ކުޅިވަރު

ރޮނާލްޑޯގެ ލަނޑަށްވުރެ އަހަރެންގެ ގޯލް މާފުރިހަމަ ވާނެ: ޒިދާން

ޗެމްޕިއަންސް ލީގްގައި ކްއާޓާ ފައިނަލުގައި، ރޭ ޔުވެންޓަސް ކޮޅަށް ބައިސްކަލް ކިކުން ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑަށް ވުރެ، 2002 ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލުގައި އޭނާ ޖެހި ލަނޑު މާ ފުރިހަމަ ވާނެ ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގައި 2002 ވަނަ އަހަރު ފައިނަލުގައި، ރެއާލް މެޑްރިޑާއި ބަޔާން ލެވަކޫސަން ބައްދަލު ކުރި މެޗު ރެއާލް ކާމިޔާބު ކުރީ 2-1 ންނެވެ. އެ މެޗުގައި ރެއާލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ އޭރު އެ ޓީމުގެ މިޑްފީލްޑަރަކަށް ކުޅުނު ޒިދާން އެވެ.

ސްކޮޓްލޭންޑްގެ ގްލަސްގޯގެ ހޭމްޕްޑިން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އޭރު ރެއާލްގެ ވާތު ބެކަށް ކުޅުނު ރޮބާޓޯ ކާލޯސް ނަގައިދިން ހުރަސް ޒިދާން ގޯލްގެ ތެރެއަށް ފޮނުވާލީ ބޯޅަ ވައިގެ ތެރޭގައި އޮއްވަ އެވެ. އެ ލަނޑު ފާހަގަ ކުރެވިފައި ވަނީ ޗެމްޕިއަންސް ލީގްގެ ތާރީހްގައި ކާމިޔާބު ކުރި އެންމެ ހިތްގައިމު އެއް ލަނޑުގެ ގޮތުގަ އެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ޒިދާން އެވެ.

ޗެމްޕިއަންސް ލީގްގައި 2002 ވަނަ އަހަރު ޒިދާން ޖެހި ގޯލް

ރޭގެ މެޗުގައި ރޮނަލްޑޯ، ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، އޭރިއާގެ ބޭރުން ޑެނިއަލް ކަރަވަހާލް ނަގައިދިން ބޯޅަ، ބައިސްކަލް ކިކަކުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

"ކްރިސްޓިއާނޯ [ރޮނާލްޑޯ] ގެ ގޯލަކީ ޗެމްޕިއަންސް ލީގްގެ ތާރީހްގައި އެންމެ މޮޅު ލަނޑަށް ވާނެ،" ޒިދާން ބުންޏެވެ. "ނަމަވެސް އަހަރެން ގްލަސްގޯ ގައި ޖެހިގޯލް މާހަށިގަނޑު ފުރިހަމަ ވެފަ ރީތި ވާނެ، މިކަހަލަ ގޯލް ޖެހުމަށްޓަކައި ޖެހޭނީ ހަރަކާތް އަވަސް ކޮށްފައި ހަށިގަނޑު ލަނބާލައިގެން ޖަހަން."

ކްއާޓާ ފައިނަލު ފުރަތަމަ މެޗުގައި. ރޮނާލްޑޯ ޖެހި ގޯލް

އެ ލަނޑު ރޮނާލްޑޯ ޖެހުމުން، ޔުވެންޓަސްގެ ސަޕޯޓަރުން ވެސް ވަނީ ތަރުހީބު ދީފަ އެވެ. ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ މެޗަށް ފަހު ބުނެފައި ވަނީ އެކަހަލަ ލަނޑެއް ޖެހުމުން ތަރުހީބު ދޭން ޖެހޭ ކަމަށެވެ.