ކުޅިވަރު

ބާސާ އާއި ލިވަޕޫލުން ސެމީގެ ދޮރު ހުޅުވައިފި

އަމިއްލަ ދަނޑުގައި ކުޅުނު މެޗުތައް ކާމިޔާބު ކޮށް ބާސެލޯނާ އާއި ލިވަޕޫލުން ޔޫއެފްއާ ޗެމްޕިއަންސް ލީގްގެގެ ސެމީ ފައިނަލުގެ ފުރަތަމަ ދޮރު ހުޅުވައިފި އެވެ.

ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލު ކާމިޔާބު ކުރީ 3-0 ން ނެވެ. ލިވަޕޫލުގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ ގާތްގަނޑަކަށް މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގަ އެވެ.

ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި، ރޮބާޓޯ ފެރުމީނޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ. ދެ ވަނަ ލަނޑު އޭގެ ހަތް މިނެޓް ފަހުން އެލެކްސް ޗެމްބަލިން ކާމިޔާބު ކުރީ ޖޭމްސް މިލްނާ ދިން ފުރުސަތެއްގަ އެވެ.

ތިން ވަނަ ލަނޑު ޖަހަން ހޭދަވީ ގާތްގަނޑަކަށް 10 މިނެޓްއިރު އެވެ. މެޗުގެ 31 ވަނަ މިނެޓްގައި، ސެޑިއޯ މާނޭ ލަނޑު ޖެހީ ސަލާހް ދިން ރީތި ޕާހެއްގަ އެވެ. ސަލާހް ޕާސް ދިނީ، ބޯޅައިގައި ޗިޕުކޮށްލުމަށްފަހު ޑިފެންސްގެ ބޯމަތިން ހުރަސް ކޮށްލުވާފަ އެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ލިވަޕޫލް އެންމެ ފަހުން ދަތުރު ކުރީ މީގެ 10 އަހަރު ކުރިންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގްގައި، ސިޓީ ބަލި ކުރި ހަމައެކަނި ޓީމަކީވެސް ލިވަޕޫލެވެ.

އިޓަލީ އޭއެސް ރޯމާ އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ބާސާ ކާމިޔާބު ކުރީ 4-1 ންނެވެ.

ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑަކީ، ރޯމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ލަނޑު ބައިކޮޅަށް ވަނީ މެޗުގެ 38 ވަނަ މިނެޓްގައި ޑި ރޮސީ އަތުންނެވެ. ދެ ވަނަ ލަނޑު 58 ވަނަ މިނެޓްގައި، ކޯސްޓަސް މޮނަލާސް އަތުންނެވެ.

ބާސާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި، އެޑެން ޒެކޯ ވަނީ ރޯމާ އަށް ލަނޑު ޖަހައިދީ އަވޭގޯލެއް ލިބުމުގެ އުފާ ހޯދައިދީފަ އެވެ. މެޗުގެ 87 ވަނަ މިނެޓްގައި، ލުއިސް ސުއަރޭޒް ބާސާ އަށް ލީޑް އިތުރަށް ފުޅާ ކޮށްދިނެވެ.