ވިޔަފާރި

އުރީދޫ ނެކްސްޓަށް ވައިބާ ގުޅިއްޖެ

Apr 4, 2018
1

ބޭނުންވާ މުހިންމު ގިނަ މައުލޫމާތު ތަކެއް ލިބޭ ގޮތަށް ތައާރަފުކޮށްފައިވާ "އުރީދޫ ނެކްސްޓް" ގެ ހިދުމަތަށް ވައިބާ ގުޅިއްޖެ އެވެ.

"އުނިމާ ގްރޭންޑު" ހޮޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ނެކްސްޓުގެ ހިދުމަތަށް ވައިބާ މި ތައާރަފުކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ. ހިދުމަތް ތައާރަފު ކުރެއްވުމަށްފަހު، ނަޖީބު ވިދާޅުވީ އެ ކުންފުނިން މިއަދު ތައާރަފު ކުރާ މި ހިދުމަތްކީ ކަސްޓަމަރުންނަށް ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ.

"ވައިބާއަކީ މިހާރު ކޮންމެ މީހެއްގެ ފޯނުގައި ވެސް އޮންނަ ހިދުމަތެއް. އެހެންވެ މިއީ އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަކަށް ވާނެ،" ނަޖީބު ވިދާޅުވި އެވެ.

"އެންމެން ވެސް ވަރަށް ތަފާތު އެންމެން ވެސް އުރީދޫ" ގެ ނަމުގައި ހުރިހާ އުމުރުފުރާތަކުގެ މީހުންނަށް ހާއްސަކޮށް ހިދުމަތް ބައްޓަން ކުރަމުން ގެންދާ ކުންފުނިން "އުރީދޫ ނެކްސް" ގެ ހިދުމަތް ތައާރަފުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އުރީދޫ އާއި މަޝްހޫރު ސިލިކަން ވެލީ ކުންފުނީގެ "ފާސްޓްފޯވާޑް. އޭއައި" ގުޅިގެން މި ހިދުމަތް ފުރަތަމަ ތައާރަފު ކުރީ ފޭސްބުކް މެސެންޖާ އަށެވެ. މި ހިދުމަތް ބައްޓަން ކޮށްފައިވަނީ މީގައި އިންނަ ބާކޯޑު ސްކޭން ކޮށްލުމުން އުރީދޫގެ ހުރިހާ ހިދުމަތެއް ލިބޭ އެންޖޭޖްމަންޓް ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.

"ޑިޖިޓަލް ދިވެހިރާއްޖެ" އަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ކުންފުނިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

އުރީދޫންއަކީ ކުރީގެ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް އެވެ. ވަތަނިއްޔާއިން ރާއްޖޭގައި ހިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް އާ ގިނަ ހިދުމަތްތަކެއް ތައާރަފު ވެގެން ދިޔަ އެވެ.