ނެޓްފްލިކްސް އިން ގެނެސްދޭ އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ވާހަކައާއި ކޮންސެޕްޓަކީ ވަގަށް ނަގާފައިވާ އެއްޗެއްކަމަށް ތުހުމަތުކޮށް އެ ސީރީޒްގެ ކްރިއޭޓާޒް، އުފެންދުންތެރިންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޗާލީ ކެސްލާ ކިޔާ ޑައިރެކްޓަރަކު ކޮށްފައިވާ އެ ދައުވާގައި ބުނެފައި ވަނީ ސްޓްރޭންޖާ ތިންގްސްގެ ދެ އުފެއްދުންތެރިން ކަމަށްވާ ޑަފާ ބްރާދާސް، މެޓް ޑަފާ އަދި ރޮސް ޑަފާ މި ސީރީޒްގެ ކޮންސެޕްޓު ތައްޔާރުކޮށްފައި ވަނީ އޭނާގެ ފީޗާ ފިލްމު "ދަ މޮންޓައުކް ޕްރޮޖެކްޓް"ގެ ޓްރެއިލާއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ކުރު ފިލްމު "މޮންޓައުކް" ކޮޕީކޮށްގެން ކަމަށެވެ.
ޗާލީ ތުހުމަތުކުރި ގޮތުގައި އޭނާގެ ފިލްމާއި ބެހޭގޮތުން އޭޕްރީލް 2014 ގައި އޮތް ޓްރައިބެކާ ފިލްމު ފެސްޓިވަލުގައި ޑާފާ ބްރާދާސްއާއި މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.
ފިލްމު މޮންޓައުކް އަށް ވަނީ ހެމްޕްޓޮންސް ފިލްމު ފެސްޓިވަލް 2012 ގައި އެވޯޑުވެސް ލިބިފަ އެވެ. ދައުވާގައި ބުނެފައިވާ ގޮތުން ސައިންސް ފިކްޝަން އެ ފިލްމުގައި ދައްކުވައިދެނީ ލޯންގް އައިލެންޑު ކިޔާ ރަށެއްގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެކެވެ. އެ ފިލްމުގައިވެސް ސްޓްރޭޖާ ތިންގްސްއެކޭ އެއްގޮތަށް ކޮންސްޕިރަސީ ތިއަރީސްތަކާއި، ސަރުކާރުގެ ސިއްރު މަޝްރޫއުތަކާއި އަދި ޕެރެނޯމަލް ކަންކަން ދައްކުވައިދެ އެވެ.
ސްޓްރޭންޖާ ތިންގްސް ދެ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. ތިން ވަނަ ސީޒަން އަންނަ އަހަރު ގެނެސްދިނުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ސީރީޒްގައި ފެނިގެންދަނީ އެމެރިކާގެ ސަރުކާރުން ހިންގާ ސިއްރު މަޝްރޫއުއެއް ހަގު އުމުރުގެ ކުދިންތަކަށް ފަޅާއެރުމުން ކުރިމަތިވާ ހާދިސާތަކެކެވެ.
ސްތްރޭންޖާ ތިންގްސްގެ އުފެއްދުންތެރިންގެ މައްޗަށް ކޮށްފައިވާ އެ ދައުވާގައި ޗާލީ އިތުރަށް ބުނެފައި ވަނީ އެ ސީރީޒްގައި އޭނާގެ ކޮންސެޕްޓު ކޮޕީ ކޮށްފައިވާކަން އެގުނީ 2016 ގައި އެ ސީރީޒް ރިލީޒްކުރި ހިސާބުންނެވެ.