ކުޅިވަރު

ޓީސީ އަތްދަށުވެ އީގަލްސްއަށް ހުއްޓުމެއް

މާލޭ ލީގްގައި، ރަނގަޅު ޓްރެއްގައި ދަމަހައްޓަމުން އަންނަ އީގަލްސްއާ ދެކޮޅަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީން އީގަލްސްއަށް ހުއްޓުމެއް ގެނެސްފި އެވެ.

މާލޭ ލީގްގައި ކުރިން ކުޅުނު ހަތަރު މެޗުގައިވެސް، އީގަލްސް ވަނީ ޕޮއިންޓް ހޯދާފަ އެވެ. މިދިޔަ އަހަރު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވި ފަހުން ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކުރަމުން އައި ނިއު ރޭޑިއަންޓްގެ ރޭސްވެސް ހުއްޓުވީ އީގަލްސްއިންނެވެ. ނިއު އާ ދެކޮޅަށް އީގަލްސް އެއް ޕޮއިންޓް ހޯދި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) ބުނެފައި ވަނީ އީގަލްސް ވަންނަ ގޯލްތައް މަދު ކުރުމަށް އެ ޓީމުން އިސްކަން ދޭނެ ކަމަށެވެ. ނަމަވެސް ޓީސީއާ ދެކޮޅަށް އީގަލްސްއަށް އެކަން ނުހުއްޓުވުނެވެ.

ފުރަތަމަ ލީޑް ނެގީވެސް ޓީސީންނެވެ. އެ ޓީމުގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އަނަޓޮލީ އެވެ. އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީވެސް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މި ސީޒަންގައި ލަނޑު ޖެހުމުގައި ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑްއާޑޯ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޓީސީން ލީޑް ނެގި އެވެ. މެޗުގެ 38 ވަނަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ އއ. މާޅޮސް ޓީމުން މިދިޔަ އަހަރު ވިދާލި އަހްމަދު އާރިފް (އާރީ) އެވެ.

ދެ ވަނަ ހާފުގައި އީގަލްސްއިން އަލުން ނަތީޖާ ހަމަހަމަ ކުރީވެސް ލިބުނު ޕެނަލްޓީ އަކުން ލުއިޒް އެޑްއާޑޯ އެވެ. އެއީ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓް ގައެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅު ޓީސީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. އެއީ މެޗުގެ 77 ވަނަ މިނެޓްގައި، އަނަޓޮލީއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކަޑު ދެއްކުމުންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ޓީސީގެ ކިބައިން އޭގެ އަސަރެއް ނުފެނުނެވެ. އޭގެ ފަސް މިނެޓް ފަހުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ޓީސީ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.