ކުޅިވަރު

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީއަކަށް ތައުމީނާ

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޖެނަރަލް ސެކެޓްރީ ކަމަށް ގާނުނީ ވަކީލު އަލްއުސްތާޒާ އަޢިޝަތު ތައުމީނާ އައްޔަން ކޮށްފި އެވެ.

މިވިކްޓަރީގެ ޗެއާމަން ކަމަށް ދެ ވަނަ ފަހަރަށް ދިޔަ ހަފުތާގައި އިންތިހާބު ކުރި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެ ފައި ވަނީ، ވިކްޓަރީ އަލުން ފުޓްބޯޅައިގެ ބާރަކަށް ހެދުމަށްޓަކައި ކުލަބުގެ ހިންގުންވެސް ހަރުދަނާ ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވިކްޓަރީ ހިންގުމުގައި ސަޕޯޓަރުން ބައިވެރިވުން ހޯއްދަވާނެ ކަމަށެވެ. އާ ޖެނަރަލް ސެކެޓްރީގެ މަސްއޫލިއްޔަތަކަށް ވަނީ، އަލުން ވިކްޓަރީ ގަދަ ބާރަކަށް ހެދުމަށްޓަކައި ވިކްޓަރީގެ ބޯޑަށް އެހީތެރި ވުމެވެ. އަދި އަލުން ސަޕޯޓަރުންގެ ބައިވެރިވުން ހޯދުމުގައި އޭނާ ދައުރު ބޮޑުވާނެ އެވެ.

ވިކްޓަރީގެ ވައިސް ޗެއާމަން، އިބްރާހިމް ނަޒީމު ވިދާޅުވީ، ތައުމީނާ އަކީ ވިކްޓަރީގެ ސަޕޯޓަރެއް ކަމަށާއި ވިކްޓަރީގެ ޗެއާމަން މުހައްމަދު އިސްމާއީލް، ތައުމީނާ ސެކެޓްރީޖެނަރަލް ކަމަށް ހަމަޖެއްސީ މެނޭޖްމެންޓާއި ހިންގުމުގެ ދައިރާގެ ގާބުލިކަންވެސް ތައުމީނާގެ ކިބައިގައި ހުރުމުން ކަމަށެވެ.

"މިއަދާ ހަމަޔަށް ގާނުނީ ދާއިރާގައި މަސައްކަތް ކުރެއްވި ނަަމަވެސް، ދިވެހި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ވިސްނުން އާ ސެކެޓްރީ ޖެނަރަލްގެ ކިބައިގައި އެބަހުރި، އެހެންވެ ވިކްޓަރީގެ ޕްލެޓްފޯމުން އެ ދާއިރާއަށް މި ނިކުތީވެސް." ނަޒީމް ވިދާޅުވި އެވެ.

ވިކްޓަރީގެ ދެ ވަނަ ވައިސް ޗެއާމަނަކީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ. ތައުމީނާ އަކީ ފުރަތަމަ ޑިވިޝަން ކުލަބެއްގެ މަގާމު ފުރާ ފުރަތަމަ އަންހެން ޖެނަރަލް ސެކެޓްރީ އެވެ.

ފުރަތަމަ ޑިވިޝަން ކުލަބެއްގެ ފުރަތަމަ އަންހެން ޗެއާޕަސަންކަން ކުރެއްވީވެސް ވިކްޓަރީގައެވެ. ވިކްޓަރީގެ ޗެއާޕާސަންކަން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ކުރިން ކުރައްވާފަ އެވެ. ވިކްޓަރީ ބޯޑުގައި މިހާރުވެސް އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ވިކްޓަރީގެ ބާނީ މަރުހޫމް މައިނާ ރަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އައިޝަތު އަލީފާ އެވެ.