ހޮލީވުޑް

މިލީ ބޮބީ ބްރައުންގެ މުސާރަ 3 މިލިއަނަށް

ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާސް ތިންގްސް" ގެ ޗައިލްޑް އެކްޓާ ތަރި މިލީ ބޮބީ ބްރައުންގެ މުސާރަ ބޮޑުކޮށްފި ކަމަށް ޓީއެމްޒީ އިން ރިޕޯޓުކޮށްފި އެވެ. މިލީގެ މުސާރަ ބޮޑުކޮށްފައި ވަނީ އެ ސީރީޒްގެ ތިން ވަނަ ސީޒަނަށެވެ.

ނުވަ އެޕިސޯޑު ހިމެނޭ ތިން ވަނަ ސީޒަންގެ އެއްބަސްވުމުގައި ފުރަތަމަ މިލީގެ މުސާރައަކަށް ކަނޑައަޅާފައި އޮތީ އެޕިސޯޑަކަށް 250 ހާސް ޑޮލަރެވެ. ނަމަވެސް ފަހުން މުސާރަ ބޮޑުކޮށް އެ އަދަދު އެޕިސޯޑަކަށ 350 ހާސް ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ޓީއެމްޒީ އިން ބުނެ އެވެ. އެއާއެކު މިލީއަށް އެ ސީރީޒްގެ އެޓަލްޓު އެކްޓަރުންނާއި އެއްވަރެއްގެ މުސާރައެއް ލިބޭނެ އެވެ.

ކޮންމެ އެޕިސޯޑަކަށް 350 ހާސް ޑޮަލަރު މިލީއަށް ލިބޭނަމަ ނުވަ އެޕިސޯޑު ހިމެނޭ މުޅި ސީޒަން ނިމޭއިރު އޭނާގެ މުސާރަށް 3.15 މިލިއަން ޑޮލަރު ލިބޭނެ އެވެ.

އުމުރުން އެންމެ 14 އަހަރުގެ އެކްޓަރު މިލީއަށް ވަނީ މިދިޔަ ދެ ސީޒަންގައި އޭނާ ދެއްކި އެކްޓިންގެ ސަބަބުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ސްޓްރޭންޖާސް ތިންގްސް ތިން ވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް އަންނާނީ އަންނަ އަހަރު އެވެ.