މެންޗެސްޓާ ސިޓީއިން ލީގު ކާމިޔާބުކުރަން އޮތް ފުރުސަތަށް ވާދަވެރި ޔުނައިޓެޑުން ހުރަސްއަޅައިފި އެވެ. ފުރަތަމަ ހާފު 0-2 ކުރީގައި އޮވެ ސީޓީ ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ފަހަތުން އަރާ ތިން ގޯލް ޖަހާފަ އެވެ.
ސިޓީގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދަދިނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބޮލުން ވައްދާލި ބާރު ބޯޅައާއެކު އެވެ.
މެޗްގެ 31 ވަނަ މިނިޓުގައި ގުންޑްގާން ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްލި އެވެ. ޔުނައިޓެޑުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކާރިވި ޑިފެންޑަރު ކާރިން ނައްޓާލުމަށްފަހު ގުންޑްގާން ފޮނުވާލު ބޯޅަ އަމާޒުވީ ގޯލްގެ ދުރު ތިރީ ކަނަށެވެ.
ނަމަވެސް ދެވަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުގެ ފަރާތުން ސިޓީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއަކަށްވީ ހަތަރު މިނިޓު ތެރޭގައި ޕޯލް ޕޮގްބާ ދެލަނޑު ޖަހާ ޔުނައިޓެޑް އަލުން މެޗުގެ ތެރެއަށް އަނބުރާ ގެނައުމެވެ.
ޕޮގްބާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 53 ވަނަ މިނިޓުގަ އެވެ. އަރިމަތިން އެލެކްސިސް ސަންޗޭޒް ނަގައިދިން ހުރަހަކުން މަޓިޗް މެއިން ތިރިކޮށްލި ބޯޅަ ސާފުކޮށްލަން ކޮމްޕެނީ މަސައްކަތް ކުރި ނަމަވެސް އޭނާގެ ފައިގައި ލައްވާނުލާ ދިޔަ ބޯޅަ ލިބުނީ ޕޮގްބާއަށެވެ. ޕޮގްބާ ވަނީ އެބޯޅަ ދުވެފައި ނިކުތް ސިޓީގެ ކީޕަރު އެޑަސަން ބޯމަތިން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ސަންޗޭޒް ސީޓީ ޑިފެންޑަރުން ބޯމަތިން ހިއްލާލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ޕޮގްބާ ޖެހި ލަނޑެކެވެ.
އޭގެ ފަހުން 69 ވަނަ މިނިޓުގައި ޑިފެންޑަރު ކްރިސް ސްމޯލިން ޖެހި ލަނޑާއެކު މެޗު ޔުނައިޓެޑު ކޮޅަށް އެނބުރިގެންދިޔަ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ސަންޗޭޒް ނެގި ހުރަސް ސްމޯލިން ގޯލްގެ ތެރެއަށް ވައްދާލީ ފުއްމައިގެން އަރާ ފައިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑުން މެޗުގައި ޖެހި ތިން ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ސަންޗޭޒްގެ ދައުރު ބޮޑެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް ސިޓީއަށް ރަނުގެ ދެފުރުސަތު ލިބުނެވެ. މިގޮތުން ސާޖިއޯ އަގުއޭރޯ ބޮލުން ފޮނުވާލި ހަމަލާ ޑެހެއާ ދިފާއުކުރި އިރު ރަހީމް ސްޓާލިންގެ ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.