ކުރީގެ ކާމިޔަބުތަކާއި ރެކޯޑްތަކާއެކު ލިވަޕޫލުގެ ތާރީހް ވަނީ ފުރިފައި ކަމަށާއި މިހާރުގެ ޓީމުން ތާރީހީ އާ ސޮފްހާތަކެއް ލިޔަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގައި ގަދަ އަށެއްގައި ލިވަޕޫލް މި ވާދަ ކުރަނީ ހަތް އަހަރު ފަހުންނެވެ. ލިވަޕޫލުން އެންމެ ފަހުން ޗެމްޕިއަންސް ލީގް ކަމިޔަބު ކުރީ 2005 ވަނަ އަހަރު އެވެ. ކްލޮޕް ބުނީ އޭނާގެ ދައުރުގައި ލިވަޕޫލަށް އެ ކާމިޔާބު ހޯދައިދީ އާ ސޮފްހާތަކެއް ލިޔަން ބޭނުންވަ ކަމަށެވެ.
ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ލިވަޕޫލް މިރޭ ނިކުންނާނީ، ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ކްލޮޕް ބުނީ، ޗެމްޕިއަންސް ލީގްގައި މި އަހަރު އެންމެ ވަރުގަދަ ޓީމަކަށް އޮތީ މެންޗެސްޓާ ސިޓީ ކަމަށާއި އެންމެ ބޮޑު ފޭވަރިޓަކީވެސް އެ ޓީމު ކަމަށެވެ.
"އަހަންނަށް މި އަހަރު ސިޓީ އެނގޭ ބާސެލޯނާ، ރެއާލް މެޑްރިޑް ނުވަތަ ބަޔާން މިޔުނިކް އެނގޭ ވަރަށް ވުރެ ބޮޑަށް، ސަބަބަކީ އެ ޓީމުގެ މެޗުތައް ކުރިއަށް ވުރެ ގިނައިން އަހަރެން ބަލަން، މި ހުރިހާ ޓީމުތަކަށް ވުރެ، މި ސީޒަންގައި ސިޓީ މާ މޮޅަށް ކުޅޭ." ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ސިޓީގައި ވެސް ބަލިފައިތައް އެބަހުރި ކަމަށެވެ. ނަމަވެސް މި ވަގުތަކީ އެ ވާހަކަތައް ދައްކަންވީ ވަގުތެއް ނޫން ކަމަށެވެ.
"އެ ޓީމުގެ ބަލިފައްތައް އަހަރެން ހާމަ އެއް ނުކުރާނަން، އަދި އެ ޓީމުވެސް އެންމެ ފުރިހަމަ އެއް ނޫން، އެންމެ ފުރިހަމަ ވުމަކީ ވާނެ ކަމެއްވެސް ނޫން،" ކްލޮޕް ބުންޏެވެ. "ނަމަވެސް މި ވަގުތަކީ ބަލިފައިތަކުގެ ވާހަކަ ދައްކަންވީ ވަގުތެއް ނުން، މިއީ މެޗާ ބެހޭގޮތުން މައުލޫމަތު ދީ އެ ޓީމަށްވެސް އިހްތިރާމު ކުރަންވީ ވަގުތު."
ލިވަޕޫލުން ސިޓީއާ ދެކޮޅަށް ނިކުމެ ކުޅުންތެރިންގެ 100 ޕަސަންޓް މެޗަށް ދޭން ޖެހޭނެ ކަމަށާއި ލިވަޕޫލާ ދެކޮޅަށް ވަރުގަދަ އަށް ވާދަ ކޮށްލެވޭނީ ވެސް އޭރުން ކަމަށް ޖަރުމަންގެ ކޯޗު ބުންޏެވެ.