހިފަހުން... ސައިބޮއެގެން ވެއްޖެ ފެންވަރަން ގޮސް. ކޮންމެވެސް ބަޔަކާއެކު ތަނަކަށްދާންވެގެން އެ އުޅެނީ... ބިލާލު އެ ދަރި ހަލާކުކޮއްފި. ދުއްވާ އެއްޗަކަށް އެރިއްޖެއްޔާ އެ ދަރީގެ ހައްޓަކު ހެޔެއްނުހުރޭ. އަހަރެން ހުންނަނީ ބިރުން ފިތްކެނޑިފައި. މިހާރު ވެސް އެ ދުއްވާ ބޮޑު ސައިކަލު ބަލާބަލަ... މި ހަފްތާގައި އަނެއްކާ އެބަކިޔާ ރޭސް ޖަހަން ދާވާހަކަ" ޝަރުމީނު ކަންބޮޑުވުމާއި ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. ބިލާލުއާއި ރާދިންއަށް އެއްފަހަރާ ހީނގަނެވުނެވެ.
"އެއީ އުދުހިފައި އުޅެން ބޭނުންވާ މީހެއް" ހެވިފައި އިނދެ ރާދިން ބުނެލިއެވެ.
"ބައްޕަ ދާންވީނު އަރާމުކޮއްލަން... އަޅުގަނޑު ވެސް ދާން މިއުޅެނީ. އަރްސަލް ނޭނގެ މިހާރު ގެ ވައްޓާނުލާކަމެއް. ހެނދުނު ސައިބޯނީ ކިހިނެއްކަމެއް ވެސް ނޭނގެ... އަނެއްކޮޅުން ވަރަށް ބޮޑު ޕްރޮޖެކްޓެއް ނަގައިގެން މިއުޅެނީ" ރާދިން ބުނެލިއެވެ.
"އަދިވެސް އަތުން އެއްޗެއް ރޯފިލުވާލަން އޭނާއަށް ނޭނގޭ ދޯ" ބިލާލު އިނދެފައި އަހާލީ ސަމާސާ ގޮތަކަށެވެ.
"އެކަމެއްނުވާނެ" ރާދިން ހީނލިއެވެ.
"ރަންދޯދީގެ ލިބިއްޖެ ދޯ... ކިހިނެއް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމަނީ. އެހާ ބޮޑު ޕްރޮޖެކްޓެއް ނަގަން ތި ކުދީން ވިސްނީ ކީއްވެ؟ އެއީ ވަރަށް ބޮޑު ޚަރަދެއްނު. އެހާ ކެޕިޓަލް އެބަހުރިތަ؟" ބިލާލު އެހިއެވެ.
"ބައްޕައަށް ކިހިނެއް އެނގުނީ" ރާދިން ހައިރާންވި ނަމަވެސް ކުރެވުނީ މޮޔަ ސުވާލެއްކަން އޭނާއަށް ވިސްނުނެވެ.
"އަރްސަލްއަށް ވަރަށް މުހިންމު ޕްރޮޖެކްޓެއްމީ... ހީވޭ މި ޕްރޮޖެކްޓް އޭނާގެ ދިރިއުޅުން ބަދަލުކޮއްލާނޭހެން" ރާދިން މިހެންބުނިއިރު އޭނާގެ ޚިޔާލު އެހެން ދިމާއަކަށް ދަތުރުކުރިއެވެ.
"ބައްޕައަކަށް ނުވިސްނުނު... އެކަމަކު އަރްސަލްއެއްނު. އޭނާ ރިސްކު ނަގަން ޖެހިލުމެއްނުވާނެ" ބިލާލު ބުނެލިއެވެ. ރާދިން އޮޅުން ފިލުވައިދިނުމުގެ ބަދަލުގައި ހިނިތުންވެލީއެވެ. އަރްސަލްއާއި ރާދިންއާއެކު އެ މީހުންގެ އެޕާޓްމެންޓުގައި އަންހެންކުއްޖަކު އުޅޭކަން ބިލާލަށް އެނގުން މުހިންމުނޫންކަން ރާދިން ނިންމީ އަރްސަލްއަށް ޓަކައެވެ.
* * * *
މެންދުރުވީ ފަހުން ރާދިން އައިސް އެޕާޓްމެންޓަށްވަނެވެ. މެންދުރަށް ކާންނަގާފައި ހުރި ތަން ފެނުމުން އޭނާގެ މޫނުން ހިނިތުންވުން ފާޅުވިއެވެ. އަވަސްއަވަހަށް އައިސް އެއްޗެހީގެ ރަހަބަލަންފެށިއެވެ.
"ކްލެވާ ގާލް... އަވަހޭ ދަސްކުރާލެއް" ރާދިން މަޑުމަޑުން ބުނެލިއެވެ. އަދި ނިމްރާ ފެންނަން ނެތުމުން އޭނާ ވީ ހިސާބެއް ހޯދަން ފެށިއެވެ.
"ޑާލިންގ! މި އައީއޭ ގެއަށް" އަޑުގެ ނެތްތަނަށް ރާދިން ގޮވާލިއެވެ. ބެލްކަނީގައި ހުރި ގަސްތަކަށް ފެންއަޅަން އޮވެފައި ނިމްރާ ތެދުވިއެވެ. އޭނާ އެތެރެއަށް ވަން އިރު ނިކަން ފުޅާ ހިނިތުންވުމަކާއެކު ރާދިން އެދިމާއަށް އާދެއެވެ.
"ފެމެލީ ކިހިނެއް؟" ރާދިން ފެނުމާއެކު ނިމްރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"ފެމެލީއާ މީޓުކުރަންވީތަ؟ އަދި އެހިސާބަށް ދާކަށްނުވެއެއްނު... އަދި އަހަރެމެން ޑޭޓަކަށް ވެސް ނުދަން" ރާދިންގެ ސަމާސާ ވާހަކަތައް ފަށައިގަތެވެ. ނިމްރާ ކުޑަކޮށް ރަކިވި ނަމަވެސް އޭނާއަށް ރާދިންގެ ހިތް ސާފުކަން އެނގެއެވެ. އެފަދަ ފިރިހެނަކު މަދުން ނޫނީ ނުފެންނާނޭކަން ނިމްރާގެ ޟަމީރު ބުނެލިއެވެ.
"ސްޓޮޕް އިޓް ރާދު" ހެވިފައި ހުރެ ވެސް ނިމްރާ ލޯ އަޅާލަން މަސައްކަތް ކުރިއެވެ.
"އޯ ޑާލިންގ... ތި ހިނިތުންވުން ނުފެނިގެން ރޭގައި ނުވެސް ނިދޭ" ރާދިން އައިސް ނިމްރާގެ އަތުގައި ހިފާލަމުން އެނބުރިގަތެވެ. އެ ހަރަކާތުން ހައިރާން ވެސް ވިއެވެ. ހަމައެއައެކު ރޭގައި ރާދިން އެ ގޭގައި ނެތިސް ހިނގައިދިޔަ ކަންތައް ހަނދާންވުމުން ނިމްރާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
"އަރްސަލް ކީއްކުރީ؟ އެއްޗެހި ކީތަ؟" ނިމްރާއަށް ވީގޮތް އެހާ ފަސޭހައިން ރާދިން ނަގައިގަނެފާނޭކަމަށް ނިމްރާއަކަށް ހީއެއްނުކުރެވުނެވެ. އެހެންނަމަވެސް ރާދިން ވަރަށް ހުސިޔާރެވެ. ނިމްރާގެ މޫނުމަތިން ފެނިގެން ދިޔަ ބަދަލުތަކުން އަރްސަލްއާއި އެ ދެމެދުގައި ކަމެއް ވެއްޖެއޭ ރާދިންގެ ހިތް ބުނީއެވެ.
"ކަމެއްނުވޭ... އޮފީހަކަށް ނުދަންތަ؟" ނިމްރާ ބޭނުންވީ އަރްސަލްގެ ޚިޔާލާ ދުރަށް ދާށެވެ.
"ކައިގެން ދާނީ... އެ ޑެވިލް އުޅޭ ހިސާބެއް ބަލާލާނަން އިނގޭ" ރާދިން ޖީބުގައި އޮތް ފޯނު ނެގިއެވެ.
"ހެލޯ... ޑެވިލްތަ؟... ހެ ހެ ހެ... ބްރޯ މަ ގޭގައޭ... އާދޭ ކާން. މިއަދު އަވަހަކަށް ސަލާމަތެއްނުވެވޭނެކަން އެނގެޔޭ. އާދޭ އަވަހަށް... އަހަރެން މި އިނީ މޭޒު ދޮށުގައި... ކާން ރެޑީވެގެން" ރާދިން ބުނެލިއެވެ.
"ކިހިނެއްވީ؟" ނިމްރާ ބަލަން ހުރި ގޮތުން ރާދިން އަހާލިއެވެ.
"ތި ދެމީހުން ދުވާލާއި ރޭގަނޑުހާ ތަފާތުކަން އެނގޭތަ. ކީއްވެތަ ހުރިހާ ފިރިހެނުން ތިކަހަލަ މީހަކަށް ނުވަނީ. އޭރުން އެއްވެސް އަންހެންކުއްޖަކު ހިތާމައެއްނުކުރާނެ" ނިމްރާއަށް ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުމާއެކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. އަދި ބަހެއްނުބުނެ އޭނާއަށް ބަލަން ހުރި ރާދިންއާ ނަޒަރު ސީދާކޮއްލެވުނެވެ. (ނުނިމޭ)