ފިލްމީ ދާއިރާގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލިބުނު ބޮޑު ކާމިޔާބީއާއި މެދު ހައިރާން ނުވާ ކަމަށާއި އަބަދުވެސް ބޭނުންވީ މި ދާއިރާގައި އެންމެ ކުރިއަށް ދިއުމަށް ކަމަށް ބޮލީވުޑްގެ ތަރި ރާޖްކުމާރް ރާއޯ ބުނެފި އެވެ. ރާޖްކުމާރް މިހެން ބުނެފައި ވަނީ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ"އަށް ދިން އިންޓަވިއުއެއްގަ އެވެ.
މިފަހުން ބޮލީވުޑްގައި އެންމެ ތަފާތު އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ރާޖްކުމާރް 33، ބުނީ ކާމިޔާބީއަކީ ބައެއް ފަހަރު "ލަނޑަކަށް"ވެސް ވެދާނެ ކަމަށެވެ. މިދިޔަ އަހަރު ގިނަ ފިލްމުތަކެއްގައި ތަފާތު ރޯލުތަކުން އޭނާ ވަނީ ފެނިގެންގޮސްފައިވެ އެވެ. "ޓްރެޕްޑް"، "ނިއުޓަން"، "ބަރްލޭ ކީ ބަރްފީ"، "ބެހެން ހޯގީ ތޭރީ" އަދި "ޝާދީ މޭ ޒަރޫރް އާނާ" ގައި އޭނާ ދެއްކި އެކްޓިންއަށް ގިނަ ބައެއް ތައުރީފު އޮހުނެވެ.
"އަހަރެން ބޭނުންވަނީ ކެރިއަރުގައި އެންމެ ކުރިއަށްދާން. އަހަރެންގެ މޮޅުކަން އަދި ނުފެނޭ. އަހަރެންގެ ހުރި ހުނަރުގެ މޮޅުކަން އަދި ފެންނާނެ." ރާޖްކުމާރް ބުންޏެވެ.
ބޮލީވުޑްގެ އޭ ލިސްޓެޑް އެކްޓަރުންނާއި އެއް ފެންވަރަކަށް ދެވިއްޖެކަމަށް ގަބޫލުކުރަންތޯ އެހުމުން ރާޖްކުމާރް ބުނީ، "އަހަރެން ގަބޫލުކުރަނީ ބުރަ މަސައްކަތް ކުރަންޖެހޭނެ ކަމަށް. ފިލްމެއް ބޮކްސް އޮފީހުގައި ހިނގާނެ ގޮތަކީ އަހަރެންގެ އަތްމަތީގައި އޮންނަ ކަމެއް ނޫން. އަހަރެންގެ އަތްމަތީގައި އޮންނަނީ ތެދުވެރިކަމާއެކު އަހަރެންގެ މަސައްކަތް ބޮޑު ސްކްރީނަށް ގެނެސްދިނުން. އަހަރެން އުފާވޭ މިއަދު ގިނަ ބަޔަކު އަހަރެންދެކެ ލޯބިވާތީ." އެވެ.
ފިލްމީ ދާއިރާއަށް ފުރަތަމަ ނިކުތްއިރު ފިލްމެއް ކުޅުމަށް ފުރުސަތެއް ހޯދުމަށް އުޅެންޖެހުނީ އަމިއްލައަށް ކަަމަށާއި ނަމަވެސް މިއަދު ބޮޑެތި ފިލްމު އުފެއްދުންތެރިންނާއި ޕްރޮޑިއުސަރުން ފިލްމުތަކުގައި އޭނާއަށް ފުރުސަތުތައް ދިނުމަށް އަންނަަކަމަށް ރާޖްކުމާރް ބުންޏެވެ.
"މިއަދު އަހަރެންނަށް ވަރަށް ގިނަ ފުރުސަތުތައް އެބަހުރި. ކުރީގައި ނެތް މާ ބައިވަރު ފުރުސަތުތަކެއް. މިހާރު ލިބޭ ފުރުސަތުތަކުން އެއްޗެއް އިހްތިޔާރުކުރާއިރު ބަލަނީ ވީހާވެސް ތަފާތު އަދި ޗެލެންޖިން އެއްޗެއް ހިޔާރުކުރެވޭތޯ."
"އަހަރެން ކުޅޭ ފިލްމުތައް ވަރަށް ބޮޑުތަން ބަދަލުވެއްޖެ. އަހަރެން ކުޅުނު ފިލްމުތަކަކީ އާދައިގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމުތަކެއް. އޭ ލިސްޓެޑް މީހުނާއެކުވެސް އެބަ ކުޅެން ފިލްމު. އަހަރެން އަބަދުވެސް ބޭނުންވަނީ ރަނގަޅު ބަޔަކާއެކު ފިލްމު ކުޅެން. މިއަދު އެކަންވާތީ އުފާކުރަން." ރާޖްކުމާރް ބުންޏެވެ.
ފިލްމުތަކުގައި މިހާރު ގިނައިން ލީޑު ރޯލުތަކުން ފެނިގެންދިޔަ ނަމަވެސް އޭނާގެ ހުނަރު ދައްކާލެވޭނެ ވަރުގެ ރޯލަކަށް ވެއްޖެނަމަ ކުޑަ ރޯލެއް ލިބުނަސް ކުޅޭނެ ކަމަށް ރާޖްކުމާރް ބުންޏެވެ.
ރާޖްކުމާރް ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމުތަކުގައި ނުފެންނަ ވަރުގެ ވަރުގަދަ ކެރެކްޓާސްތަކެއް ކުޅެފަ އެވެ. މިފަދަ މޮޅު ކެރެކްޓާސްތަކެއް ކުޅުމުގެ ފުރުސަތުދިނީތީ އޭނާ ޑައިރެކްޓަރުންނާއި އަދި ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.
"މަސައްކަތްތައްދާގޮތާއި މެދު ވަރަށް ހިތްހަމަޖެހިގެން މިހުރީ. ކުރިއަށް އޮތްތަނުގައި އަދި ރަނގަޅު ފިލްމުތަކުގައި މަސައްކަތްކުރަން ފުރުސަތު ލިބި ތަފާތު ފެނިގެންދާނެ ކަމަށް އުއްމީދުކުރަން."
ރާޖްކުމާރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޮމަރްތާ" އާއި "ފަންނޭ ހާން"، "ސްޓްރީ"، "މެންޓަލް ހޭ ކިޔާ" އަދި "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ހިމެނެ އެވެ.
އެންމެ އަވަހަށް ނިކުންނާނީ އޮމަރްތާ އެވެ. މި ފިލްމު މި މަހު 20 ގައި ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ. ދުނިޔޭގެ މަޝްހޫރު ޓެރަރިސްޓެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ އިން އެކަނިވެސް ރާޖްކުމާރްގެ މޮޅު ހުނަރު ފެނިގެންދެ އެވެ.