ކުޅިވަރު

ބައިގޯލުގެ ފައިދާ ލިބުނީ ބާސާ ވަރުގަދަވުމުން: ވަލްވަރުޑޭ

ޗެމްޕިއަންސް ލީގްގައި، އެހެން ޓީމުތަކުން ބައިކޮޅަށް ޖެހި ގޯލްތަކުން ބާސާއަށް ވަނީ ފަސް ފަހަރު ފައިދާ ވެފަ އެވެ. އޭގެ ތެރެއިން ދެ ގޯލަކީ، ރޭ އޭއެސް ރޯމާއާ ދެކޮޅަށް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ލިބުނު ދެ ގޯލެވެ. ބާސާ އަށް ދެ ލަނޑުގެ ލީޑެއް ލިބުނީ ވެސް ރޯމާ އަތުން ބައިކޮޅަށް ޖެހި ގޯލްތަކުންނެވެ.

ބާސާގެ ކޯޗު އެރުނަސްޓޭ ވަލްވެރުޑޭ ބުނީ، ރޯމާގެ ކުޅުންތެރިން އަތުން ބައިކޯޅަށް ގޯލް ވަނީވެސް ބާސާގެ ހަމަލާތައް ވަރުގަދަ ކޮށް އެ ޓީމުގެ ޑިފެންސަށް ބާރު ބޮޑު ކުރުމުން ކަމަށެވެ.

"އިދިކޮޅު ގޯލް ކައިރިއަށް ބޯޅަ ހިފައިގެން ނުދަންޏާ ގޯލެއް ލިބޭނެ ގޮތެއް ނޯންނާނެ،" ރޯމާގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވަލްވަރުޑޭ ބުންޏެވެ. "އެއީ މައްސަލައެއް ނެތް އިދިކޮޅު ޓީމު އަތުން ބައިކޮޅަށް ވަންނަ ގޯލްކަމަށް ވިޔަސް، އަހަރެމެން ކުރާ ކަމަކީ ގޯލް ޖެހުން."

ތިން ލަނޑުގެ ލީޑެއް ލިބުނަސް ވަލްވަރުޑޭ މުޅިން ހިތްހަމައެއް ނުޖެހެ އެވެ. އޭނާ ބޭނުންވީ، ބައިކޮޅަށް ލަނޑެއް ނުވަދެ މެޗު ނިންމާލާށެވެ. އޭނާ ބުނީ ރޯމާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުން ވަރަށް ރަނގަޅަށް މެޗު ފެށައިގެން ކުޅުނު ކަމަށެވެ.

ރޭގެ މެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު ޖެހި ލުއިސް ސުއަރޭޒްވެސް ބުނީ، ބައިގޯލް ވަނީ ބާސެލޯނާގެ ހަަމަލާތައް ވަރުގަދަ ވެގެން ކަމަށާއި ކޮންމެ ހަމަލާއެއްވެސް ބާސާ އުފެއްދީ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން އިދިކޮޅު ޑިފެންސަށް ބާރު ބޮޑުވާނެ ގޮތަށް ކަމަށެވެ.