ހޮލީވުޑް

އެންމެ އަގުބޮޑު ސީރީޒްއަކަށް ''ލޯޑް އޮފް ދަ ރިންގްސް"

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭ.އާރ.އާރު ޓޮލްކީންގެ ވާހަކަ ސީރީޒެއްކަމުގައިވާ "ލޯޑް އޮފް ދަ ރިންގްސް"، ޓީވީ ސީރީޒްއަކަށް ހެދުމުގެ ރައިޓްސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެމެޒޯން އިން ގަނެފަ އެވެ. ހޮލީވުޑް ރިޕޯޓާއާއި ހަވާލާދީ ދަ ވާޖްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނާގޮތުން މިޝޯގެ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާއި ދުވަހުގެ ތެރޭގައި ފެށިގެން ދާނެ އެވެ.

ސްޓްރީމިންގެ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ނެޓްފްލިކްސްއާއި ވާދަކޮށް މިދިޔަ އަހަރު އެމެޒޯން އިން ލޯޑް އޮފް ދަ ރިނގްސް ފޮތްތަކުގެ ރައިޓްސް ޑީލް ކާމިޔާބުކުރީ 250 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޑެއް ހުށަހަޅައިގެންނެވެ.

ޓްރޭޑް އެނަލިސްޓުން އަންދާޒާކުރާގޮތުގައި މި ސީރީޒް އުފެއްދުމަށްޓަކައި އެމެޒޯން އިން އެއް ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެ އެވެ. އެހެންކަމުން ލޯޑް އޮފް ދަ ރިންގްސް ވެގެން އަންނަނީ އެމެރިކާގެ ޓީވީ ސީރީޒްތަކުގެ ތާރީހުގައި އުފައްދާނެ އެންމެ ބޮޑު ސީރީޒްއަށެވެ.

މި ސީރީޒް އަގު ބޮޑުވާ އެއް ސަބަބަކީ ފޮތްތަކާއި ފިލްމު ފްރެންޗައިޒްގެ ރައިޓްސް ގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. މީގެ އިތުރުން މި ސީރީޒްއަކީ ފެންޓަސީ ސީރީޒްއަކަށް ވުމުން ވީ.އެފް.އެކްސް ނުވަތަ ކޮމްޕިއުޓާ ގްރެފިކްސްއަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ.

ފަސް ސީޒަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި ސީރީޒް ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އުފައްދާފައިވާ އެންމެ އަގު ބޮޑު ސީރީޒްއަކީ ނެޓްފްލިކްސްގެ މަޝްހޫރު "ދަ ކްރައުން" އެވެ. އެ ސީރީޒްގައި ސީޒަނަކަށް މަދުވެގެން 100 މިލިޔަން އެމެރިކާ ޑޮލަރު ނެޓްފްލިސްއިން ހޭދަކުރެ އެވެ. އެންމެ އަގުބޮޑު ސީރީޒްގެ ފަހުރު ލޯޑް އޮފް ދަ ރިންގްސް މި ކަށަވަރުކުރީ ބޮޑު ފަރަގަކާއެކުގަ އެވެ.