(5 އެޕްރީލް 2018 އާ ގުޅޭ) -- "އޭނާ ބަނޑަށްތަދުވާތީ އެ އުޅެނީ. ދެން ފިހާރަށް ދާން ބޭނުންވާ ވަހަކަ ބުނީމަ އަހަރެން ބުނީ މިރޭ ގެންދާނަމޭ... އިތުރު ސުވާލެއް" ރާދިން ބުނެލިއެވެ. އަރްސަލް ބޯހޫރުވާލުމުން ކުރަން އުޅުނު މަސައްކަތަށް ރާދިން އެނބުރިލިއެވެ.
"އަހަރެން އޭނާ ގޮވައިގެން ދާނީ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ.
"އެ ކީއްކުރަން އަރްސަލް އޭނާ ގޮވައިގެން ދަނީ. އަހަރެން މި ބުނީނު އަހަރެން ހިނގައިދާނަމޭ. އެހެންނޫނަސް އަހަރެން ގާތުގައި ދޯ ނިމްރާ އެ ބުނީ" ރާދިން ލެޕްޓޮޕްގެ އިސްކުރީނުން މައްޗަށް ބޯހިއްލާލާ އަރްސަލްއަށް ބަލާލަމުން ބުންޏެވެ.
"އަހަންނާއެކު ދިޔަޔަސް އޯކޭ ވާނެއެއްނު" އިރުކޮޅަކު އިނދެލާފައި އަނެއްކާ ވެސް އަރްސަލް ބުނެލިއެވެ.
"ތިއުޅެނީ އޭނާއަށް ޖެއްސުމެއްކޮއްލާ ހިތުން ދޯ" ކުރުނުކޮށް އަރްސަލް ކިޔާވަރުން ރާދިން ބުނެލިއެވެ.
"ޖެއްސުމެއްކުރިއްޔާ ވާނީ ކީއް؟" އަރްސަލް އެއްމިޔަކަނުން ހިނިތުންވެލަމުން ކޮފީތަށި ނަގާ އެތި ފޮދެއް ބޯލިއެވެ.
"އަރްސަލް ފޫހި ފިލުވަންތަ އެ އަންހެންކުއްޖާ ގެނެސްގެން ތި އުޅެނީ... ތިހެން އުޅެފައި އޭނާއަށް އަނިޔާއެއް ނުކުރައްޗޭ. އަބަދު ރުޅި އެރުވުމަކީ ވެސް ރަނގަޅުކަމެއްނޫން ދޯ. މިއަދު ތި ދެ މީހުން އުޅުނު ގޮތް އެނގޭތަ. އެ އަންހެންކުއްޖާގެ ގަޔަށް އަރައިގަންނަން ތައްޔާރަށް ހުރިހެން އަރްސަލް ހީވީ. ނޭނގޭތަ އެއީ އަންހެންކުއްޖެއްކަމެއް. އަހަރެން ބޭނުމެއްނޫން އިރުއިރު ކޮޅާ ލޫންގެ ވާހަކަދައްކާކަށް... އޭނާގެ މަތިން ހަނދާންކޮއްދޭކަށް ވެސް... އެކަމަކު... ލޫންއާ އެއްކޮށް އުޅުނު އަރްސަލްއެއްނޫން ތީ މިހާރު" ރާދިން ވެސް އިރުކޮޅަކަށް ކުރަން އިން މަސައްކަތް ހުއްޓާލައި އަރްސަލްއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ.
"ލޫންއެއް ނެތެއްނު... ރަތްޖިންނި އެ ހުރީ އޭނާ ކާލައިގެންނު. އެވަރުގެ މީހަކަށް އަހަރެން ކީއްކުރަން ރެސްޕެކްޓް ކުރަންވީ... އަހަރެން ރުޅި އަންނަން ހައްޤެއްނު، އޭނާއަށް ކުރެވުނު ކުށް ހަނދާންނެތިގެން ނުވާނެ. އެހެންވިޔަކަ ނުދޭނަން. ކޮންމެ ދުވަހަކު އޭނާއަށް އެކަމުގެ ސަޒާ ލިބެންޖެހޭނެ. އަހަރެން ބަދަލުވާންޖެހުނީ އޭނާގެ ސަބަބުން... އަހަރެން ބޭނުން ގޮތެއް އޭނާއަށް ހަދާނީ. ޖެހިޔަސް، ބަނދެފައި ބޭއްވިޔަސް، އެލުވާފައި ބޭއްވިޔަސް، އޭނާ ޖެހޭނީ އެގޮތާ ރުހިގެން އުޅެން. ރާދުއަށް އޭނާގެ ގޮތް ނޭނގެނީ. އޭނާ އެހެން ހުއްޓަސް ވަރަށް މަކަރުވެރި" އަރްސަލް ބުނެލިއެވެ.
"ލުކް އެޓް ޔޫ... އަރްސަލްއަށް ހީވާ ގޮތް އެއީ ކޮންމެ ފަހަރަކު ރަނގަޅުގޮތަށް ނުވެދާނޭ އަހަރެން ނުބުނަންތަ. އެ އަންހެންކުއްޖާ ކިތަންމެ ފޮރުވަން އުޅުނަސް އޭނާގެ މޫނުމަތިން ހުރިހާ ކަމެއް ފެންނަން ހުރޭ... ޔަގީނުން ވެސް އޭނާއަކީ ގޭގައި މަސައްކަތެއް ކޮށްގެން ބޮޑުވެފައި ހުރި އަންހެންކުއްޖެއްނޫން. ބަޔަކު ލޯބިން ގެންގުޅުނީމަ އެހެންވާނީ... އެކަމަކު އޭނާ މިއަދުގެ ހާލަތާމެދު ކެތްތެރިވާތަން އަހަރެން ދުށިން. އޭނާއަށް އެނގޭ ގޮތަކަށް ކަންކަން ކުރަން މަސައްކަތްކުރޭ. ހާލަތު ބަދަލުކުރަން އޭނާ ބޭނުންވާކަން އަހަންނަށް އެނގޭ. އޭނާގެ ހާލަތާއި މަޖުބޫރުކަން އަރްސަލްއާ ހަމައަށް އޭނާ ގެނުވީ... އޭނާއަކީ ބޮޑާ ކިބުރުވެރި އަންހެންކުއްޖެއްނޫން. މިއަދު އޭނާގެ ޢާއިލާ މީހަކުހާ ހިސާބު ވެސް ނެތްކަން އަރްސަލްއަށް ފާހަގައެއްނުވޭތަ؟... ރައްޓެއްސަކު ހުރި ނަމަވެސް އެހީތެރިވެދޭނެ... އެވަރުގެ މީހަކު ވެސް އޭނާގެ ދިރިއުޅުމުގައި ނެތީތީ އަހަރެން އަޖައިބުވޭ. އޭނާ އަދި ވަރަށް ޅަ... އެކަމަކު އެކަހެރި ދިރިއުޅުމެއް އުޅޭތަން ފެންނަނީ. ކުރީން އަހަރެން ހިތަށް ނޭރިޔަސް މިހާރު އަހަރެން ބޭނުން އޭނާއަށް އެހީވާން. ގޮތް ހުސްވެފައި ހުރި އަންހެންކުއްޖަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނޭކަން އެނގޭތީ އަރްސަލްގެ ނިންމުމާ އަހަރެން ދެކޮޅު ނުހެދީ. ޑޯންޓް ބްރޭކް ހާ އަރްސަލް... އޭނާގެ ދިރިއުޅުމުގައި ކަން ހިނގައިފައި އޮތް ގޮތެއް އަހަރެމެންނަށް ކިހިނެއް އެނގެނީ. މީހާގެ ހަޤީޤަތް ނޭނގި އޭނާއަކީ ކޮންކަހަލަ މީހެކޭ ބުނެވިދާނެތަ؟... އަޅާލާނޭ މީހަކުނެތިފައި އެހީއަކަށް އެދޭނޭ މީހަކު ނެތުމަކީ ވަރަށް ހިތްދަތި އިހުސާސެއް. އިންސާނަކަށްވެ ފުރާނަ ހުރިހާ ހިނދަކު ދިރިހުންނަން މަސައްކަތް ކުރުމަށް ޓަކައި މި ދުނިޔެއާ ކުރާ ހަނގުރާމައަކީ ވޭނުންފުރިގެންވި ހަނގުރާމައެއް. އަހަރެން ކިތަންމެ ކުޑަޔަސް އަހަރެން ހަނދާނެއްނުނެތޭނެ ބައްޕަ އަހަރެން ގެނައުމުގެ ކުރީން ރަށުގައި އަހަރެން އުޅުނު ގޮތް... އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން ބައްޕަ ފަދަ މާތް އިންސާނަކު އަހަރެން ކަހަލަ މީހަކަށް ދަރިއެއްގެ މަޤާމު ދީ ދުނިޔޭގެ ދިރިއުޅުން ފަސޭހަކޮއްދިނީތީ. އެއީ އަހަރެންގެ ހަޤީޤީ ބައްޕައަށް ނުވިޔަސް ބައްޕައޭ ގޮވާލަނީ ފަހުރުވެރިކަމާއެކީ. އަހަންނަށް ﷲ ލެއްވި ހާދަ މަތިވެރި ނިޢުމަތެކޭ އެއީ" ރާދިންގެ ވާހަކަތަކުގެ މިސްރާބު ދިޔަ ދިމާ އަރްސަލްއަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ.
"އެހެންވެގެންތާ ޢާއިލާގެ އެންމެ ދޮށީ ކުއްޖާއަށް ރާދު ވީ... އެކަމަކު ދެން ތި ވާހަކަ ނުދައްކާ. އަހަންނަށް އޯކޭ ރާދު ދިޔަޔަސް އެ ރަތް ޖިންނި ގޮވައިގެން. އެކަމަކު ބުނަން... އޭނާދެކެ ލޯބި ނުވައްޗޭ... އޯކޭ... އެކަމާ ދެން އިތުރު ވާހަކައެއްނުދައްކާ މި މަސައްކަތް ނިންމޭތޯ ބަލަމާ" އަރްސަލް ލެޕްޓޮޕްއަށް ނަޒަރު ހުއްޓާލިއެވެ.
"އަހަންނަށް ވެސް ތިހެން ބުނެވިދާނެ ދޯ އަރްސަލްއަށް... އެހެންނޫނަސް ލޯތްބަކީ ގަޞްދުގައި ވެވޭ އެއްޗެއް ނޫނޭ" ކުޑަކޮށް ހީނލަމުން ރާދިން ބުނެލިއެވެ. އޭނާއަށް އަރްސަލް ވެސް ހިނިތުންވެލިތަން ފެނުނެވެ.
* * * *
ރޭގަނޑު އަށެއް ޖެހުމާއެކު ނިމްރާ ކޮޓަރިން ނުކުމެގެން އައެވެ. ކަޅުކުލައިގެ ސްކްނީ ޖީންސާއި އަސުރުމާ ކުލައާއި ކަޅުކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެންނެވެ. ކަކުލުން މައްޗަށް ހުރި ގަމީހުގެ ދޫކަމުން އެ ހަށިގަނޑުގެ ބައްޓަންތައް ވަކިކުރާކަށް ނޭނގެއެވެ. ދިގު އަތްކުރި އުޅަން ބޮއްޓާ ހަމައަށް އޮޅާލާ ހައްޔާރުކޮއްލެވިފައި ހުއްޓެވެ. އިސްތަށިގަނޑު ނިތްމަތިން ރަނގަޅުކުރަމުން ނިމްރާ ސިޓިންރޫމަށް ނުކުތެވެ.
"ދާންވީ ދޯ" މަސައްކަތުގައި ކޮފީ މޭޒު ދޮށުގައި އިން ރާދިން ބުނެލިއެވެ. އޭނާ ތެދުވުމާއެކު އަރްސަލް ވެސް ތެދުވިއެވެ. ރާދިން ސުވާލުގެ ނަޒަރަކުން އަރްސަލްއަށް ބަލާލިއެވެ.
"އަހަރެން ވެސް ދާނަން" އަރްސަލް ބުނެލިއެވެ. ރާދިންގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ.
އެޕާޓްމެންޓުން ނުކުމެ ލިފްޓަށް ތިން މީހުން އެރިއެވެ. ލިފްޓުގެ ވައަތްފަރާތު ބިތުގައި އަރްސަލް ލެނގިލައިގެން ހުއްޓެވެ. ބިއްދޮށުގައި ރާދިންއާއެކު ހުރި ނިމްރާއަށް އަރްސަލް ބަލާލީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އޭނާ ހުރީ އިސްޖަހާލައިގެންނެވެ. ލިފްޓު ހުއްޓި ދޮރުހުޅުވުމުން ރާދިން އިޝާރާތްކޮއްލީ ނިމްރާއަށެވެ. ދެ ޒުވާނުންގެ ކުރިއަށް ހުރެ ނިމްރާ ގެއިން ނުކުތެވެ.
"ހިނގާލާފައި ދާންވީނު" ކާރު ކައިރީގައި ރާދިން އައިސް ހުއްޓިލުމުން ނިމްރާ ބުނެލިއެވެ. އެއްވެސް ގޮތެއް ނެތިއްޔާ ނޫނިއްޔާ ނިމްރާ ދުއްވާ އެއްޗަކަށް އަރަން ބޭނުންނުވަނީއެވެ. އެކްސިޑެންޓުގެ މަތިން ހަނދާންކުރުވާ ކަމަކަށް އޭނާ ދުއްވާ އެއްޗަކަށް އެރުންވެއެވެ. ހާސްވެ ނޭވާލާން އުނދަގޫވާފަދަ ގޮތެއް އެކަމުގެ ސަބަބުން ނިމްރާއަށް ކުރިމަތިވެއެވެ. އެ އުނދަގޫތަކާ ކުރިމަތިނުލާ ވާން އޮތިއްޔާ އެގޮތެއް ޚިޔާރުކުރާން ނިމްރާ ބޭނުންވެއެވެ.
ރާދިންއާއި ނިމްރާ އެއްވަރަކަށް ހިނގަމުން އައިސް ފިހާރައަށް ވަންއިރު އަރްސަލް ހުރީ އެ ދެ މީހުންގެ ފަހަތުގައެވެ. އޭނާގެ ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައެވެ. ކައުންޓަރު ދޮށުގައި ބަރިއަކަށް ޖަހާފައި ހުރި ވަށިގަނޑުތަކުން ވަށިގަނޑެއް ނަގައި ނިމްރާއަށް ރާދިން ދިއްކޮށްލިއެވެ. އޭނާ އެ ހިފައިގެން ފިހާރައިގެ ހަރުތަކުގެ ތެރެއަށް ވަދެ ނިވާވިތަން ފެނުނެވެ. އޭނާގެ ފަހަތުން އަރްސަލް ހިނގައިގަތެވެ. ރާދިން ވެސް ވަށިގަނޑެއް ހިފައިގެން ފުރަތަމަ ވެސް ކައިރިވެލީ ޗޮކުލެޓު ހުރި ދިމާއަށެވެ.
ބޮޑީ ސްޕްރޭ ފުޅިއަކާއި އަދިވެސް ރީތިވާން ބޭނުންވާނޭ ސާމާނު ހުރި ހަރުގަނޑުން އެކި އެއްޗެހި ނަގަމުން ދިޔަ ނިމްރާއަށް އޭނާގެ ގާތުގައި އައިސް މަޑުކޮއްލި އަރްސަލް ފެނުމުން އުނދަގޫވިއެވެ. ތުންކޮޅަށް ހަދާލި ގޮތުންނާއި ދެބުމަ ގޮއްޖަހާލައިގެން ހުރި ގޮތުން އަރްސަލް ކުޑަކޮށް ހިނިތުންވެލިއެވެ. އޭނާ އައިސް ހަރުގައި ހުރި ފުޅިތަކުން ފުޅިއެއް ނަގައި ވަސް ބަލާލިއެވެ.
"މީރުވަސް ދުވާތަ؟" އަތުގައި އޮތް ފުޅީގެ މަތިގަނޑު ނިމްރާގެ ނޭފަތާ ކައިރިކޮއްލަމުން އޭނާގެ އުނަގަނޑުގައި ފަހަތުން އަރްސަލް އަތްޖައްސާލިއެވެ. އެއާއެކު އެއްލިގެން ދިޔަ މީހަކުހެން ނިމްރާ އަވަސްއަވަހަށް ދުރަށް ޖެހިލިއެވެ.
"ޕާވާޓް... ދުރުގައި ހުރޭ" ލޯ އަޅާލަމުން ދަތްކުނޑިވިކައިލައިގެން ހުރެ ނިމްރާ ބުނެލިއެވެ. ލާނެތް ހިންޏެއް އައިސްފައި އަރްސަލް ހުރީއެވެ. ނިމްރާއަށް ވީގޮތް އޭނާއަށް މަޖާވީއެވެ.
"އަހަރެންގެ ފަހަތުން ނައިސްފާނަންތަ؟" ނިމްރާ ބުނެލިއެވެ. އޭނާ އަންހެންކުދީންނަށް ޚާއްޞަ އެއްޗެހި ހުރި ހަރުގަނޑާ ކައިރިވާން އުޅެފައި ވެސް އަރްސަލް ފަހަތުގައި ހުރުމުން ބުނެލިއެވެ.
"އަހަރެން ހުއްޓެއްކަމަކު ތި ގަންނަން އުޅޭ އެއްޗެއް ގަނެވިދާނެއެއްނު" އަރްސަލް ދުރަށް ނުޖެހޭނޭކަން އަންގާލިއެވެ. ބޮލަށް އުނދަގޫވެފައި ހުރިހެން ނިމްރާ ފުންނޭވާއެއް ދޫކޮއްލުމާއެކު ކުރިއަށް ހިނގައިގަތެވެ. އަދި ސެނިޓެރީ ނެޕްކިން އަތުރާފައި ހުރި ހަރުން ނިމްރާއަށް ކަމުދާ ވައްތަރެއްގެ ދެ ޕެކެޓު ނަގައި ވަށިގަނޑަށް ލުމާއެކު އަވަސްއަވަހަށް ކައުންޓަރު ކައިރިއަށް ދާން ހިނގައިގަތެވެ.
"އެވައްތަރުތަ ބޭނުންކުރަނީ" ނިމްރާގެ ފަހަތުން އައި އަރްސަލް އަހާލީ ލާނެތް ގޮތަކަށެވެ. ދަތްކުނޑިވިކާލުމާއެކު ނިމްރާ ހުއްޓި އަރްސަލްއާ ދިމާއަށް އެނބުރިލިއެވެ.
"ކިހިނެއްވީ؟.... ކަލޭ ބޭނުންކުރަން ދޭންވީތަ؟" ރުޅިވެރިކަމާއެކު ނިމްރާ ބުނެލިއެވެ. ހިނިގަނޑު ނުހިފެއްޓިގެން އަރްސަލްއަށް ތަންކޮޅެއް ބާރަށް ހީނގަނެވުނެވެ. އެވަގުތު އެ މީހުން ފެނިގެން ރާދިން އެ ދިމާއަށް އައެވެ.
"މި މީހާގަނޑު ދުރަށްލާ ފާނަންތަ؟" އާދޭހުގެ ގޮތަކަށް ނިމްރާ ބަލާލީ ރާދިންއަށެވެ. އޭނާގެ ބޮލަށް އުނދަގޫވެފައި ހުރިކަން ރާދިންނަށް އެނގި އަރްސަލްގެ އަތުގައި ހިފާ ދަމަމުން ނިމްރާއާ ދުރަށް ރާދިން ހިނގައިގަތެވެ.
ނިމްރާ ފައިސާ ދައްކަން ކައުންޓަރު ދޮށުގައި ހުއްޓާ އެތަނަށް އަރްސަލްއާއި ރާދިންއައެވެ. ފައިސާ ކަނޑާ ނިންމާފައި ނިމްރާ ގަތް އެއްޗެހި ކޮތަޅަށް އަޅަމުން ދިޔައިރު އެ ދިމާއަށް ރާދިންގެ ނަޒަރު ވެސް ހުއްޓުނެވެ. އޭނާއަށް އަރްސަލް ހިނިއައިސްފައި ހުރިތަން ފެނުމުން ކޮނޑުގައި ޖެހިއެވެ. އަރްސަލް ބަލާލުމުން ދެފަރާތަށް ރާދިން ބޯހޫރުވާލީ ނުހޭށޭ ބުނާށެވެ. އެހެންވިޔަސް އޭނާ ބުނާ އެއްޗަކަށް އަރްސަލްގެ ފަރުވާލެއްނެތެވެ. އެ މީހުންނަށްވުރެ ކުރީން ނިމްރާ ފިހާރައިން ނުކުތެވެ. އޭނާގެ ފަހަތުން ނުކުންނަން އުޅުނު އަރްސަލްގެ އަތުގައި ރާދިން ހިފެހެއްޓިއެވެ.
ފުންނޭވާއެއް ދޫކޮއްލުމާއެކު ނިތްކުރީގައި ނިމްރާ މަޑުމަޑުން ފިރުމާލިއެވެ. އޭނާ ކުޑަކޮށް ހުންވައްތަރުވެފައި ހުރީއެވެ. އަންހެންކުއްޖަކަށް ވީތީ ކޮންމެ މަހަކު ކުރިމަތިވާ ކަމަކަށް ވިޔަސް އޭނާގެ ހަށިގަނޑު އެކަމަށް ހޭނޭ ކަމަކަށް ނުވިއެވެ. ވަރުބަލިވުމާއި ހޮޑުލަވާފައި ހުރުމުގެ އިތުރުން ހުންވައްތަރު ވުމަކީ އާންމުކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގައި މަޑު ރިހުމެއް ހުރެއެވެ. އެހާލުގައި ހުއްޓާ އަރްސަލްގެ އުނދަގޫ ބޮޑުވުމުން ނިމްރާގެ ހާލު އިތުރަށް ގޯސްވާހެން އޭނާއަށް ހީވިއެވެ. އޭނާ އެންމެ ކަންތައް ބޮޑުވަނީ އަރްސަލް އޭނާގެ ގައިގާ އަތްލާ ގޮތުންނެވެ. ބައެއްފަހަރު އޭނާ ނުރުހޭތީ އަރްސަލް ގަޞްދުގައި ކުރާ ކަމެއްހެން ނިމްރާއަށް ހީވެއެވެ. އެއްޗެއް ނުބުނިއްޔާ މާ ބޮޑުވަރު ވެދާނޭ ހީވާތީ ނިމްރާ ހިމޭނުން ނުހުންނަނީއެވެ.
"ނިމްރާ" ރާދިން ގޮވާލި އަޑާއެކު ނިމްރާ ބަލާލިއެވެ. ފިހާރައިން ދެ ޒުވާނުން ނުކުތް އިރު އަތުގައި އޮތް ސްނިކާ ޗޮކުލެޓު ފެނުނެވެ. ރާދިން އައީ ނިމްރާއަށް ޗޮކުލެޓެއް ދިއްކޮށްގެން ހުރެއެވެ. އޭނާގެ މޫނު ފެނުމުން އެއްވެސް އިހުތިޔާރެއްނެތި ނިމްރާއަށް ހިނިތުންވެވުނެވެ.
"މީ ނިމްރާއަށޭ... އަހަންނޭ ގަތީ... ދެން ހިފާ ބަލަ" އަރްސަލްއަށް ބަލާލާފައި ނިމްރާ ނުހިފަން އުޅުމުން ރާދިން ގަދަކަމުން އޭނާގެ އަތަށް ޗޮކުލެޓު ކަނޑާފައި ލައިދިނެވެ. ލުއި ހިނިތުންވުމަކާއެކު ރާދިންއަށް ނިމްރާ ޝުކުރު އަދާކުރިއެވެ.
ގެއަށް އާދެވުމާއެކު ގަތް އެއްޗެހި ކޮޓަރިއަށް ލާފައި ނިމްރާ ނުކުތެވެ. އަދި ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރު ކުރިއެވެ. ތިން މީހުން އެކުގައި ރޭގަނޑުގެ ކެއުން ނިންމާފައި މޭޒު މަތި ސާފުކުރަން ނިމްރާ އުޅުމުން ރާދިން އެކަމުގައި އެހީތެރިވިއެވެ. ހުރިހާ ކަމެއް ނިންމާފައި ނިމްރާ އެތެރެއަށް ދިއުމަށް ހިނގައިގަތުމުން އަރްސަލް ސޯފާއިން ތެދުވިއެވެ.
"ކޮންތާކަށް" ސުޕާރީ ފެކެޓެއް އަނގަޔަށް ލާ ކަނޑާލުމާއެކު ކޮފީ މޭޒު ކައިރީ އިށީންނަން އައި ރާދިން އެހިއެވެ.
"އެބަ އަންނަން" އަރްސަލް ބުނެލިއެވެ.
ނިމްރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިތާ ގިނައިރެއް ނުވަނީސް ދޮރުގައި ޓަކި ޖެހި އަޑު އިވުމުން ދޮރު ހުޅުވާލިއެވެ. އެއާއެކު ދޮރުމަތީ އަރްސަލް ހުއްޓާ ފެނުމުން ވަގުތުން އެތެރެއަށް ދެތިން ފިޔަވަޅު އަޅާލިއެވެ.
"ނުކުމޭ" އިރުކޮޅަކު ނިމްރާއަށް ބަލަން ހުރެފައި އަރްސަލް ކޮޓަރިއަށް ވަނުމުން ނިމްރާ އަމުރުކުރިއެވެ.
"އަމުރުކުރާނީ އަހަރެން... އަހަރެން ބުނިހާ ގޮތެއް ހެދިގެން ހުންނަން އެއްބަސްވެގެންނު އައިސް ތި ހުރީ. އައި އޯން ޔޫ. އެކަން ހަނދާންނައްތާނުލައްޗޭ" ނިމްރާގެ އަތުގައި ހިފާ ގަދަކަމުން އޭނާއާ ގާތަށް ދަމާލާފައި އަރްސަލް ބުނެލިއެވެ. މިފަހަރު އޭނާގެ އަޑުގައި ސާމާސާ ކުރުމެއް ނުވެއެވެ. ނިމްރާ އެއްޗެއް ބުނަން އުޅުމުން އޭނާގެ ތުންފަތުގައި އަރްސަލް ޝަހާދަތް އިނގިލި ޖައްސާ ހުއްޓުވިއެވެ.
"އަހަރެން ބުނީމަ ވާހަކަދައްކާނީ" އަރްސަލް ބުނެލިއެވެ. ނިމްރާއާ ހަތަރުކަޅި ހަމަކޮއްލައިގެން ހުރުމަށްފަހު އޭނާގެ ތުންފަތުގައި އަރްސަލް ޖައްސާލައިގެން ހުރި ޝަހާދަތް އިނގިލި މަޑުމަޑުން ހަރަކާތްކޮއްލުމުން އެ އަތުގައި ނިމްރާ ހިފެހެއްޓިއެވެ. އަދި މޫނު އަނބުރާލުމާއެކު އަރްސަލް ނިކަން އަވަހަށް އޭނާގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާއަށް ނިމްރާގެ މޫނު އަނބުރާލިއެވެ. ނިތްކުރި މައްޗަށް ވެއްޓުނު ނިމްރާގެ އިސްތަށިގަނޑުގެ ބައި މަޑުމަޑުން އަރްސަލްގެ އަތުން ރީތިކޮއްލަ ދެމުން އޭނާ ވާހަކަދެއްކީ މަޑުންނެވެ.
"ޔޫ ޓޭކް ރެސްޓް... ޓޭކް ކެއަރ އޮފް ޔޯސެލްފް... މާދަމާ ކައްކާނެ ކަމެއްނެތް. އަން! މާ ބޮޑަށް ބަނޑަށް ތަދުވަންޏާ މީގެން އެއް ގުޅަ ކާނީ" އަރްސަލްގެ ޖީބުން ނެގި ބޭސްކާޑު ނިމްރާގެ އަތަށް ދިނެވެ. ގެއަށް އައި މަގުމަތީ ބޭސްފިހާރަށް އަރްސަލް ވަނީ ކީއްކުރަންކަން ނިމްރާއަށް އެވަގުތު އެނގުނެވެ. ނުބަލަން ހުއްޓެއްކަމަކު އަރްސަލްއާ ނިމްރާ ނަޒަރު ސީދާ ކޮއްލިއެވެ. ކުއްލިއަކަށް އޭނާގެ ގާތުގައި ހުރި އަރްސަލްގެ ޠަބީޢަތް މުޅިން ބަދަލުވި ކަހަލައެވެ. ހިތެއްނެތްހެން ހީވިޔަސް އަރްސަލްގެ މޭގައި އޯގާތެރިކަން އެކުލެވޭ ހިތެއްވާހެން ނިމްރާއަށް އިހުސާސް ކުރެވުނެވެ. އަރްސަލްގެ ލޮލުން ތަފާތު އަސަރެއް ފާޅުވި ކަހަލައެވެ. ނިމްރާގެ ކޯތާފަތުގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ. އެ ބީހުމުގައި ތަފާތުކަމެއް ޔަގީނުން ވެސް ވިއެވެ. ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅަށްޖެހި ހީބިހި ނަގައިގެން ދިޔައެވެ.
"މޮޔައެއްހެން ހުންނަންވީކީނޫން... ގެޓް ލޮސްޓް" ނިމްރާއަށް އިރުކޮޅަކު ބަލަން ހުރެފައި ކުއްލިއަކަށް އޭނާ ފަހަތަށް ކޮއްޕާލަމުން ހަރުކަށިގޮތަކަށް އަރްސަލް ބުނެލިއެވެ. ލިބުނު ހައިރާންކަމާއެކު ޖަވާބެއްދޭން ނޭނގިފައި އަރްސަލްއަށް ބަލަން ނިމްރާއަށް ހުރެވުނީއެވެ. އަރްސަލް އެ ކޮޓަރިން ނުކުންނަން ހިނގައިގަނެފައި އެނބުރިލަމުން ނިމްރާގެ ނިތްކުރީގައި ފުއްޓަކެއް ޖަހާލިއެވެ. ނިމްރާ ތަދުވެގެން ނިތްކުރީގައި ހިފަހައްޓާލިއެވެ.
"މާގިނައެއްކޮށް ޗުއްޓީ ލިބޭނެކަމަށް ހީނުކުރާތި" އަރްސަލް ހަރުކަށި ގޮތަކަށް ބުނެލިއެވެ. އަދި ކޮޓަރިން ނުކުމެ އޭނާގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ހިނގައިގަންނަން ނޭނގިފައި އިރުކޮޅަކު އަރްސަލް މަޑުކޮށްލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިގެން ދިޔަތަން ފެނުނެވެ.
"ސްކާލެޓް" ހިނިއައިސްފައި ހުރެ ވައިއަޑުން ކަހަލަ ގޮތަކަށް އަރްސަލް ބުނެލުމާއެކު އަމިއްލަ ނިތްކުރީގައި ޖަހާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ސިޓިންރޫމާ ދިމާއަށް އައެވެ. (ނުނިމޭ)