ހޮލީވުޑް

"ކުއެންޓިކޯ" ސީޒަން 3ގެ ޓީޒާ: އެލެކްސްއާއި ރަޔަން ވަކިވީތަ؟

ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ އެެމެރިކަން ޓީވީ ސީރީޒް "ކުއެންޓިކޯ" ގެ ތިން ވަނަ ސީޒަން މި މަހު 26 ގައި ދައްކަން ފަށާނެ އެވެ. ސީޒަން ތިނެއް ފެށެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ކުއެންޓިކޯ ގެނެސްދޭ އޭބީސީ ނެޓްވޯކުން މިހާރު ވަނީ މި ސީރީޒްގެ ޓީޒާއެއް އާންމުކޮށްފަ އެވެ.

އާ ޓީޒާ އިން ގިނަ ބަޔަކު ހައިރާންކޮށްލިއިރު، ބެލުންތެރިންގެ ހިތްތަކުގައި އެތަށް ސުވާލުތަކެއް ވަނީ އުފައްދާފަ އެވެ. ސީޒަން ދޭ ނިމުނުއިރު ފެނުނު މަންޒަރާއި ޓީޒާ އިން ފެންނަ މަންޒަރު މުޅިން ތަފާތެވެ. އެންމެ ގިނަ ބަޔަކު ސުވާލުކުރަމުން އަންނަނީ އެލެކްސް (ޕްރިޔަންކާ) އާއި ރަޔަން (ޖޭކް) ގެ ލޯބީގެ ޖޯޑަށް ވީ ކިހިނެތް ހެއްޔެވެ.

ސީޒަން ދޭ ނިމޭތަނުން ފެނިގެންދަނީ އެލެކްސް އާއި ރަޔަން ދިމާވާތަނެވެ. އެ ދެމީހުން ދިމާވަނީ އެލެކްސް އޭނާ މަރުވިކަމަށް އަމިއްލައަށް ދޮގު ހަބަރު ފަތުރައިގެން އުޅުމަށްފަހު އެމެރިކާ އިން ބޭރުވުމަށް އަރާ ފުލައިޓުގެ ތެރެއިންނެވެ. އެލެކްސް އާއި ރަޔަން އަކީވެސް އެފްބީއައިގެ އޭޖެންޓުންނެވެ.

ބެލުންތެރިންގެ ހިތުގައި ޓީޒާއާއި މެދު ސުވާލު އުފެދުނީ މިހާ ހިސާބުންނެވެ. ސީޒަން ދޭއް ނިމުނުއިރު އެ ދެމީހުން އެއްކޮށް ފެނުނުއިރު އާ ސީޒަންގެ ޓީޒާގައި ރަޔަން ނުވެސް ފެނެ އެވެ. އެލެކްސް ފެންނަނީ އެހެން މީހަކާއެކު އެވެ. އެ ދެމީހުނާއެކު ކުޑަކުއްޖެއްވެސް ފެނެ އެވެ. ހީވަނީ ކުޑަ އާއިލާއެއް ހެންނެވެ. އާ ޓީޒާގައި ދައްކަނީވެސް ތިން އަހަރު ފަހެވެ.

"ކުއެންޓިކޯ" ސީޒަން 3 ގެ ޓީޒާ.

އެލެކްސް އާ ދިރިއުޅުމެއް ފަށައިގެން އުޅޭ ތަން ފެނުނަސް އޭނާގެ ވާހަކަތަކުން މާޒީ ހަނދާން ނުނެތޭ ކަމަށް ބުނެ އެވެ. ދުޝްމަނުންނާއި ދެކޮޅަށް ނިކުންނަ އެނާ ހުރީ އަދިވެސް ތައްޔާރަށެވެ. ޓީޒާ ނިމޭތަނުން އެލެކްސް ފެންނަނީ ބަޑިއެއް ހިފަހައްޓައިގެން ހުންނަތަނެވެ.

ކާމިޔާބު ދެ ސީޒަނަކަށްފަހު މިއީ ކުއެންޓިކޯގެ ފަހު ސީޒަނެވެ. އެހެން ސީޒަންތަކާއި ހިލާފަަށް ތިން ވަނަ ސީޒަން މި ގެނެސްދެނީ ލަހުންނެވެ. ކުރީގެ ސީޒަންތަކުގައި 22 އެޕިސޯޑު ގެނެސްދިން ނަމަވެސް މިފަހަރުގެ ސީޒަންގައި ގެނެސްދޭނީ އެންމެ 13 އެޕިސޯޑެވެ.