އެސްޓީއޯ މާލޭ ލީގުގައި ފަހު ވަގުތު އާދަމް އިޝާމް (ސަން) ޖެހި ލަނޑާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދައިފި އެވެ.
މިނަތީޖާ އާއެކު ވިކްޓްރީ ވަނީ ހަ ޕޮއިންޓް ހަމަކޮށް ފަސް ވަނަ މަގާމަށް ޖެހިލާފަ އެވެ. ގްރީން ހަވަނަ މަގާމަށް ވެއްޓުނުއިރު އެޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މެޗުގައި ގްރީންގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އޮފިޝަލުން ވަނީ ރެފްރީންގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. މެޗުގެ ރެފްރީއަކަށް ލިސްޓުގައި މުހައްމަދު ޖާވިޒް ޖަހާފައިވަނިކޮށް އޭނާގެ ބަދަލުގައި އަސްލަމް އެރުވިއިރު އެކަން ނޭގޭ ކަމަށް ބުނެ މެޗަށްފަހު ގްރީންގެ އޮފިޝަލުން ވަނީ މައްސަލަ ޖައްސާފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގްރީން އެވެ. 11 ވަނަ މިނިޓުގައި ވިކްޓްރީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުން ގޯލްގެ ދުރު ކަނަށް ވައްދާލީ ސޮބޮލް އިލިއާ އެވެ.
ގްރީންއަށް ފުރަތަމަ ހާފުގައި ނަތީޖާ އިތުރަށް ފުޅާކޮށްލުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް ސޮބޮލް އިލިއާ ފޮނުވާލި ބާރު ހަމަލާ ވިކްޓްރީ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފުގެ 60 ވަނަ މިނިޓުގައި ވިކްޓްރީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބިދޭސީ ފޯވާޑް ޕެޑްރޯ ފުނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ވިކްޓްރީއިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އޭންޖެލް މުނޯޒް ފޮނުވާލި ހިލޭ ޖެހުން ގޯލްގެ ތެރެއަށް ވަނީ ގްރީންގެ ކީޕަރު ހިފި ބޯޅަ އޭނާ އަތުން ދޫވުމުންނެވެ.
ވިކްޓްރީއިން ލީޑު ނަގައި ނަތީޖާ 1-2 ބަދަލުކޮށްލީ މެޗުގެ 86 ވަނަ މިނިޓުގަ އެވެ. އަރިމަތިން ނަގައިދިން ހުރަސް ގްރީންގެ އޭރިއާ ތެރޭގައި ފެނު ޖެހިފައި ނުކުތް ބޯޅަ އިޝާމް އެއްފަހަރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.