އަވަށްޓެރި ސްރީލަންކާގެ ވެރިކަމަށް މިހާރުގެ ވެރިކަން ކުރާ ޕާޓީތަކުގެ އިއްތިހާދު އައީ ބައިނަލް އަގުވާމީ މުޖުތަމައުގެ ބޮޑު ތާއީދަކާ އެކުގައެެވެ. އެ އިއްތިހާދު އިއްތިހާދަކަށް ހަދައިދިނީ ވެސް އަވަށްޓެރި އިންޑިއާއާއި އެހެން ބައެއް ގައުމުތަކުގެ ޑިޕްލޮމޭަޓުން ކުރި ސިއްރު މަސައްކަތްތަކުންނެވެ. އެހެން ނޫން ނަމަ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ފަސޭހަފުޅު ކަމާ އެކު ކާމިޔާބު ކުރެއްވީހެވެ. ލަންކާގެ 30 އަހަރުވީ އަހުލީ ހަނގުރާމަ ކާމިޔާބުކުރީ ރާޖަޕަކްސާގެ ވެރިކަމުގަ އެވެ.
ރައީސް މައިތިރިޕާލާ ސިރިސޭނާއަކީ ވެސް ރާޖަޕަކްސާގެ ސަރުކާރު ތެރެއިން ކުއްލިއަކަށް ނުކުންނެވި، ވަރަށް އާދައިގެ ލީޑަރެކެވެ. އެހައިތަނަށް އޭނާ ހުންނެވީ ހެލްތު މިނިސްޓަރަކަށެވެ. އެހެން ކަމުން ލަންކާގެ ސަރުކާރު އޮތީ އެހާ ބަދަހިކޮށެއް ނޫނެވެ. މިއަހަރުުގެ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާއާ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ގޯނިން ބޭރުވީ އެހެންވެ އެވެ. ސިރިސޭނާ އެންގެވީ ރަނިލް އިސްތިއުފާ ދެއްވާށެވެ. ރަނިލް ފައިވިއްދަވައިގެން ހުންނެވީ ދޫނުކުރައްވާށެވެ. އޭނާ އަކީ ލަންކާގައި ސިޔާސީ ގޮތުން އެންމެ "ހަންބޯ" އެއް ލީޑަރެވެ.
ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ގެއްލުނު ދަނޑިވަޅަކީ އެހެން ގޮތް ގޮތުން ވެސް ސަރުކާރަށް ފިއްތުންތައް ބޮޑުވެފައި އޮތް ދަނޑިވަޅެކެވެ. ކުރީގެ ރައީސް ރާޖަޕަކްސާއާއި އިދިިކޮޅު އެހެން ލީޑަރުން މަސައްކަތް ކުރެއްވީ އެ ދަނޑިވަޅުގައި ސަރުކާރު ބަލިކޮށްލެވޭނެކަން ނުވަތަ ނޫންކަން އިމްތިހާނު ކުރައްވައި ސިޔާސީ ޗާންސެއް ނަންްގަވާށެވެ. ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައިގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އަނބުރުއްވަން ފެށްޓެވީ އެހެންވެ އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތި ކުރިޔަސް ބައެއް އެހެން ތަންތަނުގައި ހިނގާ ފަދަ އެއްވެސް ކަމެއް އެގައުމުގައި ނުހިނގާ ކަމެވެ. އެގޮތުން ރަނިލްގެ އަމިއްލަފުޅު ޕާޓީގެ ތެރެއިން އޭނާއާ ދެކޮޅަށް ނުކުންނެވި މެމްބަރުން ޕާޓީން ވަތްކެއް ނުކުރެ އެވެ. ޕާޓީ ވިޕްލައިނާ ހިލާފު ވެގެން ވަކިކުރުމުގެ ފުރުސަތު ލަންކާގައި ވެސް އެބަ އޮތެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް އަނބުރާތާ މަހެއް ވީ އިރުވެސް "އެންޓިޑިފެކްޝަން ގާނޫނެއް"ގެ ބިލެއް ލަންކާ ޕާލަމެންޓަކަށް ނުވައްދަ އެވެ. އެކި އެކި ތުހުމަތުތައް ފެންމަަތިކޮށް މެމްބަރުންް ހައްޔަރެއް ވެސް ނުކުރެ އެވެ.
ރަނިލްގެ އިތުބާރު ނެތް ކަމަށް ބުނާ މައްސަލަ ވައްދަން އުޅުމުން ލަންްކާގައި ވީހާވެސް ކަމަަކީ ސިޔާސީ ޕޯޑިއަމްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިއުމާއި ޕާލަމެންޓް ތެރޭގައި އަޑުގަދަކުރުމެވެ. އެގޮތުން ބައެއް ޖަލްސާތައް ހޫނުވެ، ރަނިލްއަށް "ވަގަށް"ވެސް ގޮވިއެވެ. ޖަލްސާތައް ހުއްޓައިވެސް ލިޔެވެ. އެކަމަކު ސިފައިން ވަދެ، މެމްބަރުންތައް ކޮނޑުޖަހައިގެން ގެންދާކަށް ނުޖެހުނެވެ. ރިޔާސަތު އުސްކުރާ ހިސާބަކަށް ވެސް ނުދެ އެވެ.
ކުރިހާވެސް ކަމަކީ ލޮބީ ކުރުން
ރަނިލްގެ އިތުބާރުނެތް ކަމަށް ބުނާ މައްސަލަ ވައްދަން ދެތިން ދުވަހަށް ވީ އިރުވެސް މަންޒަރު ފެންނަން އޮތީ އޭނާއަށް އެ ވޯޓް ނާކާމިޔާބު ވާނެ ކަމަށް ބެލެވޭ ފަދަ ގޮތަކަށެވެ. އެގޮތުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ސްރީލަންކަން ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) އިން ވެސް ބުނަމުން ދިޔައީ ރަނިލްއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށެވެ. އެސްއެލްއެފްޕީއަކީ ރައީސް ސިރިސޭނާ އިސްކޮށް ހުންނަވާ ޕާޓީ އެވެ. ޚުދު ރަނިލްގެ އަމިއްލަފުޅު ޕާޓީގެ ބައެއް މެމްބަރުންވެސް ބުނަމުން ދިޔައީ އޭނާއާ ދެކޮޅަށް ވޯޓުދޭނެ ކަމަށެވެ.
އެހާލަތަށް ދިޔަ އިރުވެސް ރަނިލްއާއި ޕާޓީގައި ތިއްބެވި އޭނާއަށް ވަފާތެރި ބޭފުޅުން އުއްމީދުކަނޑުއްވައެއް ނުލައްވައެވެ. އަމިއްލަފުޅު ޕާޓީން ދެކޮޅުވެރިވީ މެމްބަރުންނާ ވެސް އެންމެ ފަހު ވަގުތުވެސް މަޝްވަރާ ކުރެއްވީ އެހެންވެ އެވެ. ސިރިސޭނާގެ ޕާޓީއާ ވެސް މަޝްވަރާތައް ކުރި އެވެ. އެންމެ ފަހުން އިއްޔެ ހެނދުނު ލަންކާ ގަޑިން 9:30 ގައި މައްސަލައިގެ ބަހުސް ފެށި އިރު ސިޔާސީ އޮއިވަރު އޮތީ މުޅިން ބަދަލުވެފަ އެވެ. އެކަމަކު އެކަން ކުރީ ޑިމޮކްރަސީތަކުގައި ސިޔާސީ މަސައްކަތް ކުރާ ގޮތަށެވެ. ރަނިލް އިސްކުރެއްވީ ގޮންމުށުގެ ބާރު ބޭނުން ކުރެއްވުމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ސިޔާސީ މަސައްކަތް ކުރެއްވި ޗާޓްގެ ތެރެއިން އެވެ. ހިކުމަތު އަމަލީ އިސްކުރައްވައިގެން އެވެ.
ޔޫއެންޕީން ރަނިލްއާ ދެކޮޅަށް ނުކުތް 27 މެމްބަރުންގެ ފެކްޝަނުން އިއްޔެ ހެނދުނު ބުނީ އިތުބާރުނެތް ކަމަށް ފާސްކުރުމާ ދެކޮޅަށް ވޯޓުލާނެ ކަމަށެވެ. އެސްއެލްއެފްޕީން ބުނީ ވޯޓުގައި ބައިވެރި ނުވާނެ ކަމަށެވެ.
އެހެންވީމާ މައްސަލަ ނިމުނީ މިގޮތަށެވެ. ރަނިލްއާ އެއްކޮޅަށް 122 ވޯޓު ލިބުނެވެ. ދެކޮޅަށް ލިބުނީ 76 ވޯޓެވެ.ވޯޓު ލީ އިރު ލަންކާ ޕާލަމެންޓުގެ 26 މެމްބަރަކު ޗެމްބަރުގައި ވަޑައިގެން ނޫޅުއްވައެވެ. މެމްބަރުންތަކެއްގެ ގޮނޑި ގެއްލުން ކަމަށް ކަނޑަ ނާޅައި، ސުޕްރީމްކޯޓުގެ އަމުރެއް ނައިސް ކުއްލި ހާލަތުވެސް އިއުލާނު ނުކޮށް، އެކަން ނިމުނީ އެވެ. މިކަހަލަ މިސާލުތައް ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް މިސާލަކަށް ނަގަން ޖެހެ އެވެ. ރާއްޖޭގެ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާފާނެހެން ހީވުމުން ކަންކަން ހިނގީ މުޅިންމިއާ ދެކޮޅަށެވެ. މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއަށް ވީގޮތެއް ނޭނގެ އެވެ މަޖިލިސް އޮތީ ޑެޑްލޮކެއްގަ އެވެ. ސިފައިންނާއި ފުލުހުން ނެރެ މަޖިލީހުގެ މެންބަރުންނަށް ހުރަސް އަޅައި ފާޑަކަށް މަޖިލިސް ހިސޯރުވެސް ކުރީ އެވެ. ފުލުހުން ބޭނުންކޮށްގެން މަޖިލީހުގެ މެންބަރުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކޮށްގެން ދެ ދުވަހުން އެއް ދުވަހު އިދިކޮޅު މެންބަރުން ތިއްބަވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އެކަމަކު ލަންކާގެ ބޮޑު ވަޒީރުގެ ވޯޓް ނަގައި ނިމި ދިޔައިރުވެސް މީގެ އެއްވެސް މަންޒަރެއް ލަންކާގެ ސިޔާސީ މަސްރަހަކުން ނުފެނުނެވެ. ނަތީޖާއަކަށްވީ ލަންކާގައި ހަލަބޮލިކަމެއް ނެތުމެވެ.