ދިވެހި ސިނަމާ

"ތިޔަ ލޯތްބާ ދުރަށް"ގެ ޓިކެޓް ވިއްކަން ފަށައިފި

މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ޓެކްނޯ މީޑިއާގެ ފަރާތުން ގެނެސްދޭ މި ފިލްމު ރިލީޒްކުރާނީ މި މަހު 21 ގަ އެވެ. މި ފިލްމުގެ ފަސް ޝޯއެއްގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަށް ރޭގަނޑު 10:00 އަށް ޓިކެޓް ވިއްކާނެ އެވެ. ޕްރިމިއާ ޝޯގެ ޓިކެޓް 150 ރުފިޔާއަށް ވިއްކާއިރު ބާކީ ހުރި ޝޯތަކުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ. ތަރުހީބު ލިބޭނަމަ އިތުރު ޝޯތައްވެސް ގެނެސްދޭނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

މި ފިލްމުގެ ޝޯތަކެއް ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. ފިލްމުގެ ކައުންޓްޑައުން ޝޯތަކެއް މިހާރު އަންނަނީ ގޯޕްލަސް ޓީވީ އިން ދައްކަމުނެވެ.

"ތިޔަ ލޯތްބާ ދުރަށް"ގެ ޓްރެއިލާ.

ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ ލަވަތަކުގެ ރިންގުޓޯން އައިޑީތައްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މައިޓޯންސް އަދި ރީތި ޓިއުންސް ބޭނުންކުރާ ފަރާތްތަކަށް މިހާރު ފޯނުގެ ކޯލް ރިންގުޓޯންއަށް މި ލަވަތައް ލެވޭނެ އެވެ.

ލޯތްބާއި އައިލީ ކަންކަމާއި އަދި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް، މަލީހާ ވަހީދާ، މަރިޔަމް ޝަހްޒާ، އަހްމަދު އަމަން އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.

މާލޭގެ އިތުރުން މި ފިލްމު ފުވައްމުލަކު، އައްޑޫ، ލ.ގަން އަދި ކުޅުދުއްފުށީގައިވެސް އަޅުވާނެ އެވެ. ލަންކާގައިވެސް ފިލްމުދެއްކުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.