ހޮލީވުޑް

"ޓާމިނޭޓާ" ރީބޫޓް ރިލީޒްކުރާ ދުވަސް ފަސްކޮށްފި

ގިނަ ދުވަސްތަކަކަށްފަހު ހޮލީވުޑްގެ މަޝްހޫރު ބަތަލް އާނޯލްޑް ޝުވާޓްސްނީގާ، ސްކްރީނަށް އަނބުރާ އައުމަށް ހަމަޖެހިފައިވާ ފިލްމު "ޓާމިނޭޓާ" ގެ ރީބޫޓް ފިލްމު ރިލީޒްކުރާ ދުވަސް ފަސްކޮށްފި އެވެ. މިއީ ޓާމިނޭޓާ ފިލްމު ސީރީޒްގެ ހަވަނަ ފިލްމެވެ.

ވެރައިޓީން ރިޕޯޓުކުރި ގޮތުގައި މި ފިލްމު ވަނީ ކުރިން ރިލީޒް ކުރަން ހަމަޖައްސާފައި އޮތް ތާރީހުގެ ތިން މަސް ފަހަތަށް ޖައްސާފަ އެވެ. ކުރިން މި ފިލްމު ރިލީޒް ކުރާނެ ކަމަށް އިއުލާނުކޮށްފައި އޮތީ ޖުލައި 26، 2019 ގަ އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރާނެ ތާރީހުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނޮވެމްބަރު 22، 2019 އެވެ.

މި ފިލްމު ގެނެސްދޭ ޕެރެމައުންޓް ޕިކްޗާސް އިން ނެރުނު ބަޔާނަކާއި ހަވާލާދީ ވެރައިޓީން ބުނެފައި ވަނީ ފިލްމު ރިލީޒްކުރާ ތާރީހު ފަސްކުރީ ލޮސް އެންޖަލަސްގެ ހޮސްޕިޓަލެއްގައި އާނޯލްޑް އެމަޖެންސީ ފަރުވާ ހޯދަމުންދާތީ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީހު ފަސް ކުރުމާއި ދާދިފަހުން އާނޯލްޑް ހިތުގެ ސާޖަރީއެއް ކުރުމާއި އެއްވެސް ގުޅުމެއް ނެތްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަނޯލްޑްގެ އިތުރުން މި ފިލްމު ސީރީޒްގެ ކުރިީގެ ފިލްމުތަކުން ފެނިގެންދިޔަ ބަތަލާ ލިންޑާ ހެމިލްޓަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ސްކައިޑާންސް މީޑިއާ ކޮމްޕެނީ އަދި ޖޭމްސް ކެމެރަން އެވެ. ޑައިރެކްޓުކުރަނީ ޓިމް މިލާ އެވެ. މި ފިލްމަކީ ޓާމިނޭޓާގެ ދެ ވަނަ ފިލްމުގެ ސީގުއެލް އެކެވެ.