ކުޅިވަރު

އަސްލު މައުލޫއަށް ވާހަކަ ދައްކަން ވެއްޖެ!

ނޭޕާލްގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދާންވީއިރު، ގައުމީ ޓީމުގެ މެނޭޖަރަކަށް ހުރި އިބްރާހިމް އާމިރު (ސަލްސާ އާމިރު) ޓީމުން އިސްތިއުފާ ދިނެވެ. އޭނާ އިސްތިއުފާ ދިނީ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިޔެއްގެ ޑިސިޕްލިނަރީ މައްސަލައާ ގުޅިގެން ޓީމުން ބާކީ ކުރުމަށް އޭނާ ނިންމުމުން އޭރު ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އާއި އެފްއޭއެމުން އެކަމާ އެއްބަސް ނުވުމުންނެވެ.

އޭރު ގައުމީ ޓީމުގެ ކަންކަން ހިންގައި ރޭވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ، ޑިރެކްޓާ އޮފް ނެޝަނަލް ޓީމްސް، އަލީ ސުޒޭން އެވެ. ސަލްސާ އާމިރު ވަނީ އެކަން އެފްއޭއެމްގެ ވެރިންނަށާއި ނެޝަނަލް ޓީމުގެ ޑިރެކްޓަރަށްވެސް ހުށަހަޅާފަ އެވެ. ނަމަވެސް އާމިރު ނެގި ޑިސިޕްލިނަރީ ފިޔަވަޅަށް އެފްއޭއެމުން އެއްބަހެއް ނުވި އެވެ. އެ ކުޅުންތެރިންނާ މެދު ފިޔަވަޅެއް ނޭޅުނެވެ. އެންމެ ފަހުން ފިޔަވަޅު ނޭޅި ހިތްހަމަ ނުޖެހުމެއްގެ ތެރެއިން އާމިރު ޓީމުން އިސްތިއުފާ ދެއްވި އެވެ. ޓީމުގެ މެނޭޖަރެއްގެ މަސްއޫލިއްޔަތު އުފުލުމަށް ޓީމާއެކު ނޭޕާލަށް ދިޔައީ އެފަހަރު ސުޒޭން އެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ، ހާއްސަކޮށް ގައުމީ ޓީމު ޑިސިޕްލިން ކުރުމަށް ޓީމުގެ މެނޭޖަރު މަސައްކަތް ކުރުމުން ކަން ހިނގި ގޮތުގެ ކުޑަ މިސާލެކެވެ. މީގެ އެތައް ބައިވަރު މިސާލެއް ނެގިދާނެ އެވެ. އޭރު އާމިރަށް އެހީތެރިވާނެ މީހެއް އެފްއޭއެމް އަކުން ނުވި އެވެ. އިސްލާހު ކުރަން އުޅުމުން، އޭނާގެ މައްޗަށް ތިއްބެވި ވެރިންނާއި ޓީމުގެ ހެޑް ކޯޗުގެ އެއްބާރުލުމެއް ނުލިބުނެވެ.

ފަސް އަހަރު ފަހުން ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި އަލީ އަޝްފާގް (ދަގަނޑޭ) އިހަށް ދުވަހު ޓީމުން ވަކި ކޮށްފި އެވެ. އަޝްފާގް ޓީމުން ވަކި ކުރީ އެކަމުގައި މަގުބޫލު ސަބަބުތަކެއް ހުރުމުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އަންނަނީ ވަރަށް ފާޅުގައި ތަކުރާރުކޮށް ބުނަމުން އެވެ.

"ޕްރެސްއަށް ފަހު އަޝްފާގާ އަހަރެން ބައްދަލު ކުރިން އަހަރެމެން އެކަކު އަނެކަކަށް ބައްދަލުވުމުން ކޮނޑާ ކޮނޑު ޖައްސާ ސަލާމްވެސް ކުރިން އެ ބައްދަލުވުމުގައި އަހަރެން އަޝްފާގް ކައިރީ ބުނިން، މިހެން މިހެން ވެގެންނޭ އަޝްފާގް ބޫޓާން މެޗުގެ ސްކޮޑުން ބޭރު ކުރަނީ، އަހަރެން ބުނިން ކުޅުންތެރިންނާއެކު މާޗް 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އަޝްފާގް ވެސް ވަނީ ވައުދު ވެފައި ނޫންހޭ އަހަރެން ނިންމާ ނިންމުތައް ބަލައިގަންނާނެ ކަމަށް،" އަވަސް އަށް ދިން އިންޓަވިއުގައި ޝެގަޓް ބުނެފައި ވެއެވެ.

"މީގެ ފަސް އަހަރު ކުރިން އަޝްފާގް އާއި ނުވަތަ ޓީމުގެ އެހެން ސީނިއާ ކުޅުންތެރިންނާ މެދުވެސް ވެސް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތް ނަމަ އަޝްފާގާއި ޓީމުގެ ސީނިއާ އެހެން ކުޅުންތެރިންވެސް ގައުމީ ޓީމު ތަމްސީލު ކުރަން ކުރިއަށް ނިކުންނާނެ، ނަމަވެސް މިއިން އެއްވެސް ޒަމާނެއްގައި އެއްވެސް ކޯޗަކު ފިޔަވަޅު އަޅާފައި ނެތުމަކީ އަހަރެން ގަބޫލު ކުރާނެ ކަމެއް ނޫން."

ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ބަލާ، އަލީ އަޝްފާގް ޓީމުން ވަކި ކުރުމުން ގިނަ އަދަދެއްގެ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ހަމައެޔާއެކު ގައުމީ ޓީމް ޑިސިޕްލިން ކުރަން ޖެހޭ ކަމަށް ބުނެ ކޯޗްގެ ނިންމުމަށް ތާއީދުކޮށް ސާބަސް ދިން ބަޔަކު ވެސް އެބަ ތިއްބެވެ.

އަޝްފާގް އަށް އެޅި ފިޔަވަޅާ މެދު އެންމެ ހިތްހަމަ ނުޖެހި މީޑިއާގައި އެންމެ ބޮޑަށް ޝުއޫރުތައް ބަންޑުން ކޮށްލި އެއް ބޭފުޅަކީ ސުޒޭން އެވެ. ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމުސް އެވެ. ސުޒޭން އެންމެ ބޮޑު ކަންބޮޑު ވުމަށްވީ، ގައުމީ ކޯޗު، ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އަޝްފާގް އަށް މުހާތަބު ކުރި ބަސްމަގެވެ.

ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުނެފައި ވަނީ އަޝްފާގްގެ މެންޓަލް މެންޓަލް މައްސަލައެއް އޫޅޭ ކަމަށެވެ. ކޯޗު ދެއްކި ވާހަކަ ސުޒޭން މާނަކުރީ އަޝްފާގްގެ "މެންޓަލް ސިކް" ނުވަތަ ނަފުސާނީ ނުކުޅަދުންތެރި ކަމެއް ހުރި ކަމަށް ގައުމީ ކޯޗު ބުނި ކަމަށެވެ.

ކޯޗު ބުނި ވާހަކައިގެ މާނަ އޮޅުވާލުމަށް ސުޒޭން ކުރި ޓްވީޓް

"މެންޓަލް ސިކް" އާއި "މެންޓަލް ޕްރޮބްލަމް" އެއީ ތަފާތު ދޭއްޗެކެވެ. ހާއްސަކޮށް ފުޓްބޯޅައިގެ ބަސްކޮށާރުގައި "މެންޓަލް ޕްރޮބްލަމް" އަކީ އާންމުކޮށް ބޭނުން ކުރެވޭ ޓެކްނިކަލް އިބާރާތެކެވެ. ދުނިޔޭގެ އެންމެ ތަޖުރިބާކާރު ކޯޗުން ބޭނުންކޮށް އުޅޭ ލަފުޒެކެވެ.

މި ސީޒަންގެ ސްޕެނިޝް ސްޕަ ކަޕުގެ ފުރަތަމަ ލެގް މެޗުގައި، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހި އޭނާ ރެފްރީގެ ބުރަކަށީގައި އަޅާ ކޮށްޕާލި އެވެ. ދެއްކި ރަތް ކާޑާއި، ރެފްރީއާމެދު އަމަލު ކުރި ގޮތުން ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރި އެވެ. އަދަބު މުއްދަތު ހަމަ ކުރުމަށް ފަހު ރޮނާލްޑޯ ކުޅެން ނިކުތެވެ. މިދިޔަ ސީޒަންގައި އޭނާ ދެއްކި ޖާދޫ ސީޒަންގެ ކުރީކޮޅުގައި ނުދެއްކުނެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން، ރޮނާލްޑޯގެ އޭރުގެ ހަލަތު ސިފަ ކުރީ އޭނާގެ "މެންޓަލް ޕްރޮބްލަމް" އެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލް މެޑްރިޑުން އަތުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބަލީވީ، ދެ ވަނަ ހާފުގައި ރެއާލުން ކާމިޔާބު ކުރި ތިން ލަނޑުންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފައި ވަނީ، ޗެމްޕިއަންސް ލީގް ފައިނަލުގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ "މެންޓަލް ޕްރޮބްލަމް" އުޅުނު ކަމަށެވެ. އެލެގްރީ އަކީ ޔޫރަޕްގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރެއިން އެއް ކޯޗެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާ ކާރު ކޯޗަށް "މެންޓަލް ޕްރޮބްލަމް" މާނަ ކުރެވުނީ "ނަފުސާނީ ބަލިމަޑު ކަމެއް"ގެ ގޮތުގައެވެ. ޕަބްލިކަށް އޭނާ ވިސްނައި ދޭން ބޭނުންވީވެސް އެ މާނަ އެވެ. ރޮނާލްޑޯގެ މިސާލު ދައްކައި ސުޒޭން އާ ސުވާލު ކުރީ އަޅުގަނޑެވެ. ގައުމީ ކޯޗު ބުނި ވާހަކަތަކުގެ ތެރެއިން ސުޒޭން ހިތްހަމަ ނުޖެހެނީ "މެންޓަލް ޕްރޮބްލަމް" މި އިބާރާތް ތޯ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން އެހެން ބުނާއިރު ކޯޗު އެހެން ބުނުމުން މައްސަލަ އުފައްދަން އޮތް ސަބަބަކީ ކޮބައިތޯ އެވެ. ނަމަވެސް އެ ސުވާލަށް އެކަށޭނެ ޖަވާބެއް އޭނާ ނުދެވެ އެވެ. ސުވާލުގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލަން އޭނާ މަސައްކަތް ކުރީ އެވެ.

"އަޝްފާގްގެ މެންޓަލީ މައްސަލައެއް އުޅޭ ކަމަށް އޭނަ [ގައުމީ ކޯޗު] އެ ފާހަގަ ކުރަނީ، އިންޑިއާގެ ޗެމްޕިއަން (ޓީމު) ކޮޅަށް ތިން ލަނޑު ޖެހީމަ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ސުޒޭން ޖަވާބު ދިނެވެ. "އެއީ އެ ދޭތެރޭގައި އިތުރު ކަންތައްތަކެއް ހިނގާފައި ގޮސްފައެއް ނެތް އާންމުކޮށް އަޝްފާގް ނުކުރާ ކަމެއް، އެހެންވީމަ އަޅުގަނޑު އެކަން މި ފާހަގަ ކުރަނީ."

ގައުމީ ކޯޗުގެ ވާހަކަތަކަށް ރައްދު ދެމުން ސުޒޭން ވަނީ ޝެގަޓް ނިސްބަތްވާ ސަރަހައްދާއި އަދި ގައުމާ ގުޅުވައި އޭނާ އަކީ ރަނގަޅު މީހެއް ނޫންކަން ސިފަ ކޮށްދޭން މަސައްކަތް ކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ރާއްޖެ އަދި މިހެން އޮތްކަމުގައި ވިޔަސް ޔޫރަޕްގެ ބައެއް ގައުމުތަކަކީ، މިސާލަކަށް ޔޫގޮސްލޭވިއާ ތަންތަނަކީ ވަރަށް ސްޓްރެސްގައި އިންސާނުން ދިރިއުޅެފައި ހުރި ގައުމު، އެ ގައުމުތައް ބައިބައިވެގެން ގޮސް އެކި ނަންނަމުގައި ކުދި ކުދި ގައުމުތައް އުފެދިގެން، އެތަންތަނުން އަންނަ ބައެއް މީހުންގެ ވަރަށް ސްޓްރެސް ހުންނާނެ، އެކަމަކު އޭތި އަޅުގަނޑުމެންގެ ފުޓްބޯޅައަށް، އަޅުގަނޑުމެންގެ ރާއްޖެއަށް އޭތި ގެނައީމަކަ އެއްގޮތަކަށްވެސް ކަމަކު ނުދޭ." ކޮރޭޝިއާ އަށް ނިސްބަތްވާ ޝެގަޓަށް ނިސްބަތްކޮށް ސުޒޭން ބުންޏެވެ.

މީހާ ނިސްބަތްވާ ގައުމަކުން، ނުވަތަ ސަރަހައްދަކުން އެމީހާ ނިސްބަތްވާ ރަށަކުން އެމީހަކު ނުބައިވެ ގޯސް ވާކަމަށް ސިފަ ކޮށްދިނުމަކީ، އިންސާނީ ކަރާމާތަށް މަލާމާތް ކުރުމެވެ. މިއީ ފީފާ އާއި ބައިނަލްއަގްވާމީ ފުޓްބޯޅަ އޮގަނައިޒޭޝަންތަކުން އެކަންކަން ނުކުރުމަށް އިންޒާރު ކޮށްފައިވާ ކަންކަމެވެ. އަސްލު މައްސަލަ ބާއްވާފައި އިންސާނުންގެ ހުރުމަތަށް އިހްތިރާމު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫނެވެ. ކަންބޮޑުވާ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކައި އެކަމެއް ބަދަލު ކުރަން މަސައްކަތް ކުރަންވާނީ ބުރަދަން ހުރި ސަބަބުތަކުގައި ހިފައިގެންނެވެ. އަނެކުންގެ ކަރާމާތަށްވެސް އިހްތިރާމު ކުރަމުންނެވެ. މައްސަލައިގެ އަސްލު މައުލޫއަށް ވާހަކަ ދައްކަން ވާނެ އެވެ.