ލައިފްސްޓައިލް

ދިވެހިން ފޫހިނުވި ރަތް ފިނިފެންމާ

މާ ވިއްކާ ފިހާރަތައް މާލޭގައި މިހާރު މި ވަނީ ހިނަވެފަ އެވެ. ކުރިން ނުލިބޭ ތަފާތު އެތަށް ވައްތަރެއްގެ ރީތި މާތަށް ނަން ހުސްކޮށް މިހާރު އެ ހުރީ ފިހާރަތަކުން ލިބޭށެވެ. އެކަމަކު މިހާރުވެސް ދިވެހިންނަށް އެންމެ ކަމުދާ މަލަކީ ރަތް ފިނިފެންމަލެވެ. އަދިވެސް ދިވެހިންގެ ހިތް ދޫވެފައި މި އޮތީ ރަތް ފިނިފެންމަލަށެވެ.

ލޯބިވެރިންގެ މަލުގެ ގޮތުގައި އާންމުވެފައި އޮންނަ ރަތް ފިނިފެންމާ ރާއްޖެއަށް އާންމުކޮށް އެތެރެކޮށް އުޅެނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އެކުއެޑޯ އިންނާއި އިންޑިއާ އަދި ކެންޔާ އިންނެވެ.

އެކުއެޑޯގެ ފިނިފެންމާ މަޝްހޫރުވެފައި އޮންނަނީ ދުނިޔޭގެ އެންމެ ރީތި ފިނިފެންމަލުގެ ގޮތުގައި އެވެ. މި ފިނިފެންމާތަށް އެހާ މަޝްހޫރުވެފައި ވަނީ އޭގެ ސައިޒާއި މަލުގެ އުމުރާއި މާ ހެދި ބޮޑުވާ ގޮތް ހާއްސަވުމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ފިނިފެންމާ ހެދޭ ގޮތާއި ތަފާތުވުމުންނެވެ.

އެހެން ގައުމުތަކުގައި ހެދޭ ފިނިފެންމަލަށްވުރެ އެކުއެޑޯގެ ފިނިފެންމާތަށް ހުންނަލެއް ބޮޑުވެފައި މަލުގެ ކަރިތައް ބޮލެވެ. މި ފިނިފެންމާތަކުގެ ތަނޑި ފަސް ފޫޓަށް ދިގުވެ އެވެ. މިއީ ދުނިޔޭގައި ފިނިފެންމަލުގެ ތަނޑި އެންމެ ދިގަށް ހެދޭ ހަމައެކަނި ގައުމުކަމަށްވެ އެވެ.

އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވާނީ މާ ގަހުން ކަނޑާލުމުށްފަހު އެ މާ އަވަހަށް މޯޅިވުމެވެ. އެކުއެޑޯގެ މި ފިނިފެންމާތަކަކީ އުމުރުވެސް ދިގު މާތަކެކެވެ. ގަހުން ކަނޑާލުމަށްފަހު މި ފިނިފެންމާތައް މޯޅި ނުވެ ގިނަ ދުވަސްތަކެއް ވަންދެން ދެމިހުރެ އެވެ.

އެ ގައުމުގައި 500 އަށްވުރެ ގިނަ ވައްތަރުގެ ފިނިފެންމާ ހެދެ އެވެ. އޭގެ ތެރޭގައި، ރަތުގެ އެކި ކުލަތަކާއި، ފިޔާތޮއްޓާއި، ހުދާއި، ކަޅާއި އަދި ވިއްސާރަދުނީގެ ހުރިހާ ކުލަތަކެއް ހުންނަ ފިނިފެންމާގެ ވައްތަރުތައް ހުރެ އެވެ.

ރަތް ފިނިފެންމަލުގެ ތާރީހު

އެންމެ އިހު ޒަމާނުއްސުރެ ރަތް ފިނިފެންމާ މަޝްހޫރުވެފައި އޮންނަނީ ލޯބިވެރިންގެ މަލުގެ ގޮތުގައި އެވެ. ލޯބި ރަމްޒުކޮށްދޭ މަލެއްގެ ގޮތުގަ އެވެ. ލޯބީގެ ގުޅުމުގެ އަހަރީދުވަހާއި ކައިވެންޏާއި ލޯބިވެރިންގެ ދުވަހު މިއީ ހާއްސަ މަލެކެވެ. ލޯބިވެރިންގެ ދުވަހަކީ ރާއްޖޭގައިވެސް މި މަލުގެ ޑިމާންޑު އެންމެ ބޮޑުވާ ދުވަހެވެ. ދުވަސް ރަނގަޅަށް ނުފެށި އުޅެނިކޮށް ރަތް ފިނިފެންމާ ފިހާރަތަކުން ހުސްވާކަމަށް މާލޭގައި މަލުގެ ވިޔަފާރީ ކުރާ ފަރާތްތަކުން ބުންޏެވެ.

ކުރީގެ މަޝްހޫރު ލިޔުންތެރިންނާއި، ޅެންވެރިންނާއި، ކްލެސިކް އާޓުވޯކް އަަދި ފިލްމުތަކުގައިވެސް ލޯބި ޒަމްރުކޮށްދިނުމަށް ރަތް ފިނިފެންމާ ބޭނުންކޮށްފައިވެ އެވެ. ސްކޮޓިޝްގެ ޅެންވެރިޔެއް ކަމަށްވާ ރޮބާޓް ބާންސް ލިޔެފައިވާ ޅެމެއް ކަމަށްވާ "ރެޑް ރެޑް ރޯސް" ގައި ރަތް ފިނިފެންމަލަށް އޭނާގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލާފައިވެ އެވެ. ޝެކްސްޕިއާފަދަ ޅެންވެރިންވެސް ރަތް ފިނިފެންމަލުގެ ވާހަކަ މާނަ ފުން ގިނަ ޅެންތަކެއްގައި ބޭނުންކޮށްފައިވެ އެވެ.

މަޝްހޫރު އިނގެރޭސި ހިޔާލީ ވާހަކަ "އެލައިސް އިން ވޮންޑަލޭންޑް"ގައި އުޅޭ ކާޑް ސޯލްޖާސް ނުވަތަ ސިފައިން ބޯ ބުރިކުރި ސަބަބު އިނގޭ ހެއްޔެވެ. އެމީހުންގެ ބޯ ބުރި ކުރީ އެ ވާހަކައިގެ އުޅޭ "ކުއީން އޮފް ހާޓްސް" ނުވަތަ ހިތުގެ ރާނީގެ ބާގީޗާގައި ރާނީއަށް އޮޅުވާލައިގެން ރަތް ފިނިފެންމަލުގެ ބަދަލުގައި ހުދު ފިނިފެންމާ ގެންގުޅުންކަން ފަޅާއެރުމުންނެވެ. ސިފައިން ހުރީ ހުދު ފިނިފެންމާތަކުގައި ރަތްކުލަ ހާކާފަ އެވެ.

ރަތް ފިނިފެންމަލަށްފަހު ދެން އެންމެ ކަމުދަނީ ސަންފުލާވާ

ރަތް ފިނިފެންމަލަށްފަހު ދިވެހިން އެންމެ ފޯރި ހުންނަ މަލަކަށް ވާނީ ސަންފުލާވާ އެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ މެދުގައި މި މަލުގެ ފޯރި ބޮޑެވެ. އުފަންދުވަހާއި އެނޫންވެސް ހާއްސަ ދުވަހެއްގައި ގިނަ އަންހެން ކުދިން މިހާރު ބޭނުންވަނީ ސަންފުލާވާއެކެވެ.

މާލޭގައި މާ ވިއްކާ ފިހާރަތަކުގައިވެސް ސަންފުލާވާއަށް އޮންނަ ޑިމާންޑު ބޮޑެވެ. ރާއްޖެއަށް ސަންފުލާވާ އާންމުގޮތެއްގައި ގެންނަނީ އެކުއެޑޯ، އިންޑިއާ އަދި ޔޫރަޕްގެ ގައުމުތަކުންނެވެ. ރީނދޫ ކުލައިގައި ހުންނަ މި މަލަކީ ރީތިކަމުގެ އިތުރަށް ސިއްހީ އެތަށް ފައިދާތަކެއްވެސް ލިއްބައިދޭ މަލެކެވެ.

މި މާތަކުގެ އިތުރުން ދިވެހިންނަށް އެންމެ ކަމުދާ މާ ތަކުގެ ތެރޭގައި ކްރެސެންޓް ފްލާވާގެ ވައްތަރުތަކާއި، ބޭބީ ބްރެތްސް އަދި ޑެއިޒީ ހިމެނެ އެވެ. ފިނިފެންމާގެ ތަފާތު ކުލަތަކަށް އޮންނަ ޑިމާންޑުވެސް ބޮޑެވެ. ވާހަކަދެއްކި ގިނަ ފިހާރަތަކުން ބުނީ ވަކިން މާ ގަތުމަށްވުރެ މާ ގަސް ގަތުމަށް ކަސްޓަމަރުން މިހާރު ބޭނުންވާ ކަމަށެވެ. މާ ގަސް ނޫނަަސް ކެކްޓަސް އަދި މިނީ ސަކްކުލެންޓްސް ކަހަލަ ގަސް ގަންނަ އަންނަ ކަމަށް ފިހާރަތަކުން ބުންޏެވެ.