ކުޅިވަރު

ޓީސީ އާއި އީގަލްސްއަކީ އެއްކަހަލަ ދެ ޓީމު: ނިޒާމް

ޓީސީ އާއި ކުލަބު އީގަލްސްއަކީ އެއްކަހަލަ ދެ ޓީމު ކަމަށާއި ދެ ޓީމުގެ ސްޓްރައިކިން ފޯސް އަކީވެސް އެއްވަރެއްގެ ދެ ސްޓައިކިން ފޯސް ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ނިޒާމު ބުނީ، އީގަލްސްއިން އެންމެ ފަހުން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އީގަލްސް އެޑްވާންޓޭޖު ނެގީ އެ ޓީމުގެ ހަލުވި ކުޅުންތެރިންގެ ސްޕީޑް ބޭނުން ކޮށްގެން ކަމަށެވެ. އެކަމާ ޓީސީން ވެސް ސަމާލު ވާނެ ކަމަށެވެ.

މާލޭ ލީގްގައި، މިރޭ ޓީސީ ނިކުންނާނީ އީގަލްސް ދެކޮޅަށެވެ. ނިޒާމް ބުނީ، މިދިޔަ އަހަރުވެސް އެ ދެ ޓީމު ކުޅުނު މެޗުތައް ފޯރި ގަދަ ކަމަށާއި މިރޭގެ މެޗުވެސް ވަރުގަދަ ކުރިމަތި ލުމަކަށް ވާނެ ކަމަށެވެ.

"ނިއު ރޭޑިއަންޓް މެޗުގައި އީގަލްސް އެޑްވާންޓޭޖު ނަގާފައި ވަނީ އެމިހުންގެ ކައިރީގައި އެތިބަ ކުޅުންތެރިންގެ ހަލުވި ސްޕީޑުން، އެހެންވީމަ ހަމަ އެޔަށް ސަމާލު ވާން ޖެހޭނެ ޓީސީން ވެސް،" ނިޒާމް ބުންޏެވެ.

"ހަމަ އެޔާއެކު އެކީގައި ޓީސީގެ މިއޮތް އެޓޭކިން ފޯސްއަކީވެސް ވަރަށް ސްޕީޑީ ސްޓްރައިކިން ފޯސް އެއް، ގާތްގަނޑަކަށް އެއްކަހަލަ ގޮތަކަށް ދެ ޓީމުވެސް ބައްޓަން ވެފައި މިއޮތީ، އެހެންވީމަ ޖެހެނީ ވަރަށް ސަމާލުވެގެން ކޮންމެ މިނެޓަކީ، ކޮންމެ ސިކުންތަކީ ކޮންމެ ފަދަ ގޮތަކަށްވެސް ކަންތައް ވެދާނެ ކަހަލަ ގޮތަކަށް ސަމާލުވެގެން، ކޮންމެ ސިޓްއޭޝަނަކަށް ވެސް ރެޑީ ވެގެން ނިކުންނަން ޖެހޭނީ."

މިދިޔަ ސީޒަން ޓީސީ ނިންމާލީ ޑިސެމްބަރު މެދު ތެރޭގަ އެވެ. އޭއެފްސީ ކަޕް ކޮލިފައިން އަށް ތައްޔާރު ވާން، އެ ޓީމުން ޖަނަވަރީ ފަހެއްގައި އަލުން ދަނޑަށް ނިކުތެވެ. އޭގެ ފަހުން ޓީސީއަށް ބްރޭކެއް ލިބުނީ މިދިޔަ މަހު އައި އިންޓަނޭޝަނަލް ބްރޭކަށް ގައުމީ ޓީމަށް ލީގް މެދު ކަނޑާ ލުމުންނެވެ. ނިޒާމް ބުނީ ލީގް މެދުކަނޑާލި ވަގުތަކީ ޓީސީގެ ކުޅުންތެރިންނަށްވެސް މިދިޔަ އަހަރުގެ ކުރިމަތިވި ލޮނޑުކަން ފިލުވާލަން ލިބުނު ވަގުތު ކޮޅެއް ކަމަށެވެ. ނިޒާމު ވަނީ ބްރޭކުގައި ކުޅުންތެރިންނަށް ހަފުތާއެއްގެ ބްރޭކެއް ދީފަ އެވެ.

އޭނާ ބުނީ، ބްރޭކުގެ ބޭނުން ރަނގަޅަށް ހިފުނު ކަމަށާއި ދަނޑުމަތީގައި އެކަންން ފެނިގެން ދާނެ ކަމަށެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިމާދު (ނިމާ) ބުނީ އީގަލްސްގެ އެޓޭކުތައް ވަރުގަދަ ވިޔަސް ބައިކޮޅަށް ވަންނަ ލަނޑު މަދު ކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އޭނާ ބުނީ ޓީމުގެ ޕްރެކްޓިހުގައިވެސް، އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

އޭނާ ވެސް ބުނީ އީގަލްސް އާއި ޓީސީގެ ކުރިމަތިލުން ތަކަކީ ފޯރިގަދަ މެޗުތަކެއް ކަމަށެވެ.