ބޮލީވުޑް

ސަަލްމާންގެ "ބާރަތް" އިން ކެޓްރީނާއެއް ނުފެންނާނެ

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތް" އިން ކެޓްރީނާ ފެނިގެންދާނެ ކަމަށް ވާހަކަދެކެވުނެވެ. ނަމަވެސް އެއީ ތެދު ހަބަރެއް ނޫންނަކަމަށް ބޮލީވުޑްގެ ރިޕޯޓުތައް މިހާރުވަނީ ބުނެފަ އެވެ.

ކެޓްރީނާ އެ ފިލްމު ކުޅެން އެއްބަސްނުވީ މިއަހަރު އޭނާ އިތުރު ދެ ފިލްމެއްގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާތީ ކަމަށްވެ އެވެ. ޝާރުކް ހާންގެ "ޒީރޯ" އާއި އާމިރް ހާންގެ "ތަގްސް އޮފް ހިންދުސްތާން"ގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކެޓްރީނާ ވަނީ މިއަހަރު އިތުރު ފިލްމެއް ކުޅުމަށްވެސް އެއްބަސްވެފަ އެވެ. އެއީ ރެމޯ ޑިސޫޒާގެ ޑާންސް ފިލްމު "އޭބީސީޑީ 3" ގަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރުން ދާވަންއާއެކު އެވެ.

އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން ސަލްމާންގެ ބާރަތްގެ ލީޑު ބަތާލާއަކަށް ނެގުން އެންމެ ގާތީ ޕްރިޔަންކާ ޗޯޕްރާ އެވެ. މި ހަބަރުވެސް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ޝްރައްދާ ކަޕޫރުވެސް މި ފިލްމުގެ ބަތަލާއަކަށް ނަގާފާނެ ކަމަށް ވާހަކަދެކެވުނެވެ. ނަމަވެސް ޝްރައްދާ ވަނީ ދާދިފަހުން އެ ހަބަރު ދޮގުކޮށްފަ އެވެ.

ސަލްމާންވެސް މިއަަހަރު ގިނަ ފިލްމުތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ސަލްމާން މިހާރު ކުރަމުން އަންނަނީ "ރޭސް 3" ގެ މަސައްކަތެވެ. އެ ފިލްމަށްފަހު އޭނާ ދެން ޝޫޓުކުރަން ފަށާނީ "ދަބަންގް 3" ގެ މަސައްކަތެވެ.

"ބާރަތް"ގެ ޝޫޓިން ފަށާނީ ދަބަންގް 3 ގެ ޝޫޓިންއަށްފަހު އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރު އީދުގަ އެވެ.