ވާހަކަ

ބުނެދޭށޭރުހެމޭ

(3 އެޕްރީލް 2018 އާ ގުޅޭ) -- "ތި ދެމީހުން ދުވާލާއި ރޭގަނޑުހާ ތަފާތުކަން އެނގޭތަ. ކީއްވެތަ ހުރިހާ ފިރިހެނުން ތިކަހަލަ މީހަކަށް ނުވަނީ. އޭރުން އެއްވެސް އަންހެންކުއްޖަކު ހިތާމައެއްނުކުރާނެ" ނިމްރާއަށް ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުމާއެކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. އަދި ބަހެއްނުބުނެ އޭނާއަށް ބަލަން ހުރި ރާދިންއާ ނަޒަރު ސީދާކޮއްލެވުނެވެ.

"ކަމެއް ވެއްޖެކަން މިހާރު ހަމަޔަގީން... ބުނެބަލަ" ރާދިން މަޑުމަޑުން އައިސް ނިމްރާގެ ކުރިމަތީ ހުއްޓިލިއެވެ.

"ޓެލް މީ ޑާލިންގ" ނިމްރާ އިސްޖަހާލުމާއެކު އޭނާގެ ކޯތާފަތުގެ ދެފަރާތުން ރާދިން ހިފަހައްޓާލާ އެ މޫނު ހިއްލާލިއެވެ. މަޑު ރާދިންގެ ޗޮކުލެޓު ކުލައިގެ ކަޅީގެ ވަށައިގެން ރަންކުލައިގެ ހިމަހިމަ ފަށަލައެއް ލެވިފައިވާ ކަހަލައެވެ. އެ ދެލޮލުގައި ބާރުފޮރުވާ ފަދަ ސިއްރުގޮތެއް ނެތެވެ. އޭގެ ބަދަލުގައި އެ ދެ ލޮލުން ހިތަށް ފިނިކަން ލިބޭ ފަދަ އިހުސާސެއް ނިމްރާއަށް ކުރެވުނެވެ.

"އައި ކާންޓް ރީޑް މައިންޑްސް... ތި ވިސްނާކަމެއް ވެސް ނޫނީ ހިތަށް އަރާ އެއްޗެއް ވެސް ބުނީމަ އެނގޭނީ" ރާދިންގެ ބޮޑުވައި އިނގިލިން މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. އޭނާގެ އެ ކުޑަކުޑަ ހަރަކާތުގައި ވެސް ވީ އޯގާތެރިކަމެވެ.
އިރުކޮޅަކު ބަލަން ހުރުމަށްފަހު ރާދިންގެ އަތްތިލަ މަތީ ނިމްރާ އަތްތިލަ ޖައްސާލިއެވެ. އަދި މަޑުމަޑުން އޭނާގެ މޫނުން އެ ދެއަތްތިލަ ވަކިކޮއްލަމުން ވާހަކައެއް ބުނަން އަނގަ ހުޅުވާލިއެވެ. ހަމަ އެވަގުތު މީހަކު ތަންކޮޅެއް ބާރަށް ކަރުކެހިލާ ކެއްސާލި އަޑު އިވުނެވެ. ރާދިންއާއި ނިމްރާގެ ނަޒަރު އެ ދިމާއަށް ދަތުރުކުރީ ނިކަން އަވަހަށެވެ. އެ ދެ މީހުންނަށް ބަލަން އަރްސަލް ހުރި ތަން ފެނުމުން ނިމްރާއަށް ރާދިންގެ އަތުން ވަގުތުން ދޫކޮއްލެވުމާއެކު ރާދިންއާ ދުރަށް ޖެހިލިއެވެ. އެކަން ރާދިންއަށް ފާހަގަ ކުރެވުމުން އޭނާ ނިމްރާއަށް ބަލާލާފައި އަރްސަލްއަށް ބަލާލިއެވެ. ދެބުމަ ގޮއްޖާލައިގެން ނިމްރާއަށް ބަލަން އަރްސަލް ހުއްޓެވެ. ހަޤީޤަތުގައި ވެސް އޭނާ ހީވަނީ ނިމްރާ ރޮލާ ކާލަން ތައްޔާރަށް ހުރި ހެނެވެ.

"ޑެވިލް... އަހަރެންގެ ޑާލިންގްއަށް ރޭގައި ކީއްކޮއްފަ ތި ހުރީ" ރާދިން ބުނެލި އެއްޗަކުން އަރްސަލް ސިހުނުކަން ޚުދު ރާދިންއަށް ވެސް އެނގުނެވެ. އޭނާގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

"ވަގުތު ބޭކާރުކުރަންތަ އަހަރެން ގާތުގައި އަންނާށޭ ބުނީ... ކަންޏާ ކާން ހިނގާ. އެހެންނޫނީ އަހަރެން މިދަނީ އޮފީހަށް" އަވަސްއަވަހަށް އަރްސަލް ބުނެލުމާއެކު އޭނާ އެނބުރި ހިނގައިގަތެވެ.

"އާދޭ ޑާލިންގް" ނިމްރާގެ ކޮނޑުގައި ހިފާ ދަމާލަމުން އޭނާ ގޮވައިގެން ރާދިން ހިނގައިގަތެވެ.

ކާމޭޒު ދޮށުގައި އަރްސަލް އިން އިރު އޭނާ އެއްފަހަރު ވެސް ނިމްރާއަށް ބަލައެއްނުލިއެވެ. ވެރިވެފައި އޮތް ހިމޭންކަން ނައްތާލީ ކުރިއަށްދާ ޕްރޮޖެކްޓުގެ ވާހަކަތަކުންނެވެ. ރާދިން ވެސް އޭނާގެ ޚިޔާލު ބަދަލުކުރަމުންދިޔައެވެ. ނަމަވެސް ދޭތެރެއަކުން ނިމްރާ ކޮބާތޯ ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު އަރްސަލްއަށް އޭނާގެ އަތުގައި އޮތް އުލާއި ސަމްސަލަށް ބާރުކޮއްލެވެއެވެ. ނިމްރާއާ ދިމާއަށް ހަޅޭލަވައިގަންނަން ވެސް އޭނާގެ ހިތަށް އެރިއެވެ.

"ރާދިން ގާތުގައި ބުނީތަ... ހީކުރީ އޭނާ ސަލާމަތްކޮއްދޭނޭ ކަމައް ދޯ" އަރްސަލްގެ ނަޒަރު ނިމްރާއަށް ހުއްޓުމާއެކު އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮއްލިއެވެ. ނިމްރާ އަވަސް އަވަހަށް އެނބުރިލުމާއެކު އަރްސަލްއަށް ފުރަގަސްދިނެވެ. ސިންކު ކައިރީ އަރިމަތީ ދެއަތް ޖައްސާލިއެވެ.

"އެހެން ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން އިޖާބަ ނުދިނަސް އަރްސަލް ދިޔައީ އޭނާ ބޭނުންވި ކަންތައް ކޮއްގެން... އެއަށްވުރެ ބޮޑަށް އޭނާ ބޭނުންވެއްޖެނަމަ ދެން ވާނީ ކިހިނެއް؟ އަހަރެން ނުރުހުނަސް އަރްސަލް އަހަންނާ ގާތްވެދާނެތަ؟ އޭނާ އަހަރެންގެ ކިބައިން އެގޮތަށް ބަދަލު ހިފާފާނެތަ؟... ކޮންމެ ކަމަކަށް އަހަރެން ކެތްކޮއްފާނަން... އެކަމަކު... އަހަރެންގެ... އަހަރެންގެ ގައިގާ އަތްލާކަށް ހުއްދައެއް ނުދެވޭނެ...އެހެންވިޔަސް ކީއްވެތަ އަރްސަލް އަތްލާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑުގެ ބާރު ދޫވަނީ... ހީ މޭކް މީ ފީލް ވީކް... ޕެތެޓިކް... ޑެސްޕަރޭޓް..." ފިކުރުތަކުގެ ތެރެއިން ނިމްރާ ސިހުނީ އޭނާގެ ބުރަކަށީގެ މަތީން ތިރިއަށް އަތްތިލައެއްގެ ބީހުން އިހުސާސް ވެގެންނެވެ. އިތިކޮއްލެވުނު ހަށިގަނޑު ދުރަށް ޖައްސާލަން އުޅުނު ހިނދު އަރްސަލްގެ ސެންޓުގެ ވަސް ނޭފަތުގައި ހަރުލިއެވެ.

"ސޯ... ޔޫ ލައިކް ޕީޕަލް ޓަޗިންގ ޔޫ" އެއްފަރާތަކަށް ޖެހެން އުޅުނު ނިމްރާގެ ވައަތު މުލައްދަނޑީގައި އުޅަންބޮއްޓާ ހަމައިން ހިފާ ހައްޔަރުކޮއްލުމާއެކު ވައި އަޑުން ނިމްރާގެ ކަންފަތް ދޮށުގައި އަރްސަލް ބުނެލިއެވެ. ކާމޭޒު ދޮށުގައި އިން ރާދިންއަށް އެ ދެމެދުގައި ހިނގައި އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އަރްސަލްގެ އަތުގައި އޮތް ޖޫސް ހުސްކުރި ބިއްލޫރި ތަށި ސިންކުތެރޭ ބަހައްޓާލަމުން އިސްކުރު ދޫކޮއްލިއެވެ. އަދި ނިމްރާގެ ކަންފަތް ދޮށަށް އިހުނަށްވުރެ ގާތްވެލުމާއެކު އޭނާގެ ކަންފަތުގައި އަރްސަލް ދަތްއެޅިއެވެ. ނުވިސްނާ ހުރި އަރްސަލްގެ ބަނޑުގައި އަތްކުރުކޮއްލާފައި އަޅަންބޮށި ކޮޅުން ނިމްރާ ޖެހިއެވެ. ތަދުވެގެން އަރްސަލް އަޑެއް ލައްވާލި ނަމަވެސް ނިމްރާގެ އަތުން ދުލެއް ނުކުރިއެވެ.

"ޖަސްޓް ވެއިޓް... އައި ވިލް ގިވް ޔޫ ވަޓް ޔޫ ވޯންޓް. އައި ވިލް މޭކް ޔޫ ސްކްރީމް" އަރްސަލްގެ ވާހަކަތައް އިވުމާއެކު ނިމްރާއަށް ވީގޮތެއް ނޭނގުނެވެ. ސިންކު ތެރޭގައި ފެންއެޅި ފުރި ބަންޑުންވަމުން ދިޔަ ބިއްލޫރިތަށި ނަގާ އަރްސަލްގެ މޫނާ ދިމާއަށް އޭގައި ހުރި ފެންތައް ޖެހިއެވެ.

"ޔޫ!.... ޔޫ ބިޗް..." އަރްސަލް ހަޅޭލަވައިގަތުމާއެކު ވަގުތުން ނިމްރާއާ ދުރަށް ޖެހި އޭނާގެ މޫނާއި ގަމީސް ފޮޅަށް ފެށިއެވެ.

"ކިހިނެއް ތި ހެދީ" ކާމޭޒު ދޮށުން ފުންމައިގެން ތެދުވި ރާދިން ހުރީ ހައިރާންވެފައި ދެ މީހުންނަށް ބަލާށެވެ.

"ހީ ޑިޒާވް އިޓް" ދަތްކުނޑިވިކާލުމާއެކު ނިމްރާ ބުނެލިއެވެ. އަރްސަލްއާއި ނިމްރާއާ ދެ މީހުންގެ މޫނުމަތިން ވެސް ފެންނަނީ ރުޅިވެރިކަމެވެ.

"ޑާލިންގ ކާމް ޑައުން.... ކިހިނެއްވީތަ؟" ބޮޑުކަމެއް ހިނގައިފިކަން އެނގުނަސް ރާދިންއަށް އެއްގޮތަކަށް ވެސް އެއީ ކޮންކަމެއްކަން ދެނެގަންނާކަށް ނޭނގުނެވެ. ހިއްލާލައިގެން ހުރި ނިމްރާގެ އަތުގައި އޭރު ވެސް ބިއްލޫރި ތަށި އޮތެވެ.

"އަހަރެންގެ ގަމީހޭ..." އަރްސަލް ރުޅިވެރިކަމާއެކު ބުނެލިއެވެ. އަދި ނިމްރާއާ ދިމާއަށް ފިޔަވަޅެއް އަޅާލި ހިނދު ހުއްޓުމަކަށް އައީ ނިމްރާގެ އަޑު އިވިފައެވެ.

"ދެން ކައިރިވެއްޖެއްޔާ... ފެނެއްނޫން ޖަހާނީ... މި ތަށި ތި މޫނަށް ތަޅާލާނަން" ނިމްރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އަރްސަލް އެ އަޑު ނާހާ ކުރިއަށް ޖެހުނު ވަގުތު ރާދިން އެ ދެމެދަށް ވަނެވެ. ނިމްރާ ކޮންމެ އެއްޗެއް ބުންޏަސް އެ އަންހެންކުއްޖާއަށް ގޮތެއް ހެދުމަކީ އަރްސަލްއަށް އުނދަގޫ ކަމަކަށް ނުވާނޭކަން ރާދިންއަށް ވެސް އެނގެއެވެ.

"އަރްސަލް..." ސީދާ ނިމްރާގެ ކުރިމަތީ ހުއްޓި ހުރެ ރާދިން ކުރިއަށް ދަމާލި ކަނާއަތްތިލަ އަރްސަލްގެ ކޮނޑާ ދިމާލުގައި ވިއްދާލީ އޭނާ ހުއްޓުވާށެވެ. ދެއަތްތިލަ މުއްކަވާލާ ބާރުކޮއްލުމާއެކު އަރްސަލް ދަތްކުނޑިވިކާލިއެވެ.

"ގޯ ޗޭންޖް... ވީ އާ ލީވިންގ" ރާދިން ބުނެލިއެވެ. ނުދާން ހުރެފައި އަރްސަލް ހިނގައިގަތެވެ. ކޮޓަރިއަށް ދަމުން ބަދިގޭ ފާރުގައި ޖައްސާފައި ހުރި ކަބަޑުސެޓުގެ ހިލައިގެ މަތީ ބަހައްޓާފައި ހުރި އެއްޗެހިތައް އަތުން ޖަހާ ވަރާލިއެވެ.

ރާދިން އެނބުރިލިއިރު ނިމްރާ ހުރީ ދެ ލޯ މަރާލައިގެން އެއްއަތުން އޭނާގެ ނިތްކުރީގައި ހިފަހައްޓާލައިގެންނެވެ. ބޮލުގައި ރިއްސަނީތޯ ރާދިން އަހާލުމުން ނިމްރާ ލޯ ހުޅުވާލާ ދެފަރާތަށް ބޯހޫރުވާލިއެވެ. އޭރު ވެސް ސިންކުގެ އިސްކުރުން ފެންފައިބަމުން ދިޔަކަން ރެއަކާލުމުން ނިމްރާ އަވަސް އަވަހަށް އިސްކުރު ބަންދުކުރިއެވެ. އަދި އަތުގައި ބިއްލޫރި ތަށްޓައް ބަލާލާފައި މަޑުމަޑުން ސިންކުގެ ތެރޭގައި އެ ތަށި ބެހެއްޓިއެވެ.

"ނިމްރާ!..." ރާދިން މަޑުމަޑުން ގޮވާލިއެވެ. މި ނޫނީ ނިމްރާގެ ނަމުން ރާދިން ގޮވާނުލައެވެ. ނިމްރާ ހޫންއެއް ލައްވާލިއެވެ.

"ކީއްވެ ބުނީ އަރްސަލް ޑިޒާވް އިޓް... އޭނާ ކޮންމެވެސް ކަމެއް ކުރީހެން އަހަންނަށް ހީވަނީ. އަހަންނަށް ބުނެދީފާނަންތަ" ރާދިން ބުންޏެވެ. އެހެންނަމަވެސް ނިމްރާއަށް އަރްސަލްގެ ވާހަކަތައް ކިޔައިދޭކަށް ނުކެރުނެވެ. އަރްސަލް ދެއްކީ ލަދުވެތި ވާހަކަތަކެކެވެ. ޚާއްޞަކޮށް ރޭގައި އަރްސަލް ކުރި ކަންތަކުގެ ވާހަކަ ބުނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެ ސުވާލުތައް ކުރަން ޖެހޭނީ ވެސް އޭނާއަކާ ނޫނެވެ.

"އަރްސަލް އަންހެންކުއްޖަކަށް އަނިޔާއެއް ނުކުރާނެ. ބްލީވް މީ... އޭނާ މިހާރު އެހާ ރުޅި ގަދަ މީހަކަށްވެގެން އެ އުޅެނީ. އޭނާގެ ހިތް ގޯހެކޭ އަހަރެން ނުބުނާނަން. ހީ އިޒް މައި ބްރަދާ... އައި ނޯ ހިމް. އެއީ ހިތްހަރު ނުލަފާ މީހެއްނޫން" އަރްސަލްގެ ދިފާއުގައި ރާދިން ވާހަކަދެއްކިއެވެ.

"އޭނާގެ ހިތް ސާފެއް ނޫން... ދެން ކިހިނެއް އޭނާ ރަނގަޅޭ ބުނާނީ... ބަދަލު ހިފުމުން އިތުރަށް އެ ހިތް ކަޅުވެގެންދާނެ" ނިމްރާގެ ހިތް ބުނެލިއެވެ. ނަމަވެސް އެ އަޑު ރާދިންގެ ކަންފަތާ ހަމައަކަށް ނުފޯރައެވެ.

"ޑާލިންގ ޕްލީޒް... އެއްޗެކޭ ބުނެބަލަ" ނިމްރާގެ ސަމާލުކަން އެހެން ދިމާއަކަށް ހުއްޓިފައި ހުރިތަން ފެނުމުން އޭނާގެ ދެކޮނޑުގައި ރާދިން ހިފަހައްޓާލިއެވެ.

"އަރްސަލް ގާތުގައި ރާދު އަހަންވީނު" ރާދިންގެ ދެއަތް ދުރަށް ލަމުން ނިމްރާ ބުނެލިއެވެ. އޭނާ މަޑުނުކޮށް އެތެރެއަށް ވަދެގެން ދިޔައެވެ.

* * * *

އަރްސަލް ހެދުން ބަދަލުކޮއްގެން ނުކުތުމުން އޭނާއާއެކު ރާދިން ވެސް ބެލީ އެޕާޓްމެންޓުން ނުކުމެވޭތޯއެވެ. އަރްސަލްގެ ނަޒަރު ގޭތެރެ ހޯދާލިއެވެ. ނިމްރާ ފެންނާކަށް ނެތެވެ. ކާމޭޒު މަތި ހުރީ އެމީހުން ކައިގެން ފޭބި އިރު ވެސް ހުރި ގޮތަށެވެ.

ލިފްޓުގެ ދޮރު ލެއްޕުމާއެކު ރާދިން ބަލާލީ އަރްސަލްއަށެވެ. އެކަން އެނގޭ ކަމަކަށް އަރްސަލް ނުހެދިއެވެ.

"އެއްޗެކޭ ނުބުނަންތަ ތި ހުންނަނީ؟ އަހަރެން ތި ދެމެދަށް ނުވަންނަމަ އަރްސަލް އޭނާއަށް ކިހިނެއް ހަދަން ގަސްދުކުރީ. ތަޅައިގަންނަންތަ؟ އެނގޭ ދޯ އެންމެ ފަހަރަކު ތި އަތުން ޖެހިޔަސް އެ އަންހެންކުއްޖާގެ ދުވަސް ދާނޭކަން. އޭނާ އެހާ ރުޅިއައިސްފައި ހުއްޓާ އަދި ނުފެނޭ... އަރްސަލް ކޮންމެ އެއްޗެއް ބުންޏަސް އޭނާ ޖަދަލެއްނުކުރޭ... އެކަމަކު މިފަހަރު އަރްސަލް ބޮޑުކަމެއް ކޮއްގެން ތި އުޅެނީ... އޭނާ އެއްޗެއް ބުނަން މަޖުބޫރު ކުރީ އަރްސަލްކަން އަހަންނަށް އެނގޭ. އެ އަންހެންކުއްޖާ އަނިޔާއެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން" ރާދިންގެ ވާހަކަ ހުއްޓާލަން ޖެހުނީ ލިފްޓުގެ ދޮރު ހުޅުވުމުންނެވެ. އަރްސަލް އެއްވެސް އެއްޗެއް ނުބުނެއެވެ.

އޮފީހަށް ވަދެގެން އައި ގޮތަށް ދެ މީހުން ވެސް ކެބިންގައި އެމީހެއްގެ މޭޒު ދޮށުގައި ހަމަޖެހިލިއެވެ. އިތުރު ވާހަކައެއް ނުދައްކާ މަސައްކަތް ފެށިއެވެ. ނަމަވެސް ހުޅުވާފައި ހުރި ލެޕްޓޮޕުގެ އިސްކުރީނުން ފެންނަން ހުރި ޗާޓަށް ނަޒަރު ހުއްޓާލި ގޮތަށް އަރްސަލް އިނީއެވެ. އޭނާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައީ ނިމްރާގެ ޚިޔާލުތަކެވެ. ގޮނޑީގެ ތެރެއަށް ބުރަކަށި ދޫކޮއްލެވުމާއެކު އަތްގަނޑުގައި އުޅަންބޮށި ކޮޅު ޖައްސާލި ވައަތްތިލައިގެ ދެ އިނގިލިން ނޭފަތާއި ނިތްކުރި ގުޅޭ ހިސާބުގައި ހިފަހައްޓާލިއެވެ. ނިމްރާ ކުރި ކަމަކުން ހިނދުކޮޅަކަށް އޭނާގެ އަމިއްލަ ނަފްސު ހަމައިންނެއްޓީކަން އަރްސަލްއަށް އެނގެއެވެ. އެވަގުތު އޭނާ ނިމްރާއަށް ކުރަން ބޭނުންވީ ކަންތައްތައް ހިތަށް އެރުމުން ނިތްކުރީގައި އަތްތިލަ ހިންގާލެވުނެވެ. މަޑުމަޑުން ތުންފަތުގައި އިނގިލިތަކުން ފިރުމާލެވުނެވެ.

"އައި ވޯންޓް ފޯލް... އައި ވިލް ބްރޭކް ޔޫ... ކޮންމެ ދުވަހަކު... އެތައް ފަހަރަކު" އަރްސަލް އޭނާގެ ހިތާ ވާހަކަދެއްކިއެވެ. ނިމްރާއާއި އޭނާއާ ދެމެދު އާދަޔާ ޚިލާފު ދަމާ ބާރެއް ހުރިކަން އަރްސަލްގެ ޟަމީރު ޤަބޫލުކުރެއެވެ. އެކަމަކު އެ އިހުސާސް އޭނާ ބަލިކަށި މީހަކަށް ހަދާފާނޭތީ ކަންބޮޑުވަނީއެވެ. ނިމްރާ ގަޔާ ނުވާކަން ދެއްކި ނަމަވެސް އެ އަންހެންކުއްޖާގެ ބީހުމާއެކު އަރްސަލްގެ ހަށިގަނޑުގައިވި ހުރިހާ ނާރަކަށް އެނގުންވެގެންދިޔައެވެ. އޭނާގެ ސިކުނޑިއާއި ހިތް އެއްބަސްނުވިޔަސް އޭނާގެ ހަށިގަނޑު ނިމްރާއަށް ދެކޮޅެއް ނުހަދައެވެ. އެ ހަށިގަނޑުގެ ލޭ ހޫނުވެ ވިންދު އަވަސްވުމުން އަރްސަލްގެ ބުއްދި ގޯސްވަނީއެވެ. އިހުސާސްތައް ހިފެހެއްޓުމަށް ހުރިހާ ޖަޒުބާތުތަކުގެ ތެރެއިން ރުޅި ޚިޔާރު ކުރެވެނީއެވެ.

އަރްސަލްއާއި ރާދިން އޮފީހުން ނުކުމެގެން އެޕާޓްމެންޓަށް އައީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ފަސްގަޑި ބައިވާން އުޅެނިކޮށް ފައިލްތަކެއް ހިފައިގެން ރާދިންއާއި އަރްސަލް އެޕާޓްމެންޓަށް ވަންއިރު އޮތީ ހިމޭންކޮށެވެ. ކާމޭޒުމައްޗާއި ގޭތެރެ ވެސް ސާފުކޮއްފައިކަން އޮތީ އެނގެއެވެ. ސޯފާގައި ހުރި ކުޝަންތައް ވެސް ހުރީ ވަކި ތަރުތީބަކުން އަތުރާފައެވެ. އެހެންނަމަވެސް ފެންނަ ހިސާބުގައި ނިމްރާއެއް ނެތެވެ. ފެންވަރާ ހެދުން ބަދަލުކޮއްލައިގެން ރާދިން ކޮޓަރި ނުކުމެ ނިމްރާގެ ކޮޓަރި ކައިރިއަށް އައެވެ. ޓަކި ޖަހާލުމާއެކު އޭނާގެ އާދައިގެ ގޮތުގައި ނިމްރާއަށް ވަނަމަކުން ގޮވާލިއެވެ.

"ނިދަނީތަ؟" ދޮރުހުޅުވާލައިގެން ހުރި ނިމްރާއަށް ބަލާލަމުން ރާދިން އަހާލިއެވެ.

"ޕެނެޑޯލް ގުޅައެއް ލިބިދާނެތަ؟" ދެ ފަރާތަށް ބޯހޫރާލާފައި ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"ކިހިނެއްވީ؟ ޔޫ ލުކް ޕޭލް" ރާދިން ކަންބޮޑުވިތަން ފެނުނެވެ. ނިމްރާގެ މޫނުމަތިން ލަދުގަތްފަދަ އަސަރުތަކެއް ފެނުނުހެން ރާދިންއަށް ހީވިއެވެ. އޭނާއަށް ރަނގަޅަށް ނަގައިނުގަނެވެނީސް ނިމްރާ އިސްޖަހާލީއެވެ.

"ބަނޑަށް ތަދުވާތީ" ލައިގެން ހުރި ދޫ ގަމީހުގެ ގޮށަކާ ކުޅެމުން ނިމްރާ ބުނެލިއެވެ.

"ކަމް ޑާލިންގް... ބަލިއްޔާ ބުނަންވާނެ... ކޮންއިރަކު ބަނޑަށް ތަދުވަންފެށީ" ރާދިން ކުއްލިއަކަށް ނިމްރާގެ އަތުގައި ހިފާލާ ކޮޓަރިން ނެރުނެވެ. އަދި އޭނާއާ ވާހަކަދައްކަމުން ނިމްރާގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ އޭނާ ގޮވައިގެން ސިޓިންރޫމަށް ނުކުތެވެ. ކޮފީމޭޒު ދޮށުގައި ކާޕެޓުމަތީ އަރްސަލް އިނެވެ. ލެޕްޓޮޕް ހިފައިގެން މަސައްކަތެއް ކުރުމުގައެވެ. އޭނާ ވެސް ހީވަނި ދެންމެ ފެންވަރައިގެން ނުކުމެ އިން ހެނެވެ. ނިމްރާ ގޮވައިގެން ރާދިން އައި ގޮތުން އޭނާގެ ނަޒަރު އެ ދެ މީހުންނަށް ހުއްޓުނެވެ. ކާމޭޒު ދޮށުން ގޮނޑިއެއް ދުރަށްޖައްސާލާ އެ ގޮނޑީގައި ނިމްރާ ބޭންދުމަށްފަހު ރާދިން ފަސްޓްއެއިޑް ފޮށި ނެގިއެވެ. އަރްސަލް ކުރަން އިން މަސައްކަތް ހުއްޓާލުމާއެކު ރާދިންގެ ހަރަކާތްތަކަށް ސަމާލުވެލިއެވެ. ފެންތަށްޓެއް ގެނެސް ނިމްރާގެ އަތަށް ލައިދީ ފަސްޓްއެއިޑް ފޮށިން ނެގި ޕެރެސެޓެމޯލް ކާޑު ބަލާލާފައި އެ އިން ބޭސް ގުޅައެއް ނައްޓާލާ ނިމްރާގެ އަތަށް ރާދިން ލައިދިނެވެ. ނިމްރާ ބޭސްގުޅަ ކާލާ ފެންފޮދެއް ބޯލިއެވެ.

"ބޮޑަށް ތަދުވަންޏާ ބުނައްޗޭ" ރާދިން ބުނެލިއެވެ. އެ އަޑަށް އަރްސަލްގެ ހިތުގައި އެތައް ސުވާލެއް އުތުރިގަތެވެ.

"އަހަރެން ބޭރަށް ނުކުމެލަން ބޭނުން... ކުޑަ ޝޮޕިންއަކަށް" ނިމްރާ ބުނި އެއްޗެއް ރާދިންއަށް އަޑު އިވުނީ ކިރިޔާއެވެ. އޭނާއަށް ސިޓިންރޫމުގައި އަރްސަލް އިންކަން އެނގޭތީ ގަސްދުގައި މަޑުން ވާހަކަދެއްކީއެވެ.

"ކޯޗެއް ގަންނަން" ރާދިން އަހާލިއެވެ.

"އަހަންނަށް ބޭނުންވާ ބައެއްޗެހި" ނިމްރާ ބުނެލިއެވެ. އޭނާ ރާދިންއާ ނަޒަރު ސީދާ ކުރަން ނުކެރިގެން އުޅޭހެން ހީވެއެވެ.

"މިހާރުތަ؟ ބަނޑަށް ތަދުވާތިއެއްނު ތިއުޅެނީ... މިރޭ އެއިޓްގަ ފިހާރަތައް ހުޅުވީމަ އަހަރެން ދާނަން ޑާލިންގ ގޮވައިގެން. އޯކޭތަ؟" ރާދިން އިރުކޮޅަކު ހުރެލާފައި ބުނެލިއެވެ. ނިމްރާ އަވަސްއަވަހަށް ބޯޖަހާލިއެވެ.

"ދެން ދޭ ރެސްޓުކޮއްލަން" ރާދިން ބުނެލިއެވެ.

"ކޮންބޭހެއް ތި ދިނީ" ނިމްރާ ދިއުމުން ރާދިން އައިސް ކޮފީ މޭޒުދޮށުގައި އިށީނދެ މަސައްކަތް ފެށުމާއެކު އަރްސަލް އަހާލިއެވެ.

"ޕެރެސެޓްމޯލް ގުޅައެއް" އަރްސަލްއަށް ބަލާލުމެއްނެތި ރާދިން ބުނެލިއެވެ.

"ކިހިނެއްވީ؟ ކޮންތާކަށް ދާ ވާހަކަ ތި ދެއްކީ" އަރްސަލް ސުވާލުކުރިއެވެ. މިފަހަރު ރާދިން އޭނާއަށް ބަލާލިއެވެ.

"އޭނާ ބަނޑަށްތަދުވާތީ އެ އުޅެނީ. ދެން ފިހާރަށް ދާން ބޭނުންވާ ވަހަކަ ބުނީމަ އަހަރެން ބުނީ މިރޭ ގެންދާނަމޭ... އިތުރު ސުވާލެއް" ރާދިން ބުނެލިއެވެ. އަރްސަލް ބޯހޫރުވާލުމުން ކުރަން އުޅުނު މަސައްކަތަށް ރާދިން އެނބުރިލިއެވެ.

"އަހަރެން އޭނާ ގޮވައިގެން ދާނީ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. (ނުނިމޭ)