ހިމާޔަތްކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް ޝިކާރަކޮށް މަރާލިކަމަށް ބުނެ ސަލްމާން ހާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް ޖޯދުޕޫރުގެ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް އިއްވައިފި އެވެ.
ނަމަވެސް ސަލްމާނާއެކު މި މައްސަލާގައި ތުހުމަތުކޮށްފައިވާ މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ ކުށެއް ނެތްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ސަލްމާން 52، ގެ މައްޗަށް ވަނީ ދައުލަތަށް 10،000 އިންޑިއަން ރުޕީސް (154 ޑޮލަރު) ދެއްކުމަށްވެސް އަމުރުކޮށްފަ އެވެ. މި ހުކުމް އޭނާގެ މައްޗަށް އިއްވާފައި ވަނީ އިންޑިއާގެ ޖަނާވާރު ހިމާތްކުރުމުގެ ހާއްސަ ގާނޫނުގެ ދަށުންނެވެ.
ސަލާމާން އާއި މި ތަރިންގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ 1998 ވަނަ އަހަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "ހަމް ސާތް ސާތް ހޭ" ގެ ޝޫޓިންއަށް ރާޖަސްތާނުގެ ރަށެއް ކަމަށްވާ ކަންކަނީއަށް ގޮސް އުޅުނުއިރު ޖަނަވާރު ޝިކާރަކުރަން ނިކުމެ ހިމާޔަތް ކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް މަރާލި ކަމުގެ ތުހުމަތެވެ. އެ މީހުން އޭގެ ދެ ފުއްލާއެއް މަރާލިކަމަށް ތުހުމަތުކުރި އެވެ.
މި ބާވަތު ފުއްލާއަކީ އާންމުގޮތެއްގައި ނުފެންނަ ވައްތަރެއްގެ އެއްޗަކަށް ވާތީ އިންޑިއާގެ ސަރުކާރުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މަދުން ފެންނަ މި ބާވަތު ފުއްލާ މިހާރު އުޅެނީ އިންޑިއާގެ ރާޖަސްތާނުގައި އާއި ނޭޕާލްގެ ވަކި ސަރަހައްދުތަކެއްގަ އެކަންޏެވެ.
އެ ރަށުގެ އާންމުންގެ ގިނަ ބަޔަކު މިކަމާއި ގުޅިގެން މުޒާހަރާ ކުރުމާއި ގުޅިގެން ދައުލަތުން ވަނީ ސަލްމާން އާއި އެހެން ތަރިންގެ މައްޗަށް ދައުވާ އުފުލާފަ އެވެ.
ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ކަންކަނީގައި ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ކުލައިގެ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ.
އެ ދައުވާގައި ބުނެފައި ވަނީ ޝިކާރަކުރުމަށް ސަލްމާން ބަޑިއެއް ބޭނުންކުރި ކަމަށާއި އެއީ ލައިސަންސްގެ މުއްދަތު ހަމަވެފައި އޮތް ބަޑިއެއް ކަމަށެވެ. ނަމަވެސް މައްސަލަ ބެލުމަށްފަހު ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކޯޓުން ވަނީ ސަލްމާންގެ މައްޗަށް އެ ތުހުމަތު ސާބިތު ނުވާކަމަށް ހުކުމްކޮށްފަ އެވެ.
---
**އެޑިޓަރުގެ ނޯޓް: މިހަބަރު ފުރަތަމަ ޝާއިއުކުރި އިރު، އިރު ސަލްމާންއަށް އިއްވީ 2 އަހަރުގެ ހުކުމެއް ކަމަށް ލިޔެފައި ވަނީ، އިންޑިއާގެ ނޫސްތަކުގައި އެގޮތަށް ރިޕޯޓް ކުރުމުން އެވެ. ނަމަވެސް އެއީ ކުށްގޮތެއް ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ފަހުން އެ ކުށް އިސްލާހުކޮށްފައި ވާތީ، މި ހަބަރު ވެސް މިހާރު ވަނީ އިސްލާހު ކުރެވިފަ އެވެ.