ކުޅިވަރު

ދަގަނޑޭއަށް ފިޔަވަޅު އެޅީ ސަބަބުތައް ހުރެގެން: ކޯޗް

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފިޔަވަޅު އެޅީ ހަމައެކަނި ޕްރެސްއަށް ހާޒިރު ނުވުމަކުން ނޫން ކަމަށާއި އޭނާއަށް ފިޔަވަޅު އެޅުމުގައި ގިނަ ސަބަބުތަކެއް ހިމެނޭ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ގައުމީ ޓީމު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ އެއް ދުވަސް ކުރިން ގައުމީ ކޯޗު ވަނީ އަޝްފާގް ޓީމުން ވަކި ކޮށްފަ އެވެ. ޕްރެސްއަށް ހާޒިރު ނުވުމުން، އޭނާ ޓީމުން ވަކި ކޮށްފައިވާ ކަމަށް އަޝްފާގް ވަނީ މީޑިއާ މައުލޫމާތު ދީފަ އެވެ.

ކޯޗް ޝެގަޓް ބުނީ އަޝްފާގް އަށް އެޅި ފިޔަވަޅާ ބެހޭގޮތުން ވާހަކަ ދައްކާ މީހުންނަށް މުޅި މަންޒަރު ނޭނގޭ ކަމަށެވެ.

ޖޯޖިއާ އާއި އަފްގާނިސްތާނަށް ކުރިން ކޯޗު ކޮށްދިން ޝެގަޓް ބުނީ ރާއްޖެ އައުމުގެ ކުރިން ޓީމެއްގެ ތެރޭގައި ހިނގާނެ ކަމަށް އޭނާ ހީ ނުކުރާ ކަހަލަ ގިނަ ކަންތައްތަކެއް ރާއްޖޭގެ ގައުމީ ޓީމުގައި ހިނގާ ކަން އޭނާ އައިސް ހޭދަވި ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި ވެސް މައުލޫމަތު ލިބުނު ކަމަށެވެ.

"އަހަރެން މިތަނަށް [ރާއްޖެ] އަށް އައިރު އަހަރެން ހީ ނުކުރަން މިކަހަލަ ކަންތައްތަކެއް ހިނގާ ކަމަކަށް، އަހަރެން ރާއްޖެ އައީ 11 މާޗްގައި، އަހަރެން ފުރަތަމަ ހޭދަ ކުރި ހަ ދުވަހުގެ ތެރޭގައި ގައުމީ ޓީމުގެ ތެރޭގައި ކަންކަން ހިނގާ ގޮތް ކަމަށް ބުނެ، އަހަންނަށް ވަރަށް ބައިވަރު ވާހަކަތަކެއް އަޑު އިވުނު، ކުޅުންތެރިންގެ މެދުގައި ހިނގާ ކަންތައްތަކެއްގެ ވާހަކަ،"

"ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުމެ ޕްރެކްޓިސް ދޫކޮށްލާފައި ދާ ވާހަކަ، ގައުމީ ޓީމުގެ ކުޅުންތެރިން ހެނދުނު ޕްރެކްޓިސްއަށް ނުދާ ވާހަކަ، ބައެއް ކުޅުންތެރިން ނުކުޅެވޭ ކަހަލަ އެއްވެސް ސަބަބެއް ނެތި ގައުމީ ޓީމުގެ މެޗުތަކަށް ނުދާ ވާހަކަ، މިކަހަލަ ވާހަކަތަކެއް އަހަންނަށް އަޑުއިވިފައި އޮތީ،" ޝެގަޓް ކިޔައި ދިނެވެ.

"އެހެންވެ އަހަރެން ހިތަށް އެރީ ހުރިހާ ކުޅުންތެރިންނާ ބައްދަލު ކުރަން ޖެހެޔޭ، އެހެންވެ އަހަރެން 17 މާޗުގައި ކުޅުންތެރިންނާ ބައްދަލު ކުރިން، 49 ކުޅުންތެރިންނާ އަހަަރެން ބައްދަލު ކުރިން، ބައްދަލުވުމުގައި އަހަރެން ކުޅުންތެރިން ގާތު ބުނިން، މި ކަހަލަ ކަންކަން ވަރަށް އަވަހަށް ނިމެންޖެހެޔޭ، އަހަރެން ކޯޗަކަށް ހުރިހާ ދުވަަހަކު އަހަންނެއް މިކަހަލަ ކަންކަމެއް ބަލައެއް ނުގަންނާނަމޭ،"

"ޓީމުގެ ޕްރެކްޓިހަށް ހަނދާން ނެތި ނައިސް ހުރެގެން ނުވާނެޔޭ، ޓީމުގެ ޕްރެކްޓިހަށް ހެނދުނު ނައިސް ހުރެގެން ނުވާނެޔޭ، ގަޑި ޖެހިގެން އަންނަ ނަމަ އަހަރެން ގަބޫލެއް ނުކުރާނަމޭ، ކަލޭމެން މިކަހަލަ ކަންކަން ބޭނުން ނުވަންޏާ މައްސަލައެއް ނެތޭ، ކޯޗެއްގެ ގޮތުގައި އަހަރެން ނިންމާ ނިންމުންތައް ގަބޫލު ނުކުރަންޏާ މިކަން ނިންމަލާށޭ، މިއަދު ކަލޭމެންނަނަށް [ކުޅުންތެރިންނަށް] މިކަމަށް އެއްބަސް ނުވެވެންޏާ އަހަރެން ވަރަށް ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ފަށާނަމޭ،"

"އެހެން ބުނެ އަހަރެން ކުޅުންތެރިންނާ ދުރަށް ޖެހިލިން، ދެން އަހަރެން ހުރީ އެކަނި ހިނގާލަ ހިނގާލާ، ފަސް މިނެޓެއްހާއިރު ފަހުން ކުޅުންތެރިން އަޝްފާގް ވެސް ހިމެނޭ ގޮތަށް އަހަންނަށް ގޮވި، އެ ކުޅުންތެރިން ބުނި ކޯޗުގެ ނިންމާ ހުރިހާ ނިންމުތަކެއް ތިމަންނާމެން ގަބޫލު ކުރާނަމޭ،"

ޝަގަޓް ބުނީ އެފްއޭއެމްގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިން ލައިގެން ބޫޓާން މެޗަށް ތައްޔާރުވުމަށް ކަމަށާއި ނަަމަވެސް އަޝްފާގް އާއި ޓީމުގެ އެހެން ސީނިއާ ކުޅުންތެރިންވެސް ބޭތިއްބުމަށް އެފްއޭއޭއެމާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް އޭނާ ވަކާލަތު ކޮށްފައި ވާނެ ކަމަށެވެ.

"އަހަރެން ފެޑްރޭޝަނާ [އެފްއޭއެމް] އާ ވާހަކަ ދެއްކިން، އަހަރެން އަޝްފާގް އާ ވާހަކަ ދެއްކިން، އަހަރެން މަސައްކަތް ކުރިން އިމްރާންއާ ވާހަކަ ދައްކައިގެން އޭނާވެސް ޓީމަށް އަލުން ގެނައުމަށް،" ޝެގަޓް ބުންޏެވެ. "އެއީ އަހަރެން ބޭނުން ސީނިއާ ކުޅުންތެރިންގެ އެހީތެރިކަން، އަހަރެން ބޭނުމެއް ނޫން އެހާ އަވަހަށް ބޮޑު ބަދަލެއް ގެންނާނަކަށް، މަޑުމަޑުން ބަދަލު ގެންނަމުން ގެންނަމުން ބޭނުން ވަނީ ބަދަލު ގެންނަން."

އޭނާ ބުނީ ސިންގަޕޫރު މެޗަށް އަޝްފާގަށް ދޫދިނީ، އެކުވެރި ކަމުގެ މެޗަކަށް ވާތީ، ބޫޓާންގެ މެޗަށް އޭނާ ފިޓްވާން ވަގުތު ދިނުމުގެ ގޮތުން ކަަމަށެވެ.

"ސިންގަޕޫރަށް ދިއުމުގެ ކުރިން އަޝްފާގް އަހަރެން ގާތު ބުނި ކޯޗޭ ތިމަންނައަށް ދެވޭކަށް ނެތޭ، ތިމަންނަގެ ބުރަކަށީގެ މައްސަލައެއް އެބަ އުޅެޔޭ، އެކަން އަހަރެން ގަބޫލު ކުރިން، އަހަރެންވެސް ގަބޫލު ކުރީ ސިންގަޕޫރު މެޗުގައި މައްސަލައެއް ނެތޭ، ބޫޓާން މެޗަށް އެއްކޮށް ފިޓް ވާނެޔޭ،" ޝެގަޓް ބުންޏެވެ.

ނަމަވެސް ބޫޓާން މެޗުގައި ޕްރެސްއަށް ދާން ބޭނުން ނުވުމުން އޭނާ އެކަން ބަލައި ނުގަންނަ ކަމަށް ޝަގަޓް ބުންޏެވެ. އަޝްފާގް އަކީ މީޑިއާ ދުރު ކުޅުންތެރިޔަކަށް ޕްރެސްގެ ކުރިން އެނގިފައި ނުވޭތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ އޭނާ އަޝްފާގް އާ ފުރަތަމަ ބައްދަލުވީ އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗަށް ފަހުގައި ކަމަށެވެ. އެ މެޗަށް ފަހު އަޝްފާގް މީޑިއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ޕްރެސްއަށް ދާން ބޭނުން ނުވުން އެއީ އަހަރެން ގަބޫލު ކުރާނެ ކަންތައްތަކެއް ނޫން،" ޝެގަޓް ބުންޏެވެ. "ޕްރެސްއަށް ދިއުމުގެ ކުރިން އެހެން ކަންތައްތަކެއް ވެސް ހިނގި، އޭނަ [އަޝްފާގް] ވަނީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި ޓީމުގެ މެނޭޖަރު ގާތު ވާހަކައެއް ދައްކާފަ، އަހަރެން ބޭނުމެއް ނޫން އެކަން މީޑިއާ އާ ހިއްސާ ކުރާކަށް،"

"ޕްރެސްއަށް ފަހު އަޝްފާގާ އަހަރެން ބައްދަލު ކުރިން އަހަރެމެން އެކަކު އަނެކަކަށް ބައްދަލުވުމުން ކޮނޑާ ކޮނޑު ޖައްސާ ސަލާމްވެސް ކުރިން އެ ބައްދަލުވުމުގައި އަހަރެން އަޝްފާގް ކައިރީ ބުނިން، މިހެން މިހެން ވެގެންނޭ އަޝްފާގް ބޫޓާން މެޗުގެ ސްކޮޑުން ބޭރު ކުރީ، އަހަރެން ބުނިން ކުޅުންތެރިންނާއެކު 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އަޝްފާގް ވެސް ވަނީ ވައުދު ވެފައި ނޫންހޭ އަހަރެން ނިންމާ ނިންމުތައް ބަލައިގަންނާނެ ކަމަށް."

ކޯޗު ބުނީ، އަޝްފާގް އާ މެދު ފިޔަވަޅު އެޅީ އެކަންކަން އެގޮތަށް ދިމާވެގެން ކަަމަށެވެ.

އަދި އެއްވެސް ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅަނީ އަދަބެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި ކޮންމެ ފިޔަވަޅެއް އަޅާނީވެސް އެ ކުޅުންތެރިޔަކު އިސްލާހު ކުރުމަށް ކަމަށެވެ.

"އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދަރިން ތިބި މީހުން، ދަރިން ބަސް ނޭހީމަ އަދަބު ދެނީ ކޮންމެހެން އެ ކުދިންނަށް އަދަބު ދިނުމަކަށް ނޫން، އެއީ އެކުދިން އިސްލާހުކޮށް ރަނގަޅު ދަރިންތަކަކަށް ހެދުމަށްޓަކައި،" މިސާލެއް ދައްކަމުން ޝެގަޓް ބުންޏެވެ.

"މީގެ ފަސް އަހަރު ކުރިން އަޝްފާގް އާއި ނުވަތަ ޓީމުގެ އެހެން ސީނިއާ ކުޅުންތެރިންނާ މެދުވެސް ވެސް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތް ނަމަ އަޝްފާގާއި ޓީމުގެ ސީނިއާ އެހެން ކުޅުންތެރިންވެސް ގައުމީ ޓީމު ތަމްސީލު ކުރަން ކުރިއަށް ނިކުންނާނެ، ނަމަވެސް މިއިން އެއްވެސް ޒަމާނެއްގައި އެއްވެސް ކޯޗަކު ފިޔަވަޅު އަޅާފައި ނެތުމަކީ އަހަރެން ގަބޫލު ކުރާނެ ކަމެއް ނޫން."

އޭނަ ބުނީ، ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގައި އަންނަން ހަމަޖެހިފައިވާ ގަޑިއަށްވުރެ މިނެޓް ކޮޅެއް ލަހުން ދިޔަ ތިން ކުޅުންތެރިޔަކަށް އޭނަ ފިޔަވަޅު އަޅާފައިވާނެ ކަމަށާއި އެ ކުޅުންތެރިންނަށް އެ ދުވަހުގެ މެޗުގައި ފުރުސަތު ދިނީ ބެންޗުން ކަމަށެވެ.

"އަހަންނަށް ހީވަނީ މިވަގުތު އަޝްފާގް ވެސް އެކަމާ [އެޅި ފިޔަވަޅާ މެދު] ވިސްނާނެ ހެން، އެއީ އޭގެ ފަހުން ފެންނަނީ ވަރަށް ސައިލެންޓްކޮށް ހުންނަތަން، އެކަމާ ބެހޭގޮތުން އޭނަ އެއްވެސް ވާހަކަ އެއް ދައްކާފައެއް ނުވޭ،" ޝެގަޓް ބުންޏެވެ. "މިކަމާ ބެހޭގޮތުން ވާހަކަ ދައްކާތަން އަހަންނަށް ފެންނަނީ ހިނގާދިޔަ ކަންކަން މުޅިން ސާފު ނުވާ މީހުން."