ހޮލީވުޑް

"އެެވެންޖާސް: އިންފިނިޓީ ވޯ" ގައި ވަަކަންޑާގެ ހަނގުރާމައެއް!

މާވެލް ސިނެމެޓިކް ޔުނިވާސްގެ 19 ވަނަ ފިލްމު "އެވެންޖާސް: އިންފިޓީ ވޯ" ރިލީޒްކުރަން މި ވަނީ ކުޑަދުވަސްކޮޅަކަށްވެފަ އެވެ. މި މަހު 27 އިން ފެށިގެން މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ.

މާވެލް އިން މިހާރު ވަނީ މި ފިލްމުގެ އާ ޓީވީ ޕްރޮމޯ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ޕްރޮމޯ ވީޑިއޯ ހާއްސަ ވަނީ މާވެލް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމު "ބްލެކް ޕެންތާ" ގެ ރަށް، ވަކަންޑާގައި ހިނގާ ބޮޑު ހަނގުރާމައެއް ފެނިގެންދިއުމެވެ. ބްލެކް ޕެންޗާއަކީ މިހާރު އެމެރިކާގައި ތިން ވަނައަށް އެންމެ ބޮޑު އާންމަދަނީއެއް ހޯދި ފިލްމެވެ.

އެވެންޖާސް: އިންފިނިޓީ ވޯއަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދޭނެ އެންމެ ބޮޑު ފިލްމެވެ.

"އެވެންޖާސް އިންފިޓީ ވޯ"ގެ އާ ޓީވީ ޕްރޮމޯ ވީޑިއޯ.

މި ފިލްމުގައި ފެނިގެންދާނެ މާވެލް ސިިނަމެޓިކް ޔުނިވާސްގެ އިތުރު ސުޕަހީރޯ ކެރެކްޓާސްތަކުގެ ތެރޭގައި ސްޕައިޑާ މޭން، ތޯރް، ހަލްކް، އަދި އަޔަން މޭން އާއި އިތުރު ކެރެކްޓާސްތައް ހިމެނެ އެވެ. މި ހުރިހާ ސުޕަހީރޯތަކެއް މި ފިލްމުގައި ހަނގުރާމަކުރާނީ އެ އެންމެންގެ ދުޝްމަނު ތެނޯސްއާއި ދެކޮޅަށެވެ.

މި ކެރެކްޓާސްތަކުގެ ރޯލުންވެސް ފެނިގެންދާނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ކުޅެފައިވާ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.