ވިޔަފާރި

ރަށްރަށަށް ފޮނުވާ ބައެއް މުދާ ނޯތު ހާބަރާއި ޓީޖެޓީގައި ގުދަން ކުރަނީ

ރަށްރަށަށް ފޮނުވާ އަސާސީ ބައެއް ބާވަތްތަކުގެ މުދާ ނޯތު ހާބަރާއި ޓީ-ޖެޓީގައި ގުދަން ކުރެވޭނެ އިންތިޒާމު އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ. މި ބަދަލު ގެނައީ މުދާ އުފުލުން ރޭގަނޑަށް ބަދަލު ކުރުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފަސޭހަކުރުމުގެ ގޮތުން އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރަށްރަށް ގެންދާ ގޭހާއި ފެން އަދި ކާޑުގެ ބާވަތްތަށް ނޯތު ހާބަރާއި ޓީ-ޖެޓީ ސަަރަހައްދުގައި ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

"ރަށްރަށަށް މުދާ ހަނޑޫ ހަކުރު ފުށް އަދި ފެން ފަދަ ތަކެތި ގެންދަން ހާއްސަ އިންތިޒާމެއް މި ހަމައްސައިދެނީ. މާލެ ކައިރި ރަށްރަށަށް މި ބާވަތްތައް މި ގެންގޮސްދެނީ ދުވާލުގެ ވަގުތުތަކުގައި. އެހެންވެ ބައެއް ރިކުއެސްޓްތައް އައި. އެހެންވެ މިހާރު އެސްޓީއޯއާއި އެމްޕީއެލްއިން މިވަނީ ނޯތް ހާބަރާއި ޓީ-ޖެޓީގައި ޖަމާ ކުރެވޭނެ އިންތިޒާމު ހަޖައްސައިދީފައި،" ސައީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މަޖޫރީން ކުރުމަށް ސަރުކާރުން އިއުލާނު ކުރި އަގުތަކަކީ "މުޅި ޕެކޭޖުއެއްކޮށް" ހިމެނޭ އަގުތަކެއް ކަމަށެވެ.

ސަރުކާރުން ވަނީ އެމްޕީއެލް ސަރަހައްދުގައި މަޖޫރީ މަސައްކަތް ކުރެވޭނެ ހާއްސަ އަގުތަކެއް ކަނޑައަޅާފަ އެވެ. މި އަގުތައް ސަރުކާރުން ކަނޑައެޅީ މުދާ އުފުލާ ގަޑި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ބަދަލު ކުރުމާއެކު ރޭގަނޑު މަސައްކަތް ކުރަން ޖެހުމުން މަޖޫރީން ކޮންޓެއިނާ ކަނޑައިދޭ އަގުތައް ބޮޑު ކުރުމުންނެވެ. ކުރިން 20 ފޫޓުގެ ކޮންޓެއިނާއެއްގެ ކުރީގެ އަގު 2500ރ. އަށް ކަނޑައި ދިން ނަމަވެސް މިހާރު އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދެނީ 6000ރ. އަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއް ކުރިން ކަނޑައި ދެނީ 6،000ރ. އަށެވެ. ނަމަވެސް ރެއިން ފެށިގެން މިހާރު ކަނޑައި ދެނީ 12،000ރ. އަށެވެ.

އަގުތައް މަޖޫރީން އަގު ބޮޑު ކުރުމުން ސަރުކާރުން އިއުލާނު ކުރި އަގުތަކުގައިވާ ގޮތުން ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތައް 20 ފޫޓް ކޮންޓެއިނާއެއް ނަމަ ނެގޭނީ 2500 ރުފިޔާ އެވެ. އަދި
40 ފޫޓުގެ ކޮންޓެއިނާއެއްނަމަ ނެގޭނީ 5000 ރުފިޔާ އެވެ. ބިއްލޫރި ޝީޓްނަމަ 20 ފޫޓް ކޮންޓެއިނާއެއްނަމަ 4000 ރުފިޔާ ނެގޭނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއްނަމަ 7000 ރުފިޔާ ނެގޭނެ އެވެ. އަދި މެންދަމު 12:00 އިން ހެނދުނު 6:00 އަށް، ބިއްލޫރިޝީޓް ފިޔަވައި އެހެން ބާވަތްތަކަށް ނެގޭނެ ރޭޓަކީ 20 ފޫޓް ކޮންޓެއިނާއެއް ނަމަ 4500 ރުފިޔާ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއެއްނަމަ 7000 ރުފިޔާ އެވެ. އަދި ބިއްލޫރި ޝީޓް 20 ފޫޓް ކޮންޓެއިނާއެއްނަމަ 4500 ރުފިޔާ ނެގޭނެ އެވެ. އަދި 40 ފޫޓް ކޮންޓެއިނާއެއްނަމަ 7500 ރުފިޔާ ނެގިދާނެ އެވެ.

މި އުސޫލުގައިވާ ގޮތުން، އެއް ކޮންޓެއިނާގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ގެންނަ މުދާ ވަކި ވަކިން ހުސްކުރުމަށް ވެސް މިނިސްޓްރީން ވަނީ އަގު ކަނޑައަޅާފައެވެ. އެގޮތުން ބިއްލޫެރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުން އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް ނެގޭނީ 250 ރުފިޔާއެވެ. އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 175 ރުފިޔާއެވެ. ބިއްލޫރި ޝީޓަށް އަގު ނެގޭނީ އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް 250 ރުފިޔާ އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 200 ރުފިޔާ އެވެ.