ބޮލީވުޑް

ބާޢީ 2: ހަ ދުވަސް ތެރޭގައި 100 ކަރޯޑު ހޯދައިފި

ޓައިގާ ޝްރޮފް އަދި ދިޝާ ޕަޓަނީ ފެނިގެންދާ ފިލްމު "ބާޢީ 2" އަށް އެންމެ ހަ ދުވަސް ތެރޭގައި ބޮކްސް އޮފީހުގައި 100 ކަރޯޑު ލިބިއްޖެ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

ސާޖިދް ނަޑިއާޑްވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓުކުރީ އަހްމަދު ހާން އެވެ. ބޮކްސް އޮފީހުގައި ހޯދި މި ކާމިޔާބީއާއެކު މި ފިލްމަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ސާޖިދްގެ ފިލްމެވެ.

މި ފިލްމަށް ވަނީ މިއަހަރުގެ އެންމެ ބޮޑު އޯޕެނިންގްވެސް ލިބިފަ އެވެ. މިއަހަރު 100 ކަރޯޑު ހޯދި ތިން ވަނަ ފިލްމުގެ އިތުރުން، މި ފިލްމަކީ 100 ކަރޯޑު ހޯދި ޓައިގާ ޝްރޮފްގެ ފުރަތަމަ ފިލްމެވެ. މިއަހަރު 100 ކަރޯޑު ހޯދި ފިލްމުތަކަކީ "ޕަދްމާވަތީ" އާއި "ސޯނުކޭ ޓިއްޓޫ ކީ ސުވިޓީ" އެވެ.

"ބާޢީ 2" ގެ ޓްރެއިލާ.

މި ފިލްމުގެ އުފެންދުންތެރިން މިހާރު ވަނީ މި ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފަ އެވެ. އެ ފިލްމުގައިވެސް ލީޑުން ފެނިގެންދާނީ ޓައިގާ ޝްރޮފް އެވެ.

ޓައިގާ މިހާރު ވަނީ އިތުރު ތިން ފިލްމެއްގައިވެސް މަސައްކަތްކުރުމަށް އެބަސްވެފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އާއި ރެމްބޫގެ ހިންދީ ރީމޭކް އަދި ރިތިކް ރޯޝަންއާއެކު ފެނިގެންދާނެ ފިލްމެއްވެސް ހިމެނެ އެވެ. ރިތިކްއާއެކު ފެނިގެންދާނެ ފިލްމާއި ގުޅޭ މާގިނަ މައުލޫމާތުތަކެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.