ހަބަރު

ފާއިޒާއި މުއުތަސިމް ވަކިކުރީ ރަނގަޅަކަށް ނޫން، އެކަމާ މެދު އަލުން ވިސްނަންޖެހޭ: ގެބްރިއަލާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ނިންމި އިޖްރައާތު ރަނގަޅު ނޫން ކަމަށާއި އެކަމާ މެދު އަލުން ވިސްނަންޖެހޭ ކަމަށް ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ރެޕަޓުއާ ގެބްރިއާލާ ނައުލް ވިދާޅުވެއްޖެ އެވެ.

ފާއިޒާއި މުއުތަސިމް ވަކިކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ގެބްރިއަލާ މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އެ ދެ ބޭފުޅުން ވަކި ކުރުމުގައި އަމަލުކުރި އިޖްރައާތު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް އެއާ ޚިލާފަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އަމަލުކުރި ގޮތަށް ވެސް ގެބްރިއަލާ ވަނީ ފާޑު ވިދާޅުވެފަ އެވެ.

" އެ ދެ ބޭފުޅުން ވަކި ކުރަން ނިންމުމުގައި ހާމަކަން ނެތުމާއި އިޖްރައާތު ފުރިހަމަ ނުކުރުމުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އަމަލުކުރި ގޮތާ ވެސް ސުވާލު އުފެދޭ، އެގޮތަށް ނިންމި ސަބަބު ހާމަ ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." ގެބްރިއަލާގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހުރިހާ މަރުހަލާއަކަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އެ ބަޔާނުގައި ގެބްރިއަލާ ވިދާޅުވެފައިވެ އެވެ. އަދި އެ ދެ ބޭފުޅުން ވަކިކުރަން ނިންމި ނިންމުމާ މެދު އަލުން ވިސްނައި، އިޖްރައާތުގެ ތެރެއިން ކަންކަން ނިންމުމަށް ވެސް ގެބްރިއާލާ ގޮވާލާފައިވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމަނާ ރާއްޖެ ކުރެއްވި ދަތުރުފުޅުގައި ވެސް ގާނޫނުގެ ވެރިކަމާއި ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް އިހްތިރާމް ނުކުރާ ކަން ފާހަގަވެގެން ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

ގެބްރިއަލާ މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޝަރުއީ ނިޒާމާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވި އެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލަ ގޮތުގައި އެކަމަނާ ފާހަގަ ކުރެއްވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބުމުގެ މައްސަލަ އެވެ.

ފާއިޒާއި މުއުތަސިމް ވަކިކުރުމާ ގުޅިގެން ރާއްޖެ އާއި ބައިނަލްއަގްވާމީ ގިނަ ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.