ކުޅިވަރު

ފަސޭހަކޮށްލައިފިނަމަ މާޒިޔާއަށް ދެރަ ލިބޭނެ: އިންމާ

ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭއިރު، މެޗު ފަސޭހަ ކޮށްލުމުގެ ވިސްނުމެއް މާޒިޔާގެ ކުޅުންތެރިންނަށް ގެންގުޅެވިއްޖެނަމަ، އޭނާގެ ޓީމަށް ދެރަ ލިބޭނެ ކަމަށް މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މާލޭ ލީގްގައި، މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އިންމަ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޔޫވީ ބަލިވެފައި ވީނަމަވެސް، އެ ޓީމުން ވަރަށް ރަނގަޅަށް ޑިފެންސް ކުރި ކަމަށެވެ. އެއީ މާޒިޔާއިން ސަމާލުވާން ޖެހޭނެ ކަމެއްކަން އިންމަ ފާހަގަ ކުރި އެވެ.

މިދިޔަ މަހު ގައުމީ ޓީމަށް ލީގް މެދުކަނޑާލުމަށްފަހު، މިއަދުގެ މެޗަކީ މާޒިޔާ ކުޅޭ ފުރަތަމަ މެޗެވެ. އިންޓަނޭޝަނަލް ބްރޭކުގައި އެންމެ ބޮޑަށް ވިދާލީ، ބޫޓާން އާ ދެކޮޅަށް ހަތަރު ލަނޑު ޖެހި މާޒިޔާގެ ފޯވަޑް ނާއިޒު ހަސަން (ދާދު) އެވެ.

ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑަށް ދާދު ނަގާފައެއް ނުވެ އެވެ. އޭނާ އަށް ފުރުސަތު ދިނީ ސިންގަޕޫރު މެޗަށް ފަހު އެވެ.

ސީޒަންގެ ކުރީ ކޮޅު އޭނާ އަށް ރަނގަޅަށް ނުކުޅެވުނެވެ. އިންމާ ބުނީ އޭރު ދާދު ކޮންމެވެސް ވަރަކަށް ބަލިވެ އުޅުނު ކަމަށެވެ. ނަމަވެސް އޭގަ ފަހުން ވެސް ގައުމީ ޓީމަށް ޖާގަ ހޯދައި ފުރަތަމަ 11 ގައި ކުޅޭ ހަތަރު ލަނޑު ޖެހުމުން އޭނާ އަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އެ ހިތްވަރާއެކު މާޒިޔާގައިވެސް އެ ތަފާތުން ފެންނަނާނެ ކަމަށް އިންމަ އުންމީދު ކުރި އެވެ.

ސިންގަޕޫރު މެޗަށް ގައުމީ ޓީމަށް ނުހިމަނައި، ބޫޓާން މެޗުގައި ޓީމުގައި ހިމެނުމުން އެކަމާބެހޭގޮތުން، ސުވާލު ކުރުމުން އިންމަ ބުނީ ގައުމީ ކޯޗް ފުރަތަމަ ސްކޮޑު ނެގީ އޭނާ އަމިއްލަ އަށް ނޫން ކަމަށް ބުނެފައިވާ ކަމަށާއި، އޭރު އޭނާ އަށް ދާދު ފާހަގަ ނުވުމުން އޭރު ސްކޮޑަށް ނުނެގީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

ޔުނައިޓަޑް ވިކްޓަރީން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، އެޓީމުން ދެއްކި ކުޅުން ރަނގަޅެވެ. ޔޫވީގެ ކޯޗު ނަޒީހް އޭނާގެ ޑިފެންސް އަތުރާލީ ނިއުގެ ފޯވަޑްލައިންއަށް އުނދަގޫ ކުރިމަތި ވާނެ ގޮތަށެވެ. ނަޒީހް ބުނީ، ނިއު އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ސްޓައިލަށް ކުޅުނު ނަމަވެސް މާޒިޔާއާ ދެކޮޅަށް ތަފާތު ވާނެ ކަމަށެވެ.

އޭނާ ބުނީ ނިއު އާ ދެކޮޅަށް ޓީމު އަތުރާލީ، އެ ޓީމުގެ ސްޓައިލަށް ބަލާފައި ކަމަށާއި މާޒިޔާގެ ސްޓައިލް ތަފާތު ވުމުން އެޓީމާ ދެކޮޅަށް ކުޅެން ޖެހޭ ގޮތް ތަފާތު ވާނެ ކަމަށެވެ.