ކުޅިވަރު

ދަގަނޑޭއަށް އެޅި ފިޔަވަޅުތަކަށް ކޯޗު މާފަށް އެދެންޖެހޭނެ: ސުޒޭން

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާ މެދު ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ދެއްކި ވާހަކަ އާއި ކުރި ކަންތައްތަކާ މެދު ޕަބްލިކުގައި ކޯޗު މާފަށް އެދެން ޖެހޭނެ ކަމަށް ތަޖުރިބާކާރު ކޯޗް، ގްރީން ސްޓްރީޓްގެ އަލީ ސުޒޭން ބުނެފި އެވެ.

މިދިޔަ މަހު ގައުމީ ޓީމު، ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު ޝެގަޓް ބުނެފައި ވަނީ އަޝްފާގް "މެންޓަލް މައްސަލަ" އެއް އުޅޭ ކަމަށެވެ.

އޭގެ ފަހުން ކޯޗު ވަނީ އަޝްފާގް ޓީމުން ވަކިވެސް ކޮށްފަ އެވެ. ސުޒޭން ބުނީ ގައުމީ ޓީމުގެ ކެޕްޓަން ބަދަލު ކުރުމަށް ކޯޗު ދެއްކި "ބަހަނާ" ބަލައިގަތް ނަމަވެސް އަޝްފާގް އާ މެދު ޝެގަޓް ދެއްކި ވާހަކަ ގަބޫލު ނުކުރާނެ ކަމަށެވެ.

ކޯޗު އަމަލު ކުރިގޮތް ބަލައެއް ނުގަނެވޭނެ

"އަޝްފާގްއާ ބެހޭގޮތުން އޭނަ ކުރި ކޮމެންޓް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ސުޒޭން ބުންޏެވެ. "ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ 32 އަހަރު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ފުޓްބޯޅައަށް އެންމެ ބޮޑު ކޮންޓްރަބިއުޝަނެއް ކުޅުންތެރިޔެއްގެ ގޮތުގައި ދީފައި ހުރި އެއް ކުޅުންތެރިޔާ އަޅުގަނޑުމެންގެ ގައުމީ ބަތަލަކާ ބެހޭގޮތުން ދައްކާފަ ހުރި ވާހަކަ އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން އެއްވެސް ވަރަކަށް."

ސުޒޭން ބުނީ ގައުމީ ޓީމުގައި ހިނގާދިޔަ މި ކަންކަމާ ބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާ ވެސް ބައްދަލުކޮށް ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅަ ރަނގަޅު ކުރުމަށް ލިބުނު ފުރުސަތުގައި އެގޮތަށް ކަންކަން ކުރުމުން ގެންނަން ބޭނުންވާ ރަނގަޅު ރޫހް ނުގެނެވޭނެ ކަމަށް ސުޒޭން ބުންޏެވެ.

އަޑޭ އާއި ދަގަނޑޭއަށް ކޯޗު ކުރީ މަލާމާތް

ބޫޓާން މެޗަށް ފަހު ގައުމީ ކޯޗު ވަނީ، އެ މެޗުން ލިބުނު މޮޅު އަޝްފާގް އާއި ޓީމުން ރިޓަޔާ ކުރި އަސްހަދު އަލީ (އަޑޭ) އަށް ހާއްސަކޮށްފަ އެވެ. ސުޒޭން ތުހުމަތު ކުރީ ގައުމީ ޓީމު ކޯޗު އެގޮތަށް ކަންކަތައް ކުރީ އެ ދެ ކުޅުންތެރިންނަށް މަލާމާތް ކުރުމުމުގެ ގޮތުން ކަމަށެވެ.

"އެ ކުރި ކަމެއްގެ ސަބަބުން އެކަން ނިމޭކަށް ނެތް، އަނެއްކާ ނިއު ރޭޑިއަންޓް މެޗު ނިންމާފައި އަޝްފާގް އެ މެޗު ޑެޑިކޭޓް ކުރީ ގައުމީ ކޯޗަށް، މިއީ ވަރަށް ހަޑި ކަންކަން،" ސުޒޭން ސިފަ ކުރި އެވެ. "މި ދައްކަނީ އަޅުގަނޑުމެންގެ ގައުމީ ކޯޗާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ އާ ހުރި ކްލޭޝް [ހަމަނުޖެހުންތައް] ޕަބްލިކުލީ މި އަންނަނީ އޯޕަންކޮށް މިއީ ހުއްޓެން ޖެހޭ ކަމެއް."

"އެ ރޭ ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑުންވެސް ފެނުނީ އެކަންތައް، ރެކޯޑު އަދަދަކަށް މަދުން މީހުން ވަނީ، މިއީ ރާއްޖޭގައި ގައުމީ ޓީމުގެ 39 އަހަރުވީ ތާރީހްގައި ގަލޮޅު ދަނޑުގައި ކުޅުނު އެންމެ މީހުން [ސަޕޯޓަރުން] މަދު މެޗު،" ސުޒޭން ފާހަގަ ކުރި އެވެ. "މިދިޔަ 39 އަހަރުގައި ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅެންޏާ އަޅުގަނޑު ހުންނާނީ ދަނޑަށް ގޮސް، ބޫޓާން މެޗު ފިޔަވައި."

އޭނާ ބުނީ، އެ މެޗަށް ދަނޑަށް ނުދިޔައީ، އޭގެ ކުރިން ގައުމީ ޓީމުގައި ހިނގާދިޔަ ކަންކަމާ ހުރެ އެކަމާ މަޔޫސްވެ ފޫހިވެގެން ކަމަށެވެ.

ސުޒޭން ބުނީ ބޭރު ކޯޗުން ގެނައި ނަމަވެސް އެ ކޯޗެއްވެސް ކަންކަން ކުރަން ވާނީ ރާއްޖޭގެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށާއި ކޯޗު އަންނަނީ ރާއްޖޭގައި "ރަސްކަމެއް ކުރަން ނޫން" ކަމަށެވެ.

އަޝްފާގް މެނޭޖު ނުކުރެވޭނެމަ މީހުން ފެއިލްވީ

ސުޒޭން ބުނީ އަޝްފާގް ޕްރެސްއަށްވެސް ދާނެ ކަމަށާއި އެކަން އޭނާއަށް ވިސްނައި ދޭން ޖެހޭނީ އެކަން މެނޭޖުކުރަން ހަވާލުވެގެންތިބި މީހުން ކަމަށެވެ.

"އަޅުގަނޑު ދިޔައިން ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް، އަޝްފާގް ޕްރެސްއަށް ނުދޭތޯ، ދާން ޖެހޭ ވަގުތެއްގައި ޕްރެސްއަށްވެސް ދާނެ،" 2013 ގެ ތަޖުރިބާތައް ސުޒޭން ހިއްސާ ކުރި އެވެ. "އެހެންވީމަ އަޝްފާގް މެނޭޖް ނުކުރެވުން އެއީ އަޅުގަނޑުމެންގެ މައްސަލައެއް ނޫނޭ އެކަން ނުކުރެވުނު މީހުން ފެއިލްވީ އޭ."

ހެޑްކޯޗުވެސް އަމަލު ކުރަން ޖެހޭނީ މަސްލަހަތު ނުގެއްލޭ ގޮތަށް

މިދިޔަ ދުވަސްތަކުގައި ކަންކަން ހިނގާފައި ވަނީ އަޝްފާގް ބަދަލުގައި އެހެން ކުޅުންތެރިޔަކު ޕްރެސްއަށް ގެންދިއުމެވެ. ސުޒޭން ބުނީ ގިނަ ދުވަސްތަކެއް ވަންދެން އެގޮތަށް ކަން ހިނގާފައި އޮތުމުން އަޝްފާގަށް ވިސްނިފައި އޮތީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އޭގެ ބަދަލުގައި ކާކުތޯ އޭނަ [އަޝްފާގަށް] އަށް ވިސްނައިދީފައި އޮތީ އޭނަ ޕްރެސްއަށް ދާން ޖެހޭނެ ކަން، ނުގޮސްފިއްޔާ ޓީމު ތެރޭގައި މިގޮތަށް މަސްލަހަތު ގެއްލިދާނެ ކަން، އޭގެ އަގު މިހާ ހައި ވެދާނެކަން، އަޝްފާގްގެ ވެސް ކެރިއާގެ އެންމެ ފަހު ކޮޅު އޭނަވެސް ބޭނުމެއް ނުވާނެ އެންމެ އިންޓަނޭޝަނަލް މެޗެއް ގެއްލޭކަށެއް."

ސުޒޭން ބުނީ ޓީމެއް މެނޭޖްކޮށް ބަލަހައްޓަން ހުންނަން ޖެހޭނެ މީހަކު އަމަލު ކުރަން ޖެހޭނީ ޓީމެއްގައި މަސްލަހަތު ނުގެއްލޭނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑު އޭނާ [ގައުމީ ކޯޗު] އާ ބައްދަލު ކުރާކަށްވެސް ބޭނުމެއް ނޫން، އޭނަ އާ ސަލާމް ކުރާކަށްވެސް ބޭނުމެއް ނޫން، އަޝްފާގްއާ ބެހޭގޮތުން ޕަބްލިކްގައި އޭނަ ކުރި ކޮމެންޓަށް މާފަށް ނޭދެނީސް، އަޅުގަނޑާ ސަލާމް ނުކުރިޔަސް އޭނަގެ ފުޓްބޯޅަ ކެރިއަރަށް ވާނެ ގެއްލުމެއްވެސް ނޯންނާނެ."

ކޯޗު ބުނި ވާހަކައަށް ޓެކްނިކަލް ޖަވާބެއް ސުޒޭނަށް ނުދެވުނު

އަޝްފާގް "މެންޓަލް ޕްރޮބްލަމް" އެއް އުޅޭ ކަމަށް ކޯޗު ދެއްކި ވާހަކަ ސުޒޭން އެންމެ ފުރަތަމަ ސިފަ ކުރީ އެހެން ގޮތަކަށެވެ.

އޭނާގެ ފޭސްބުކުގައި ފުރަތަމަ އެކަން ސިފަ ކުރީ އަޝްފާގް "މެންޓަލީ ސިކު" ވެފައިވާ ކަމަށް ކޯޗު ބުނި ކަމަށް ދޭހާވާ ގޮތަކަށެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނީ ކޯޗު ބުނި ވާހަކައިގެ މާނަ އަޅުވާލަން ސުޒޭން މަސަކަތް ކުރާ ކަމަށެވެ.

މި ސީޒަންގެ ސްޕެނިޝް ކަޕްގެ ފުރަތަމަ ލެގް މެޗުގައި ރެއާލް މެޑްރިޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރަތް ކާޑު ދެއްކުމުން، ރެފްރީގެ ބުރަކަށީގައި ޖަހައި ކޮށްޕާލި އެވެ. އެ ކަމާ ގުޅިގެން ފަސް މެޗުގެ ސަސްޕެންޝަނެއް ރޮނާލްޑޯއަށް ދިނެވެ. އޭގެ ފަހުން ކުޅެން އައި ނަމަވެސް ސީޒަންގެ ކުރީ ކޮޅު ރޮނާލްޑޯއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ލަނޑު ޖެހުމުގެ ރޭޓް ދަށްވި އެވެ. ބައެއް ކޯޗުން ސިފަ ކުރީ އެ މުއްދަތުގައި ރޮނާލްޑޯގެ މެންޓަލް ޕްރޮބްލަމްއެއް އުޅޭ ކަމަށެވެ.

ސުޒޭންގެ ކަންބޮޑުވުމަކީ، ގައުމީ ޓީމުގެ ކޯޗު އަޝްފާގް އާ ބެހޭގޮތުން ބުނި "މެންޓަލް ޕްރޮބްލަމް" މި އިބާރާތުގެ ވާހަކަތޯ ސުވާލު ކުރުމުން އެ ސުވަލަށް ޓެކްނިކަލް ޖަވާބެއް ސުޒޭން ދީފައެއް ނުވެ އެވެ. އޭނާ ދިން ޖަވާބު މިއޮތީ އެވެ.

"އަޝްފާގްގެ މެންޓަލީ މައްސަލައެއް އުޅޭ ކަމަށް އޭނަ [ކޯޗު] އެ ފާހަގަ ކުރަނީ، އިންޑިއާގެ ޗެމްޕިއަން (ޓީމު) ކޮޅަށް ތިން ލަނޑު ޖެހީމަ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ސުޒޭން ޖަވާބު ދިނެވެ. "އެއީ އެ ދޭތެރޭގައި އިތުރު ކަންތައްތަކެއް ހިނގާފައި ގޮސްފައެއް ނެތް އާންމުކޮށް އަޝްފާގް ނުކުރާ ކަމެއް، އެހެންވީމަ އަޅުގަނޑު އެކަން މި ފާހަގަ ކުރަނީ."

ގައުމީ ޓީމުގެ ކޯޗް ދާދި ފަހުން ބުނެފައި ވަނީ، އަޝްފާގް މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަނީ އެ މައްސލައިގައިގައި ހިނގަދިޔަ ކަންކަން މުޅިން ސަފު ނުވާ މީހުން ކަމަށެވެ.