ހޮލީވުޑް

ޗެނިން ޓޭޓަމް އާއި ޖެނަ ޑުވާން ވަރިވަނީ

މަޝްހޫރު އެމެރިކާގެ އެކްޓާ ޗެނިން ޓޭޓަމް އާއި އެކްޓްރެސް ޖެނަ ޑުވާން އަށް އަހަރުވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު ވަކިވާން ނިންމައިފި އެވެ.

އެ ދެ ތަރިން ޓުވިޓާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ވަކިވާން ނިންމީ ބޮޑު މައްސަލަތަކެއް ޖެހިގެން ނޫންކަމަށެވެ. ވަކިވާން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައިނުވާއިރު، އެ ނިންމުމަކީ ދެ މީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އެކުގައި ނިންމި ނިމުމެއްކަށް ބުނެފައިވެ އެވެ.

ޗެނިން އާއި ޖެނަ އެންމެ ފުރަތަމަ ދިމާވީ 2006 ވަނަ ނިކުތް ފިލްމު "ސްޓެޕް އަޕް" ގެ މަސައްކަތް ފެށި ދުވަސްކޮޅު އެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިޔައީ މި ދެ މީހުންނެވެ. މި ދެމީހުން ކައިވެނި ކުރީ 2009 ގަ އެވެ.

ޗެނިން އާއި ޖެނަ ވަކިވާން ނިންމިއިރު އެ ދެމީހުންގެ ހަތަރު އަހަރުގެ އަންހެން ދަރިޔަކުވެސް އެބަހުއްޓެވެ. ދެ މީހުން ވަކިވިޔަސް ދަރިފުޅަށް ދޭންޖެހޭ އަޅާލުމާއި އޯގާތެރިކަން އަބަދުވެސް ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދެމީހުން 2008 ގައި އެންޖޭޖުވިއިރު، ރޭޑިއޯ ވަންއަށް މިދިޔަ އަހަރު ޗެނިން ދިން އިންޓަވިއުއެއްގައި އެމީހުންގެ އެންޖޭޖުމަންޓުދިޔައީ ރޭވިގޮތަށް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޖެނަ ހެލްތް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އެ ދެމީހުންގެ ކައިވެނީގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަހަލަ ގޮތަކަށް ވާހަކަދައްކާފައިވެ އެވެ.