ހަބަރު

ލެކިއުޓްގެ މޮބައިލް އެޕް ތައާރަފް ކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓުގެ ވިޔަފާރި ކުރަމުން އަންނަ ލެކިއުޓުން ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މޮބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފި އެވެ.

ލެކިއުޓް މޮބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފައިވަނީ މަޖީދީމަގުގައި ހުންނަ އެ ކުންފުނީގެ ފިހާރައިގައި މިރޭ ބޭއްވި ހަފުލާއެއްގައި ލައިވް މިއުޒިކާއެކު އެވެ. މި އެޕްލިކޭޝަން މިހާރު އެންޑްރައިޑް އަދި އައިއޯއެސްގެ ފޯނުތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ލެއިއުޓްގެ އޮފިޝަލަކު ވިދާޅުވީ، އެޕްލިކޭޝަން ތައާރަފް ކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހުރެގެން ކަސްްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ލެކިއުޓް އަދި ލެކިއުޓް ލައިިފްސްޓައިލް އިލެކްޓްރޯނިކްސް އިން ވިއްކާ މުދާ ކޮންމެ ވަގުތަކު ވެސް ގަނެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"ލެކިއުޓް އެޕް އަކީ ކަސްޓަމަރުންގެ އަތަށް ލެކިއުޓްގެ ފިހާރަތައް ގެނެސްދިނުމަށް އެޅުނު ވަރަށް ބޮޑު ލިންކެއް، ކޮންމެ ތަނަކަށްވެސް ޑެލިވާ ކޮށްދެވޭނެ، ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ ރަށްތަކަށް ޑެލިވާ ކުރާނީ، ގަންނަ އެއްޗެހި ގިނަ ވެގެން 7-10 ދުވަސް ތެރޭ ޑެލިވާ ކޮށްދޭނަން،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޕްލިކޭޝަން މެދުވެރިކޮށް ލެކިއުޓުން ވިއްކާ ބައެއް ޕްރޮޑަކްޓްތައް ފިހާރައިން ލިބޭ އަގުތަކަށްވުރެ އަގުހެޔޮކޮށް ލިބިގެންދާނެ ކަމަށެވެ. އަދި ގަންނަ މުދާ މާލޭގެ ކޮންމެ ތަނަކަށްވެސް ލަސްވެގެން ދެ ގަޑިއިރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށާއި ޑެލިވަރީ ކޮށްދޭނީ ހެނދުނު އަށަކުން ހަވީރު ފަހަކާ ދެމެދު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"ލެކިއުޓް އެޕް އިން ގަންނަ މުދަލަށް ބެންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ، އަދި ކޭޝް އޮން ޑެލިވަރީ އާއި އިންޓަަނެޓް ބޭންްކް ޓްރާންްސްފާ ބޭނުންކޮށްގެންވެސް ފައިސާ ދެއްކޭނެ، އަދި އެޕް ބޭނުންކޮށްގެން ގަނެވޭ ހުރިހާ މުދަލަކީ ވެސް ރައްކާތެރިކަމާއި އެކު ބަންދު ކުރެވި ލެކިއުޓުން ގަނެވުނު މުދަލެއްކަން ޔަގީންވާ ގޮތަށް ލެކިއުޓްގެ ސީލްކުރެވިފައިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ލެކިއުޓުން މިރޭ އެޕްލިކޭޝަނެއް ތައާރަފް ކޮށްފައިވާއިރު، 2015 ވަނަ އަހަރު ވަނީ ލެކިއުޓުގެ ފިހާރަ ތަކުން ލިބޭ ހުރިހާ ޕްރޮޑަކްޓް ތަކެއް އެއްތަނަކުން ލިބޭ ގޮތަށް "ލެކިއުޓް އޮންލައިން" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއްވެސް ގާއިމުކޮށްފަ އެވެ.