ހަބަރު

ހެކިން ހާޒިރުނުކުރެވިގެެެން ރިލްވާންގެ ޝަރީއަތް މިއަދުވެސް ކެންސަލް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ފޮރުވި މައްސާލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުން ތާވަލުކުރީ 3:00 އަށެވެ.

ކުރިމިނަލް ކޯޓުން ބުނީ، މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ ދައުލަތުގެ ފަރާތުން ހެކިން ޝަރީއަތަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ އަޑުއެހުން ތަކެއް ތާވަލްކޮށްފަ އެވެ. ނަމަވެސް ރިލްވާންގެ މައްސަލާގައި ހުށަހަޅާފައިވާ ހެކިން ޝަރީއަތަށް ހާޒިރު ނުކުރެވިގެން ޝަރީއަތްތައް ވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ޕީޖީއިން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވާ ގޮތުގައި މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް ނިންމާލަން ބޭނުންވާ ކަމަށެވެ.

މައްސަލާގައި ޖުމްލަ 29 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް މިހާތަނަށް ހެކި ބަސް ނެގިފައިވަނީ އާއިލީ އަށް މީހުންނާއި ސިއްރު ފަސް ހެކިވެރިޔެއްގެ ހެކި ބަހާއި ފާޅުގައި ހެކިބަސް ދިން ތިން މީހެއްގެ ހެކި ބަހެވެ. އޭގެ ފަހުން ދެ ހަފްތާއެއް ވަންދެން ތައާވަލްކުރި ޝަރީއަތްތައްވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ގާޒީ އާދަމް އާރިފް މީގެ ކުރިންވެސް ވަނީ ހެކިން ހާޒިރުކުރުމަށް ދައުލަތަށް އެކަށީގެންވާ ގިނަ ވަގުތުތަކެއް ދެވިފަކަން ފާހަގަކުރައްވާ ވީއެންމެ އަވަހަކަށް ހެކިން ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ. ހެކިން ހާޒިރުކުރުމަށް ގިނަ ވަގުތުތަކެއް ދީފައިވާއިރު ވެސް ހެކިން ހާޒިރު ނުކުރެވޭތީ އެކަމުގައި ގޮތްތަކެއް ނިންމަވާނެ ކަމަށް ގާޒީ މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.