ލައިފްސްޓައިލް

ޖުޕިޓަ ބަލަން ދިއުމުގެ ކުރިން އޭގެ ޝައުގުވެރިވަނިވި ވާހަކަތައް

"ސައިންސް އެންމެނަށް" ކިޔުނު ފޭސްބުކް ގްރޫޕެއް ހިންގާ، ސައިންނަށް ލޯބިކުރާ ދިވެހި ޒުވާން ކުދިންތަކެއް ގުޅިގެން މިރޭ އެ ދަނީ ޖުޕިޓަރުގެ އަޖާއިބުތައް ދިވެހިންނަށް ދެއްކުމަށް ތައްޔާރުވަމުންނެވެ. 

މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދަށް ވަދެ ބޯދިއްކޮށްލަނިކޮށް މިރޭ ފަހަރެއްގައި ޖުޕިޓަ ފެނިދާނެ އެވެ. މި ހަރަކާތެއް އޮތީ 7:30 އިން ފެށިގެން 9:30 އަށެވެ.

ތިން ޓެލެސްކޯޕު އެތަނުގައި ބަހައްޓާފައިވާއިރު ކުޑަކުދިން ވެސް ގޮސް ހަމަ ޖުޕިޓަ ބަލައިގެން އަޖާއިބުވާންވީ އެވެ.

އެކަމަކު އޭގެ ކުރިން ޖުޕިޓަރާ ބެހޭ އާދަޔާހިލާފު އަދި އޭގެ ޝައުގުވެރި ބައެއް ވާހަކަތަކަށް މި އޮތީ ކުޑަ ވަގުތުކޮޅެކެވެ.

ޖުޕިޓަ މިއީ އަހަރެމެންގެ ސޯލާ ސިސްޓަމަށް ނިސްބަތްވާ އެންމެ ބޮޑު ޕްލެނެޓެވެ. މިހެން ބުންޏަކަސް މި ޖުޕިޓަރެއްގެ ސައިޒެއް އަދި ހިޔާލަކަށް ނުގެނެވިދާނެ އެވެ.

އެހެންވީމަ ޖުޕިޓަގެ އާދަޔާހިލާފު ސައިޒުގެ ވާހަކަ ކިޔައިދޭން ޖެހޭނީ އަހަރެމެން ދިރިމިއުޅޭ ކުޑަކުޑަ ދުނިޔެއާ އަޅާކިޔާލައިގެންނެވެ. ޖުޕިޓަގެ ސައިޒަށް މި ދުނިޔެ ސައިޒުގެ 12 ދުނިޔެ ނިކަން ރީއްޗަށް ފިޓްކޮށްލެވޭނެ އެވެ. އެހާ ވެސް ޖުޕިޓަ ބޮޑެވެ.

މިއީ ބިމުގެ ހަރު ފަށަލައެއް އޭގައި ހިމެނޭ ޕްލެނެޓެއް ނޫނެވެ. ޖުޕިޓަ އަކީ ގޭހެވެ. "ގޭސް ޖަޔަންޓެއް" ގެ ގޮތުގައި ޖުޕިޓަ މަޝްހޫރުވެފައި ވަނީ ވެސް އެ ސަބަބާ ހެދި އެވެ.

ނަމަވެސް މިއީ އަހަރެމެންގެ ސޯލާ ސިސްޓަމަށް ނިސްބަތްވާ ޕްލެނެޓްތަކުގެ ތެރެއިން ވިދުން ވަރަށް ގަދަ ޕްލެނެޓެކެވެ.

އިރާއި ހަނދާއި އަލިގަދަ ވީނަސް އަށް ފަހު އެންމެ ބޮޑަށް ވިދައި ބަބުޅާ ޕްލެނެޓަކީ މިއީ އެވެ.

މަސްވެރިންގެ ޕާކުން މިރޭ އެ ތަޖުރިބާކުރެވިދާނެ އެވެ.

މިއީ ވަރަށް ވައިގަދަ ޕްލެނެޓެކެވެ. ފޮޓޯތަކުން ފެންނައިރު ވެސް އެކި ކުލަކުލައިގެ ބޭންޑްތަކެއް އޭގެ ވަށައިގެން އެޅިފައިވާ މަންޒަރު އެ ފެންނަނީއެއް ނޫން ހެއްޔެވެ؟ އެއީ ވައި ގަދަވީމަ އޭގެ އަސަރެވެ.

ޖުޕިޓަގައި ގަޑިއަކު 400 މީޓަރުގެ ބާރު މިނުގައި ވައިޖެހެ އެވެ. މި ވައި ރޯޅިތަކާ އެކު އޭގެ ވަށައިގެން އެކި ކުލަކުލައިގެ ފަށަލަތަކެއް އެޅިފައިވާއިރު މި އެކި ފަށަލަތަކުގައި ވެސް ފިނިހޫނުމިން ތަފާތުވެފައި އެ މާހައުލުތަކަށް ނިސްބަތްވާ ކެމިކަލްތައް ވެސް ތަފާތެވެ. ފޮޓޯތަކުން ފެންނަ އާދަޔާހުލާފުކުލަތަކުގެ އަސްލަކީ ވެސް މި މަސްހުނިގަނޑެވެ.

ޖުޕިޓަގެ އެންމެ މަޝްހޫރު ސިފަ އަކީ އޭގެ "ރެޑް ސްޕޮޓް" ގެ ވާހަކަ އެވެ. މިރޭ ޓެލެސްކޯޕު އަޅައިގެން ޖުޕިޓަ ބަލާއިރު ކޮންމެހެން ވެސް އެ ބުނާ ރެޑް ސްޕޮޓެއް ފެނޭތޯ ބަލަން ޖެހޭނެ އެވެ.

މި ރެޑް ސްޕޮޓަކީ ޖުޕިޓާގައި އެތައް އަހަރެން ވަންދެން އުފެދި އެނބުރެމުން ދާ ބޮޑު ތޫފާނެކެވެ. މިހާރު ވެސް މި ތޫފާނަށް 300 އަހަރު ވެއްޖެ އެވެ.

މި ތޫފާނެއްގެ ބޮޑު ކަމަކީ އޭގެ ތެރެއަށް މީގެ ތިން ދުނިޔެ ލައި ފޮރުވޭހާ ވެސް ބޮޑީ އެވެ.

އެއަށް ފަހު މި ޕްލެނެޓުގެ އަނެއް ޝައުގުވެރިވަނިވި ސިފަ އަކީ އޭގެ ހަނދުތަކެވެ. މި ސޯލާ ސިސްޓަމަށް ބަލާއިރު އެންމެ ގިނަ ހަނދު ވެސް ނިސްބަތް ވަނީ ޖުޕިޓަރަށެވެ.

ޖުޕިޓަގެ އެންމެ މަޝްހޫރު ހަތަރު ހަނދު ހޯދި ފަރާތަކީ ސެލެބްރިޓީ ފަލަކީ އިލްމުވެރިޔާ ގަލީލިއޯ އެވެ.

ޖުޕިޓާ އިން ފެނިފައިވާ ހަނދުގެ އަދަދު މިހާރު ވަނީ 64 ކަށް އަރައިފަ އެވެ.