ހޮލީވުޑް

"ސްޓީވް ޖޮބްސް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި

އެޕަލް ކުންފުންޏާ އެކު ދުނިޔެ ބަދަލުކޮށްލި އުފެއްދުންތެރިޔާ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އާ ފިލްމު "ސްޓީވް ޖޮބްސް" ގެ ފުރަތަމަ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މިއީ "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ އެވޯޑް ހާސިލުކުރި އިނގިރޭސި ވިލާތުގެ ޑައިރެކްޓަރު ޑެނީ ބޮޔޭލް ޑައިރެކްޓްކޮށް ސްޓީވް ޖޮބްސްގެ ރޯލު، މިކައިލް ފަސްބެންޑާ ކުޅެފައިވާ ފިލްމެކެވެ.

ޖޮބްސްގެ ރޯލު، އެޝްޓަން ކުޗާ ކުޅުނު، 2013 ވަނަ އަހަރުގެ ފިލްމު "ޖޮބްސް" އާ ހިލާފަށް މި ފިލްމަކީ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް ވޯލްޓާ އިސާކްސަން ލިޔުނު ރަސްމީ ބަޔޮގްރަފީ "ސްޓީވް ޖޮބްސް" ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެހެންވީމަ "ޖޮބްސް" އަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފިލްމު ފުރިހަމަވާނެ ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން މި ފިލްމު އޭރޮން ސޯކިންގެ ސްކްރިޕްޓަކަށް އުފެއްދުމަކީ ވެސް ބެލުންތެރިން ކެތްމަދުވެފައިވާ ސަބަބެކެވެ.

އޭނާ އަކީ ފޭސްބުކްގެ ވާހަކަ ކިޔައިދިން "ދަ ސޯޝަލް ނެޓްވޯކް" ވެސް ލިޔުނު ސްކްރީންރައިޓަރެވެ.

މި ފިލްމުގައި ޖޮބްސްގެ ރޯލުން ފަސްބެންޑާ ފެނިގެންދާއިރު މި ރޯލު ކުޅޭނެ ފަރާތެއް ހޯދުމަށް ކުރަން ޖެހުނު ދިގު ދަތުރު ފާހަގަކޮށްލެވެ އެވެ. އެގޮތުން ލީޑް ރޯލަށް ލިއަނާޑޯ ޑިކެޕްރިއޯ އާއި ކްރިސްޓިއަން ބޭލް އަދި މެޓް ޑޭމަން ވެސް ނަގަން މަސައްކަތްކޮށްފައިވެ އެވެ.

ނަމަވެސް އެންމެފަހުން މި ކުޅިގަނޑެއް ދިގުލައިގެން ގޮސް ފިލްމު އުފައްދަން އެންމެ ފުރަތަމަ ނުކުތް ސްޓޫޑިއޯ ކަމުގައިވީ ސޮނީ އިން މި ފިލްމު ވެސް ވިއްކާލީ އެވެ. އެއަށް ފަހު ފަސްބެންޑާ ލީޑް ރޯލަށް ނަގައިގެން މިހާރު މި ފިލްމު ގެނެސްދެނީ ޔުނިވާސަލް އިންނެވެ.

ފިލްމުގައި ޖޮބްސްގެ ގާތް އެކުވެރިޔާ ވޮޒްނައިކްގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު ކޮމޭޑިއަން ސެތު ރޯގެން އެވެ. އޭނާގެ އިތުރުން ކޭޓް ވިންސްލެޓާއި ޖެފް ޑެނިއަލްސް ފަދަ މަޝްހޫރު ތަރިން ވެސް މި ފިލްމުގައި ހިމެނެ އެވެ.

ފިލްމު ސިނަމާތަކަށް ނެރޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ސްޓީވް ޖޮބްސްގެ ހަޔާތަށް 2013 ވަނަ އަހަރު އުފެއްދި ފިލްމަކީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ފިލްމެކެވެ. އެހެންވީމަ މި ފިލްމަށް އިންތިޒާރުކުރުން ކޮންމެހެން ވެސް މުހިންމެވެ.