ސިއްހަތު

ލޮލުގެ ފެނުން ރަނގަޅުކުރަން ކުރަންވީ މިކަންކަން

ލޮލަކީ އިންސާނާ ހަށިގަނޑުގައި ހިމެނޭ އެންމެ ނާޒުކު ގުނަވަންތަކުގެ ތެރެއިން އެއް ގުނަވަނެވެ. ރަނގަޅަށް ސަމާލު ނުވެވިއްޖެނަމަ އެތަށް ގެއްލުމަކާއި ކުރިތިލާންޖެހިދާނެ އެވެ.

ޓެކްނޮލޮޖީގެ ގޮތުން އަދުގެ ދުނިޔެ މިވަނީ ބޮޑުތައް ކުރިއަރާއި ގޮސްފަ އެވެ. ކޮމްޕިއުޓަރުގެ ވަސީލަތްތަކާއި ޓީވީ އަދި ފޯނުފަދަ ތަކެތި އަހަރެމެން ބޭނުން ކުރާ މިންވަރު އިތުރުވެ މި ވަސީލަތްތަކާއި ނުލާއި މިހާރު ދިރިއުޅުމަށް މި ވަނީ ދަތިވެފަ އެވެ. ކޮންމެ ދުވަހެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މި ވަސީލަތްތަކުގެ ބޭނުންކުރަން މަޖުބޫރެވެ.

މި ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު އަހަރެމެން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެންމެ އެދެވޭގޮތުގައި މި ވަސީލަތްތައް ބޭނުން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމަކާއި މެދުގައި ވިސްނާލަންޖެހެ އެވެ. ހާއްސަކޮށް އިންސާނާގެ ލޮލަށް މި ވަސީލަތްތަކުން ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.

މި ނޫންވެސް އިތުރު ގޮތްގޮތުން އިންސާނާގެ ލޮލަށް ނޭދެވޭ އަސަރުތައް ކުރެ އެވެ. މި ނޭދެވޭ އަސަރުތަކުން ދުރުވެ ތިމާގެ ލޯ ދުޅަ ހެޔޮ ގޮތުގައި ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުން

ކުރިންވެސް ބުނި ފަދައިން އާންމު ދިރިއުޅުމާއި ވަޒީފާގެ މާހައުލު ހުންނަ ގޮތުން ކޮމްޕިއުޓަރު އަދި ފޯނުފަދަ ވަސީލަތްތަކަކީ މިހާރު އަބަދުމެ ބޭނުންކުރަންޖެހޭ ވަސިލާތްތަކެކެވެ. ލޮލަށް ގެއްލުމެއް ލިބިދާނެތީ މިފަދަ ވަސީލަތްތައް ބޭނުންނުކޮށް ދޫކޮށްލެވޭކަށްވެސް ނެތެވެ.

އެހެން ނަމަވެސް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އަމިއްލައަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެގޮތުން އެފަދަ ވަސީލަތެއް ބޭނުންކުރާއިރު ކޮންމެ ވިހި މިނެޓަކުން މަދުވެގެން ވިހި ސިކުންތުގެ ބްރޭކެއް ނަގާށެވެ. ލިބޭ ގެއްލުން ކޮންމެސްވަރަކަށް ކުޑަކޮށްދޭނެ އެވެ.

ފުރިހަމަ ނިދި ހޯދުން

ލޮލުގެ ފެނުން ރަނގަޅުގޮތުގައި ބެހެއްޓުމަށްޓަކައި ނިންޖަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގަޑިން ގަޑިއަށް ނިދި ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ކޮންމެ ދުވަހަކު މަދުވެގެން އަށް ގަޑިއިރު ނިދި ހަމަކުރުމަށް ޑޮކްޓަރުން ލަފާދެ އެވެ.

ކަސްރަތުކުރުން

ކަސްރަތަކީވެސް ލޮލަށް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެގޮތުން ކަސްރަތުކުރުމުން ތިމާގެ ލޮލަށް ލެޔާއި އޮކްސިޖަން ޕަންޕުކޮށްދޭ މިންވަރު އިތުރުކޮށްދީ ލޮލުގެ ފެނުން ވަރުގަދަކޮށްދެ އެވެ. ދުޔަހެޔޮ ސިއްހަތެއްގައި ލޯ ބެހެއްޓުމަށްޓަކައި އެހީތެރިވެދޭނެ އެވެ.

ލޮލުގެ ޓެސްޓުތައް ހެދުން

ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ޑޮކްޓަރަށް ދައްކާ ލޮލުގެ އެގްޒަމިނޭޝަނެއް ހަދާށެވެ. އޭރުން ލޮލަށް ގެއްލުމެއް ލިބޭކަން ފަސޭހައިން ދެނެގަނެވޭނެ އެވެ. ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ ކުރިން ސަމާލުވުމަށްވަސް ފަސޭހަވާނެ އެވެ. މިއީ ޑޮކްޓަރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.

އިރުގެ އަލިން ލޯ ސަލާމަތްކުރުން

އިރުގެ އަލި ނުވަތަ ޔޫވީ ރޭސްގެ ދޯދިތަކަކީ ލޮލަށް ވަރަށް ގިނަ ގެއްލުންތައް ކުރިމަތި ކުރުވާ އެއްޗެކެވެ. ޔޫވީ ރޭސްގެ ދޯދިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަވިގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމާއި ނިކުންނަނަމަ އަވި އައިނު އަޅައިގެން ނިކުންނާށެވެ. ތޮއްޕެއް ކަހަލަ އެއްޗެއް ބޮލުގައި އަޅައިގެން ނިކުތުންވެސް ރަނގަޅުވާނެ އެވެ.