ކުޅިވަރު

އަގުވަޒަން ކުރުމުގައި އެފްއޭއެމް މާ ފަހަތުގައި!

ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅެން ހުއްޓާލިތާ، މި އަންނަ މަހަށް ދެ އަހަރު ފުރޭނެ އެވެ. ގައުމީ ހިދުމަތުގައި 17 އަހަރު ހޭދަ ކުރި ކުޅުންތެރިޔަކު، ކުޅުން ހުއްޓާލުމުން އެކަމުގެ އަގުވަޒަން ކުރަން ޖެހެ އެވެ. އެފްއޭއެމުން ވަނީ މީގެކުރިންވެސް ކުޅުން ހުއްޓާލި ކުޅުންތެރިންގެ އަގުވަޒަން ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ތިން ކުޅުންތެރިން ކަމަށްވާ، ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއީ ފޯވަޑް އަހްމަދު ތޯރިގް (ޓޮމް) އާއި ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި، މުހުތާރު ނަސީރު (ޓޫކިލޯ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، އެފްއޭއެމުން އެ ކުޅުންތެރިން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރި އެވެ.

ނަމަވެސް، އިމްރާން ކުޅުން ހުއްޓާލިކަން އިއުލާން ކުރި ދުވަހު އޭނާގެ އަގުވަޒަން ކޮށްލުމުގެ ގޮތުން ޓްވީޓެއް އަދި ފޭސްބުކް ޕޯސްޓެއްވެސް އެފްއޭއެމުން ކޮށްފަ އެއް ނެތެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އެފްއޭއެމުން، ކުޅުންތެރިންގެ އަގުވަސް ކުރުމުގެ ގޮތުން އެ ކުޅުންތެރިޔަކަށް ހާއްސަކޮށް ޓްރިބިޔުޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޝާއިއު ކޮށްފައި ވެއެވެ.

އެފަދަ އެއްވެސް ކަމެއް ނުލިބުނު ކުޅުންތެރިޔަކީ އިމްރާނެވެ. އިމްރާން ކުޅުން ހުއްޓާލިކަން އިއުލާން ކުރި މުއްދަތަކީ ރާއްޖޭގެ އެފްއޭގައި މައްސަލަ އުފެދި އެފްއޭގައި ލީޑާޝިޕެއް ނެތް ވަގުތެކެވެ. ފަހަރެއްގައި އެފަދަ ކަމެއް އިންތިޒާމުކޮށް ރާވާނެ ޓީމެއް އެފްއޭގައި ނެތުމަކީ އެދަނޑިވަޅުގައި ދިމާވި ކަމަކަށް ވެދާނެ އެވެ.

ގައުމީ ޓީމުގައި އިމްރާން ހޯދައިފައިވާ ބައެއް ކާމިޔާބުތައް

  • ދެހާސް ވަނަ އަހަރު ކުޅުނު ރަން ޔޫބީލް މުބާރާތުން ރިހި މެޑަލް
  • ދެހާސް ތިން ވަނަ އަހަރު ސަފް ޗެމްޕިއަންޝިޕުން ރިހި މެޑަލް
  • ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕއިަންޝިޕުން ރަން މެޑަލް
  • ދެހާސް ނުވަ އަހަރު ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް
  • ދެހާސް ސާދަ ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕުގައި ލޯ މެޑަލް

ނަމަވެސް ފަހުން ނަމަވެސް އެކަމުގެ އަގުވަޒަން ކުރަން ޖެހޭނެ އެވެ، މިދިޔަ އަހަރު އަވަސްއަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޝަރަފުވެރިކަމުގައި ރިޓަޔާ ކުރަން އިމްރާނަށް ހާއްސަ މެޗެއް ރާވާނެ ކަަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ މެޗެއް އިންތިޒާމު ކުރި ތަނެއް ނުފެނެ އެވެ. އޭގެ ފަހުން މާލޭގައި ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއްވެސް ކުޅެފަ އެއް ނުވެ އެވެ.

ދާދި ފަހުން ބޫޓާނާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުގައި ހިމެނުމަށްފަހު، ޓީމުގެ ޕްރީ މެޗު ޕްރެސްއަށް ހާޒިރު ނުވުމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ އަޝްފާގް ޓީމުން ވަކި ކޮށްފައެވެ. ކުޅުންތެރިންނަށް ފިޔަޅުޅު އެޅުމުގެ އިހްތިޔާރު ކޯޗަށް ލިބިގެންވެ އެވެ. އެކަމާ ދެކޮޅެއް ނުހަދެމެވެ. ފިޔަވަޅު އެޅުމުގައި އަޝްފާގެކޭ އެހެން ކުޅުންތެރިޔެކޭ ތަފާތެއް އޮވެގެންވެސް ނުވާނެ އެވެ. ނަމަވެސް އަގުވަޒަން ކުރަން ޖެހޭނެ އެވެ.