ހަބަރު

ޕިކަޕް ޑްރައިވަރުން ހަޅުތާލަށް ނުކުންނާނެ ކަމުގެ އިންޒާރު!

ޑްރައިވަރުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ނެތްކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމްކުރެވެންދެން މިއަދުން ފެށިގެން މުދާ އުފުލުމުގެ މަސައްކަތް މެދުކަނޑާލުމަށް ނިންމައި ހަޅުތާލު ކުރާނެ ކަމަށް ބުނެ މުދާ އުފުލާ ޕިކަޕް ޑްރައިވަރުން އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި އެވެ.

ޕިކަޕް ޑަރައިވަރުންގެ ފަރާތުން މިއަދު މިނިސްޓްރީއަށް ފޮނުވި ސިޓީގައި ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފަ އެވެ. ޑްރައިވަރުން ބުނެފައިވަނީ މުދާ އުފުލުމަށް ގެނައި ބަދަލުގެ ސަބަބުން މުދާ އުފުލުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިެފައިވާ ކަމަށެވެ. އެގޮތުން ދަންވަރު މަސައްކަތްކުރަންޖެހުމާއި ރޭގަނޑު މަސައްކަތްކުރަންޖެހުމުން ދުވާލު ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވުން ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

ޕިކަޕްތައް އެއް ފަހަރާ ޕާކުކޮށް ބަހައްޓަން ޖެހުމުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމަށް އެސިޓީގައި ބުނެފައިވެ އެވެ. ފާއިތުވި ތިން އަހަރު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ޕާކުކުރުމަށް ޒޯންތަކެއް ކަނޑައަޅައި ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކުރަން އެކަށޭނަ ޖާގަ މާލޭގައި ނެތް ކަމަށެވެ. އެހެންކަމުން ޕާކިން އަށް ސަރުކާރުން ގެނައި ބަދަލަކީ ވެހިކަލް ދުއްވާ މީހުންގެ އަތުން ޖުރުމަނާ ހޯދަން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ޑްރައިވަރުން ވަނީ ސިފަކޮށްފަ އެވެ.

"ޑްރައިވަރުންނަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މަސައްކަތެއް ކުރާ ބަޔަކަށް ވާއިރު އެކަށީގެންވާ އަރާމު ނުލިބި ގިނަ ވަގުތުތަކެއްގައި މަސައްކަތްކުރަން މަޖުބޫރުވެފައި އޮންނަ އޮތުން އެއީ އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތައް މިންކުރާ މިންގަނޑުތަކާ ހިލާފު ކަންކަންކަމުގައި އަޅުގަނޑުމެން ދެކެމެވެ،" ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަލަތައް މިހެން ހުރެ، ދިރިއުޅުމަށް ކުރަންޖެހިފައިވާ ހަރަދާ އެއްވަރަށް އާމްދަނީ ހޯދުން ޑްރައިވަރުންނަށް މިހާރު ދަތިވެފައިވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އަދި ބުނީ، މި ކަންކަމަށް މިނިސްޓްރީން ހައްލެއް ނުގެންނަހާ ހިނދަކު ޑްރައިވަރުން ދެން މަސައްކަތަށް ނުނިކުންނާނެ ކަމަށެވެ.

"ވީމާ ޑްރައިވަރުންނަށް މަސައްކަތް ކުރެވޭނެ ފަދަ ފަހި މާހައުލެއް ތިޔަ އިދާރާއިން ގާއިމްކޮށްދެއްވަންދެން ގާނޫނު އަސާސީގެ އެއްތިރީސް ވަނަ މާއްދާއިން ލިބިދީފައިވާ ހަޅުތާލުކުރުމުގެ ހައްގު ބޭނުންކޮށްގެން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން ކުރަމުންދިޔަ އެއްގަމު އުލަނދުފަހަރުގައި މުދާ އުފުލުމުގެ މަސައްކަތް މެދުކަނޑާލަން ނިންމާފައިވާ ކަމުގައި ތިޔަފަރާތުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" ޑްރައިވަރުންގެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި ބުނެފައިވާ ކަންކަމަށް ހައްލެއް ގެނެސް، މުދާ އުފުލުމަށް މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދު އުވާލުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.