ވިޔަފާރި

އެލައިޑް ބިލްޑާސް އިންޝުއަރެންސްއިން މަސީ އަށް ހެޔޮ އަގެއް

Apr 3, 2018

އެލައިޑްއިން އިމާރާތް ކުރުމުގެ ސިނާއަތަށް ތައާރަފުކޮށްފައިވާ " ބިލްޑާސް އިންޝުއަރެންސް" މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ މެންބަރުންނަށް އަގުހެޔޮކޮށް ދޭން ނިންމައިފި އެވެ.

"އެލައިޑް ބިލްޑާސް ޑިނާ" ގެ ނަމުގައި ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ ސޭލްސް މެނޭޖާ މުހައްމަދު ޝިރުނީލް ވިދާޅުވީ މި ޕޮލިސީއަކީ އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރަމުން އަންނަ މިންވަރަށް ބެލުމަށްފަހު ގިނަ ރައްކާތެރިކަން ފުޅާ ދާއިރާއެއްގައި ހިމަނައިގެން ފަރުމާކޮށްފައިވާ ޕޮލިސީއެއް ކަމަށެވެ. މި ޕޮލިސީ މަސީގެ މެންބަރުންނަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

"މި ޕޮލިސީ ފަރުމާކޮށްފައިވަނީ ތާޑްޕާޓީ ވެސް ކަވަރު ކުރާ ގޮތަށް. މިސާލަކަށް މަސައްކަތް ކުރާ ސަރަހައްދަކުން މީހަކުދަނީ ދަނިކޮށް އެއްޗެއް ވެއްޓުނީ އެފަދަ ހާދިސާތަކުގައި މީހާ އާއި އެ ގެއްލުންވާ އެއްޗެއް ވެސް ކަވާ ކުރާނެ،" ޝިރުނީލް ވިދާޅުވި އެވެ.

އެލައިޑަށް 33 އަހަރު ފުރުމުގެ ގޮތުން ޖެނުއަރީ މަހު ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް" ގައި ތައާރަފުކުރި މި އިންޝުއަރެންސް ޕޮލިސީގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ "ބިލްޑާސް ބޭސިކް" އާއި
"ބިލްޑާސް ބޭސިކް ޕްލަސް" އަދި "ބިލްޑާސް ޕްރިމިއަމް" އެވެ.

"ބިލްޑާސް ބޭސިކް" ޕެކޭޖުގެ ދަށުން ތަކެއްޗަށް ވާ ގެއްލުމާއި ތާޑް ޕާޓީ ލައިބިލިޓީ ކަވަރު ކޮށްދޭނެ އެވެ. ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނާއި ތަކެއްޗަށް ލިބޭ ގެއްލުތައް ކަވަރު ކުރެ އެވެ. އަދި "ބިލްޑާސް ބޭސިކް ޕްލަސް" ޕެކޭޖުގެ ދަށުން ތަކެއްޗަށް ލިބޭ ގެއްލުމާއި ތާޑް ޕާޓީ ލައިބިލިޓީގެ އިތުރުން ގުރޫޕް ޕާސަނަލް އެކްސިޑެންޓްވެސް ކަވަރު ކުރެ އެވެ. އަދި "ބިލްޑާސް ޕްރިމިއަމް" ޕެކޭޖުގެ ދަށުން ތަކެއްޗަށް ލިބޭ ގެއްލުމާއި ތާޑް ޕާޓީ ލައިބިލިޓީ އަދި ގްރޫޕް ޕާސަނަލް އެކްސިޑެންޓުގެ އިތުރުން އިމާރާތް ކުރާ މެޝިނަރީތަކަށް ލިބޭ ގެއްލުންވެސް ކަވަރު ކޮށްދެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފުޅާކޮށް އިންޝުއަރެންސުގެ ހިދުމަތްދޭ ކުންފުންޏަކީ މި ސަރަހައްދުގައި އެންމެ ފުޅާކޮށް މި ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެލައިޑުގެ އިންޝުއަރެންސް ގާބިލްކަން 120 މިލިއަން ޑޮލަރަށްވުރެ އިތުރެވެ.